ޚަބަރު

މިއީ މުބާރާތުގެ އައު މަރުހަލާއެއް، އިތުރު ފުރުޞަތެއް ނުލިބޭނެ: ޑެޝޯމްޕްސް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ނިކުތުމުގެ ކުރީން، ފްރާންސްގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ބުނީ، މިހާރު ފްރާންސުން ތިބީ މުބާރާތުގެ އައު މަރުހަލާއެއްގައި ކަމަށާއި، ނޮކްއައުޓް ބުރަކީ މުބާރާތުގެ ތެރޭގައި ހިމެނޭ އިތުރު މުބާރާތެއް ކަމަށެވެ.

ގްރޫޕް ސްޓޭޖާއި ހިލާފަށް މިހާރު އެއްވެސް ޓީމަކަށް އިތުރު ފުރުޞަތެއް ނުލިބޭނެ ކަމަށާއި، މުބާރާތުގައި މިހާރު ތިބީ މުޅިންވެސް ވަރުގަދަ ޓީމުތައް ކަމަށް ވުމުން، އިތުރަށް ކުރިއަށްދިއުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ގޯލް ކުރިމަތީގައި އެކަން ސާބިތުކޮށްދީ ލަނޑުޖެހުން ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޑެޝޯމްޕްސް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މޮޅުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ލަނޑުޖެހުން ކަމަށާއި، މިހާތަނަށް ފްރާންސަށް ކުރިމަތިވެފައި އޮތް އެއްމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ އެކަން ކުރުން ކަމަށާއި، އެއީ ހުރިހާ ޓީމަކަށް ވެސް ދިމާވާ ކަމެއް ކަމަށް ޑެޝޯމްޕްސް ބުންޏެވެ. އެގޮތުން އެންމެ ގޯލާއި ރައްޓެހި ކުޅުންތެރިންނަށް ވެސް އެކަން ތަހައްމަލުކުރަންޖެހިފައިވާ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ޑެޝޯމްޕްސް ބުނީ، ފްރާންސް ޓީމުން ޕެނަލްޓީ ޝޫޓްއައުޓަށް ތައްޔާރުވާންޖެހޭއިރު، އިދިކޮޅު ޓީމާ ބެހޭ މައުލޫމާތު އެބަހުރި ކަމަށާއި އެންމެ ރަނގަޅަށް އޭނާގެ ކުޅުންތެރިންވެސް އެނގޭ ކަމަށެވެ. އެކަމަކު، އެންމެ ފަހުން ފްރާންސް ކުރިމަތިލީ ޕެނަލްޓީ ޝޫޓްއައުޓްގައި ބައިވެރިވި ކުޅުންތެރިންނަށް އެކަން ކުރަންޖެހުނުއިރު ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ޕެނަލްޓީ ޖަހަން އަބަދަކު އެއްބަޔަކު ނުތިބޭނެ ކަމަށާއި، އޭނާގެ އެންމެ ބޮޑު އަމާޒަކީ ޕެނަލްޓީ ޝޫޓްއައުޓަކަށް ނުގޮސް މެޗު ކާމިޔާބުކުރުން ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފައެވެ.

ފްރާންސް ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށާއި، އޭނާގެ މަސައްކަތަކީ ހުރިހާ ގޮތަކުން ތައްޔާރަށް އޮތް ޓީމެއް މެޗަށް ނެރުން ކަމަށް ވާއިރު އޭނާގެ ޓީމުން އިދިކޮޅު ޓީމަށް އެއްވެސް ކަމެއް ފަސޭހަ ނުކުރާނެ ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސްގެ ކެޕްޓަން، ކިލިއަން އެމްބާޕޭ ބުނީ، މި މުބާރާތުގައި މިހާތަނަށް އެންމެ މަތީ ލެވެލްގައި ނުކުޅެވުނުނަމަވެސް އަނެއް ބުރަށް ކޮލިފައިވެފައިވާ ކަމަށާއި، މިހާރުގެ އަމާޒަކީ ކުއާޓާ ފައިނަލް ކަމަށެވެ. އެކަން ކުރެވޭނީ މިހާރަށްވުރެ ކުޅުން އިތުރު ދަރަޖައެއް މައްޗަށް ޖައްސައިގެން ކަމަށް ވެސް އެމްބާޕޭ ބުންޏެވެ. އަދި ބެލްޖިއަމަކީ މޮޅު ޓީމެއް ކަމަށާއި، ފްރާންސަށް މެޗު ކާމިޔާބުނުކުރެވިއްޖެނަމަ އެނބުރިދާން ޖެހޭނީ ގައުމަށް ކަމަށް ވެސް އެމްބާޕޭ ވަނީ ބުނެފައެވެ.

އެމްބާޕޭ ވަނީ، އެއްވެސް ކުޅުންތެރިއަކު މިވަގުތު އެނބުރި ގައުމަށް ދާން ބޭނުންނުވާނެ ކަމަށާއި، ފްރާންސް ޓީމުން ވެސް މި ދަނޑިވަޅުގައި ޗުއްޓީއަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗު އުނދަގޫވާނެ ކަމަށާއި، އެހެންވިޔަސް ފްރާންސަކީ އެކަން ކުރެވޭނެ ވަރުގެ ޓީމަކަށް ވުމުން ހުރިހާ ކުޅުންތެރިންވެސް ކުރިއަށް އޮތް ބޮޑު ޗެލެންޖަށް ތިބީ އެންމެ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ވެސް އެމްބާޕޭ ބުންޏެވެ. އަދި އެކަން ދަނޑުމަތީގައި ސާބިތުކޮށްދޭނެ ކަމަށް ވެސް އެމްބާޕޭގެ ވާހަކައިގައި ފާހަގަކުރިއެވެ.

ބެލްޖިއަމާ ދެކޮޅަށް ފްރާންސް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.