ޚަބަރު

ހީރޯ އަކީ ކީޕަރު ޑިއޯގޯ ކޮސްޓާ، ޕޯޗްގަލް ކްއާޓާ އަށް


  • []

ޕެނަލްޓީގައި 3-0 ން ސްލޮވީނިޔާ ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ޕޯޗްގަލް ޖާގަ ޔަގީން ކޮށްފިއެވެ.

ޕޯޗްގަލް ކްއާޓާ ފައިނަލަށް ދަތުރުކުރީ މެޗުގެ 90 މިނިޓާއި، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެ ހާފްގައިވެސް ދެޓީމްކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި ސްލޮވީނިޔާއިން ޖެހި ތިން ޕެނަލްޓީ ވެސް ޕޯޗްގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަ ކޮށްފައެވެ. ޕޯޗްގަލް ކްއާޓާ ފައިނަލަށް ގެންގޮސްދިން ހީރޯއަކީ ކީޕަރެވެ. ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފް ނިމެން ދަނިކޮށް ޑިފެންޑަރ ޕެޕޭއަށް ހެދުނު ގޯހަކުން ސްލޮވީނިޔާގެ ސެސްކޯ އެކަނި އަރާ ފޮނުވާލި ބޯޅަ ވެސް ދިފާއު ކޮށްފައެވެ. ސްލޮވީނިޔާއިން ޕެނަލްޓީ ޖެހީ ޖޯސިޕް އިލިސިކް، ބަލްކޮވެޗް، އަދި ބެންޖަމިން ވާބިކް އެވެ.

ޕޯޗްގަލްއިން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކުރިއެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފް ނިމެނިކޮށް ޕޯޗްގަލް އަށް ލިބުނު ޕެނަލްޓީ ކެޕްޓަން ރޮނަލްޑޯ އަތުން ނާކާމިޔާބު ވިޔަސް އޭނާ ވަނީ ޕެނަލްޓީ ޝޫޓް އައުޓްގައި އިސްނަގާ ޕޯޗްގަލްގެ ފުރަތަމަ ޕެނަލްޓީ ވަރަށް އިތުބާރާއެކީ ކާމިޔާބުކޮށްފައެވެ. ޕޯޗްގަލްގެ ދެވަނަ ދެވަނަ ޕެނަލްޓީ ކާމިޔާބުކުރީ ބުރޫނޯ ފެނާންޑޭޒް އެވެ. އަދި ތިންވަނަ ޕެނަލްޓީ ކާމިޔާބުކޮށް ކްއާޓާ ޔަގީންކޮށްދިނީ ބާނާޑޯ ސިލްވާ އެވެ.

ކުޅުމުގެ ތެރެއިން 90 މިނިޓްގެ ތެރޭގައި ރަނގަޅު އޯޕަން ފުރުޞަތު ތަކެއް ދެޓީމަށްވެސް ނުލިބެއެވެ. އެންމެ ރަނގަޅު ފުރުޞަތަކީ ނަތީޖާ ނެރުމަށް ކުޅުނު ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި އޭރިޔާތެރެއިން ޖޮޓާ އަށް ކުރި ފައުލަށް ދިން ޕެނަލްޓީ އެވެ. އެޕެނަލްޓީ ނާކާމިޔާބު ވުމުން ކެޕްޓަން ރޮނަލްޑޯ ވަރަށް ބޮޑަށް ރޮމުން ދިޔަ މަންޒަރު ފެނުނެވެ. ހާފް ޓައިމްގައި އެހެން ކުޅުންތެރިން ރޮނަލްޑޯ އަށް ހިތްވަރުދީ ހަމަޔަކަށް އެޅުވި ނަމަވެސް މެޗަށް ނިކުއިން އިރުވެސް އޭނާގެ މޫނުމަތީން މާޔޫސްކަން ފެންނަމުން ދިޔައެވެ.

މެޗު ފަށައިގެން 7 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ރޮނަލްޑޯ އަށް ރަނގަޅު ބޯޅައެއް ދިން ނަމަވެސް ފޮނުވާލުމުގެ ކުރިން އެބޯޅަ އޭނާ އަތުން ގެއްލުނެވެ. އޭގެ ފަސް މިނިޓް ފަހުން ބާނާޑޯ ސިލްވާ އޭރިޔާތެރެއަށް ނަގައިދިން ރީތި ހުރަސް ރޮނަލްޑޯ އަށްވެސް ބުރޫނޯ ފެނާންޑޭޒް އަށްވެސް ޖައްސާ ނުލެވި އަރިމަތި ދަނޑި ކައިރިން ބޭރުވިއެވެ. ޑީ އޭރިޔާ ރޮނގު ކައިރިން 33 ވަނަ މިނިތްގައި ލިބުނު ހިލޭޖެހުން ރޮނަލްޑޯ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ހާފް ނިމެނިކޮށް ސްލޮވާކިޔާއިންވެސް ފުރުޞަތެއް ހޯދިއެވެ. އޭރިޔާ ބޭރުން ސެސްކޯ ރަނގަޅު ބޯޅައެއް ފޮނުވާލި ނަމަވެސް ކީޕަރު ދިފާއުކޮށް އަތަށް ނެގިއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ޑީއޭރިޔާ ބޭރުން ޕައުލީނިއޯ ތިރިން ފޮނުވާލި ބާރުބޯޅަ ދިޔައީ ގޯލްގެ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފް ފަށައިގެން ފަސް މިނިތްގެ ތެރޭގައި ޑީއޭރިޔާ ބޭރުން ލިބުނު ހިލޭޖެހުން ރޮނަލްޑޯ ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް އޭރިޔާ ތެރެއިން ޖޮޓާ ރޮނަލްޑޯއަށް ދިން ރީތި ބޯޅަ ތިރިތިރިން ފޮނުވާލުމުން ދިފާއުކުރީ ކީޕަރެވެ.

ނަތީޖާ ނެރުމަށް ކުޅުނު ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ހިލޭޖެހުމަކުން ގޯލްއޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ޕޯޗްގަލްގެ ޕައުލީނިއޯ ބޮލުން ޖެހިނަމަވެސް ކީޕަރުން އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ. ގިނަ ކާޑް ތަކެއް ދެއްކި މެޗުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ސްލޮވީނިޔާގެ ކޯޗު ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ ދެކޮޅު ހެދުމުން ސީދާ ރަތްކާޑެއް ދައްކާ ބެންޗުން ފޮނުވާލުމެވެ. ޕެނަލްޓީ ޝޫޓްއައުތަށް ދިޔައިރު އޭނާ ބެންޗަކު ނެތެވެ. ޕޯޗްގަލް ކޯޗު މާޓިނޭޒް އަށްވެސް ރީނދޫ ކާޑެއް ދެއްކި އެވެ.

ކްއާޓާ ފައިނަލްގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ފްރާންސާއެވެ.