ޚަބަރު

ރާއްޖޭގެ 20 އިމާމަކަށް ބުރުނާއީގައި ތަމްރީނުވުމުގެ ފުރުޞަތު ލިބިއްޖެ


  • އިމާމުންނާއި ޚާތިބުން ތަމްރީނުގެ ކުރުމުގެ ޤައުމީ މަޝްރޫޢު ފެށީ މިއަހަރު ފެބްރުއަރީ މަހު

  • މި ޕްރޮގްރާމުގެ ދަށުން ސަޢުދީއަށް މީގެކުރިން ވަނީ ދެ ބެޗެއް ގޮސްފައި

ބޭރު ޤައުމުތަކުގައި އިސްލާމްދީނުގެ ދައިރާއިން ތަމްރީނު ހޯދުމުގެ ފުރުޞަތުގެ ދަށުން، ބުރުނާއީގައި ރާއްޖޭގެ 20 އިމާމަކު ތަމްރީނު ވުމަށް މިމަހުގެ މެދުތެރޭ ފުރާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ހޯދުމުގެ ފުރުޞަތުގެ ދަށުން، ބުރޫނާއި ދާރުއްސަލާމަށް ރާއްޖޭގެ 20 އިމާމަކު މި މަހު 15 ގައި ފުރާނެކަމަށެވެ.

އިމާމުންނަށް ބާއްވާ މި ތަމްރީނު އޮންނާނީ ބުރުނާއީގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.


ރާއްޖެއާއި ރާއްޖެއިން ބޭރުން ޢިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.

މި މަޝްރޫޢުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ ސަޢުދީ ޢަރަބިއްޔާއާގެ އިތުރުން މިޞްރު، މެލޭޝިޔާ، އަދި ބުރޫނާއިގެ އިތުރުން އިންޑޮނޭޝިޔާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން ލިބުނު ފުރުޞަތުތަކުގެ ތެރެއިން މިހާތަނަށް އިމާމުންނާއި ޙާތިބުންގެ ތެރެއިން 20 މީހަކު ފެބްރުއަރީ މަހު ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރިއިރު، މިދިޔަ މޭއި މަހު އިތުރު 18 މީހެއް ދެވަނަ ބުރުގައި ސަޢުދީއަށް ދިޔައެވެ.