ޚަބަރު

ތުރުކިޔޭ އަށް 11 ކާޑު، ލައިފްޒިގަކީ ރަގްނިކްގެ ރަށް؟


މި ފަހަރުގެ ޔޫރޯގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން އޮސްޓްރިއާއަކީ މިހާރު ވަރަށް ގިނަ ބައެއްގެ ފެވަރިޓެކެވެ. ނުވަތަ ވަރަށް ގިނަ ބަޔަކު ހެޔޮ އެދޭ ގައުމެވެ. ސަބަބަކީ ފްރާންސާއި ނެދަލޭންޑްސް ހިމެނުނު ގްރޫޕުގެ އެއްވަނަ ހޯދައިގެން އެމީހުން ދެ ވަނަ ބުރަށް ދަތުރު ކުރުން ކަމަށެވެ.

ގިނަ ބަޔަކު މި ކުރިއެރުމުގެ އަސްލެއް ކަމަށް ދެކެނީ ކޯޗު ރަލްފް ރަގްނިކެވެ. މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ކޯޗެއް ކަމަށް ގަބޫލު ނުކުރިޔަސް އަދި މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފޭލްވި ނަމަވެސް ރަގްނިކް އަންނަނީ ކޫސަނި މައްސަލަތަކާ ދުރުވެ، މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އޭނާގެ މޮޅުކަން ސާބިތުކޮށްދެމުންނެވެ.

އޭނާ ހަވާލުވިއިރު އޮސްޓްރިއާ އޮތީ އެންމެ ފަހުގެ ވޯލްޑްކަޕަށް ކޮލިފައިނުވުމުގެ މާޔޫސްކަމުގަ އެވެ. އެމޮޅިވެރިކަން ނިކަން އަވަހަކަށް ބަދަލުކޮށް، ގަދަ އަޅައި މަސައްކަތްކުރާ ބަޔަކަށް އޮސްޓްރިއާ ޓީމު އޭނާ ބަދަލުކޮށްލީ ފުރިހަމަ އިހްތިޔާރު ލިބިގެންހުރެ އެވެ.

ރަގްނިކްގެ ކޯޗުކަމުގައި ކުޅުނު 60 ޕަސެންޓް މެޗު އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ 25 މެޗުން 15 މޮޅެވެ. ޕޯޗުގަލް އާއި ނެދަލޭންޑްސް އަދި ސްޕޭނަކީ ރަގްނިކް ހަވާލުވިފަހުން އޮސްޓްރިއާއަށްވުރެ މޮޅުވުމުގެ އިންސައްތަ މަތި ހަމައެކަނި ތިން ޓީމެވެ.

މި މުބާރާތުގައި ވަރުގަދަ ފްރާންސާއި ނެދަލޭންޑް ހިމެނުނު ގްރޫޕުގެ އެއްވަނާގައި އޮސްޓްރިއާ ދެވަނަ ބުރަށް ދިއުމަކީ އެކަކު ވެސް ކުރިން ހީކުރާނެ ކަމެއްނޫނެވެ. އެކަމަކު އެކަން ކުރުމަށްފަހު ކޯޗު ރަގްނިކް ބުނީ އޭނާގެ ޓީމަކީ ހުރިހާ ގޮތަކުން ކުއާޓާ ފައިނަލަށް ދިއުމުގެ ގާބިލްކަން ކުރި ޓީމެއް ކަމަށެވެ.

ރަގްނިކް ބުނީ ޔޫރޯ ފައިނަލް ކުޅުމާއި ތަށި ހޯދުމަކީ ނުވާނެ ކަމެއްކަން އޭނާއަށް އެނގޭ ކަމަށާއި މުބާރާތް ފެށިއިރު ވިސްނުމަކަށްވީ މެޗަކަށް ފަހު މެޗަކަށް ވިސްނައިގެން ކުރިއަށް ދިއުން ކަމަށެވެ. އަދި އޭނާގެ ވިސްނުން ކާމިޔާބު ކަމަށާއި މިހެންވެ ދެން ވެސް ދުރަށް ނުވިސްނައި އޮސްޓްރިއާ އަމާޒުހިފާނީ މެޗަށްފަހު މެޗެއްގައި ކުރިއަށްދާން ކަމަށެވެ. އަނެއްކޮޅުން މިރޭގެ މެޗު ކުޅޭ ލައިޕްޒިގަކީ ރަގްނިކް 10 އަހަރު ކުޅުނު އުޅުނު ސިޓީއެވެ. އޭނާ ބުނީ މިއީ އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމެއް ކަމަށާއި ސިޓީތެރެ އާއި ދަނޑު ފެނުމުން ކުރީގެ ހަނދާންތައް އާވެގެންދިޔަ ކަމަށެވެ.

މި މެޗުގައި އޮސްޓްރިއާގެ ކެވިން ވިމާ އަށް ދެ ކާޑު ހަމަވެގެން ނުކުޅެވުނަސް ފިލިޕް އެމްވޭނޭ އަށް ލިބުނު އަނިޔާއިން ވަނީ ރަނގަޅުވެފަ އެވެ.

އޮސްޓްރިއާގެ ކުޅުން ދެކެފައި ތުރުކިޔޭގެ ކޯޗު ވިންސެންޒޯ މޮންޓެޔާ ބުނީ އޭނާގެ ޓީމު ކުރިމަތިލާން ޖެހިފައިވަނީ ހުރިހާ ޑިޕާޓްމަންޓެއް ވެސް ވަރުގަދަ އެންމެ ގަދަފަދަ ޓީމާ ކަމަށެވެ.

މޮންޓެޔާ ބުނީ ގައުމީ ޓީމެއް ވަކި އުސޫލަކުން، އެހާ ތަރުތީބުން ކުޅެން ފެށުމުން އޭނާ އަށް އޮސްޓްރިއާ ފެންނަނީ އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅޭ ވަރުގަދަ ޓީމެއް ފަދައިން ކަމަށެވެ. އެއީ ވަރަށް އެގްރެސިވް އަދި ޓްރާންސިޝަން މޮޅު ބައެއް ކަމަށެވެ.

ޗެކް ރިޕަބްލިކް މެޗުގައި ތުރުކިޔޭގެ 11 ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި ނަމަވެސް އެ ޓީމުގައި ސަސްޕެންޝަނެއްނެތެވެ. ކެޕްޓަން ހަކާން ޗަޅަނޮގްލޫ އާއި ދިފާއީ ތަނބު ސަމެޓް އަކަޔިއްދީނާއެކު ކުޅެން އަބްދުލްކަރީމް ބާޑަކީ މިހާރު ހުރީ މުޅިން ފިޓްކޮށެވެ.

މި މެޗަކީ މި ދެ ޓީމުގެ 18 ވަނަ ކުރިމަތިލުމެވެ. އެމަކަކު މިއީ ބޮޑު މުބާރާތެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.