ޚަބަރު

ކޯޓުތަކުގެ ޚިދުމަތް ބައްޓަން ކުރަންވާނީ ހުރިހާ އެންމެންނަށް ފަސޭހަވާގޮތަށް: އުއްތަމަ ފަނޑިޔާރު


  • "ކަފި" ކޮންފަރެންސްގަ ޖުޑީޝަލް ހުރިހާ ދާއިރާއެއް ތަމްސީލުވޭ

  • މިއީ މިގޮތަށް ބޭއްވޭ ފުރަތަމަ ކޮންފަރެންސް

  • ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރަން މަޝްވަރާކުރި

ކޯޓުތަކުގެ ޚިދުމަތް ބައްޓަން ކުރަންވާނީ އެންމެންނަށް ފަސޭހަވާ ގޮތަށް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރސް ކޮންފަރެންސް، ފެށުމުފެ ގޮތުން ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމީއްޔާތުގައި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާންގެ އިތުރުން މަތީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބިއިވެރިވެ ވަޑައިގެންނެވިއެވެ.

"ކަފި" މި ނަމުގައި ދެދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި މަހާސިންތާގެ މަޤްޞަދަކީ ރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ކޯޓުތަކުގައި އިދާރީގޮތުން ދެވޭ ޚިދުމަތްތައް އެއްގޮތްކޮށް ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކޮށް އެކަން ހައްލުކުރާނެ އީޖާދީ ގޮތްތަކެއް ތަޢާރަފްކުރުމަށް އެއް ތަނެއްގައި މަޝްވަރާކުރުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް އަދުނާނު ވިދާޅުވީ، ކޯޓުތަކުން ދެވޭ ޚިދުމަތް ބައްޓަން ކުރަންވާނީ ހުރިހާ އެންމެންނަށްވެސް ފަސޭހަވާ ގޮތަކަށް ކަމަށެވެ. އަދި ޒަމާނާއި އެއްގޮތަށް ޚިދުމަތްތައް ބަދަލުކުރަން އިސްކަން ދޭން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

"ޤައުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް އަންނަ ބަދަލުތަކާއިއެކު އަޅުގަނޑުމެން ކުރާ މަސައްކަތް ބަދަލު ކުރަން ޖެހޭ. މިހާރަށް ވުރެ ބޮޑަށް އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭ. ދައުލަތުގެ އިދާރާތަކަށް އަންނަ ބަދަލުތައް ބަލައި އެ ބަދަލުތަކާއި އެއްވަރަށް އަޅުގަނޑުމެންވެސް ފައި ހަމަ ކުރަން ޖެހޭ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ޖުޑީޝަލް ދާއިރާއަކުންވެސް ބައިވެރިވި މި ކޮންފަރެންސް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ، އަލްއުސްތާޒާ އައިޝަތު ރިޒްނާ ވިދާޅުވީ، މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ކޯޓުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން ބާރުވެރިވުމުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް އަމާޒަކީ ނުވަތަ ޝަރުޢީ ދާއިރާގެ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ، ރައްޔިތުންނަށް ހަލުވި ކަމާއި ފަސޭހަކަމާއިއެކު އިންސާފަށް ވާސިލްވެވޭނެ މަގުފަހިކޮށްދިނުން. އެއީ މިކޮންފަރެންސުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ. އެގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން ބާރުވެރިވުމަކީ ކޯޓުތަކުގެ ޚިދުމަތް ރަނގަޅުވެ، އާންމުންގެ އިތުބާރު ލިބޭނެ ކަމެއް " ރިޒްނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޝަރުޢީ ދައިރާގެ ގެޒެޓްވެސް ވަނީ ލޯންޗުކޮށްފައެވެ. މި ގެޒެޓަކީ ކޯޓުތަކުގެ ނޫސްބަޔާންތަކާއި އިއުލާންތަކުގެ އިތުރުން، ޝަރުޢީ ދައިރާގެ ވަޒީފާގެ ފުރުސަތުތަކާއި އާންމު އެހެން އިއުލާންތައް ޝާއިޢު ކުރުމަށް ބޭނުން ކުރާނެ ވެބްސައިޓެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި، ކޯޓުތަކުގެ ތާވަލްވެސް މި ގެޒެޓުން ފެންނާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.