ޚަބަރު

ހަމައެކަނި ޑިފެންސްކޮށްގެން މެޗެއް ކާމިޔާބެއް ނުކުރެވޭނެ: ސަންޔޯލް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި މިރޭ ސްޕެއިނާ ދެކޮޅަށް ނިކުތުމުގެ ކުރީން، ޖޯޖިއާގެ ކޯޗު، ވިލީ ސަންޔޯލް ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި ހަމައެކަނި ޑިފެންސްކޮށްގެން މެޗަކުން ކާމިޔާބީ ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސްޕެއިނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އެންމެ ފަހުން ޕޯޗުގަލްއާ ދެކޮޅަށް ދެއްކިފަދަ ކުޅުމެއް އަނެއްކާވެސް އޭނާގެ ޓީމަށް ދެއްކިދާނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށެވެ.

ސަންޔޯލް މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މުބާރާތުގެ ނޮކްއައުޓް ބުރަށް އާދެވުން ވީ ވަރަށް އިމޯޝަނަލް ވަގުތުކޮޅަކަށް ކަމަށާއި، އެއީ އެއްވެސް މީހަކު ވެދާނެ ކަމަށް ހީކުރި ކަމެއް ނޫން ކަމެއް ކަމަށް ސަންޔޯލް ބުންޏެވެ. އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

ސަންޔޯލް ބުނީ، ސްޕެއިނަކީ މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމު ކަމަށާއި، ކުރިއަށް އޮތް މެޗުގައި ކޮންމެ ނަތީޖާއެއް ވެސް ނިކުމެދާނެ ކަމަށެވެ.

ސްޕެއިނަށް ރިކަވާ ވާން އިތުރު ދުވަހެއް ލިބުނުނަމަވެސް، އެއީ މާބޮޑު ކަމެއް ނޫން ކަމަށާއި، އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެންމެ ރަނގަޅަށް ރިކަވާވެ، މިހާރުވެސް ތިބީ މެޗަށް ވީހާވެސް އަވަހަކަށް ނިކުންނަން ބޭނުންވެފައިވާކަމަށް ސަންޔޯލް ވަނީ ބުނެފައެވެ.

ކޮލިފައިންގައި ބޮޑު ތަފާތަކުން ސްޕެއިން އަތުން ބަލިވި މެޗާ ބެހޭގޮތުން ސަންޔޯލް ބުނީ، އެއީ މުބާރާތަށް އެ ޓީމު ކުރި ދަތުރުގެ ބައެއް ކަމަށާއި، އެއީ ކުރިމަތިލާން ޖެހުނު އުނދަގޫ ހާލަތެއް ކަމަށްވީއިރު މިހާރު ހާސިލްކުރެވިފައިވާ ކާމިޔާބީއަށް ވާސިލްވެވުނީ ވެސް އެފަދަ ކަންތައްތަކުން އިބުރަތްލިބިގެން ކަމަށެވެ.

މެޗާ ބެހޭގޮތުން ޖޯޖިއާގެ ގޯލްކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ބުނީ، ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ވާނީ ވަރަށް އޯޕަން ގޭމަކަށް ކަމަށާއި، ޖޯޖިއާ އިން އެއްވެސް ގޯހެއް ނުހަދައި، ރަނގަޅަށް ޑިފެންސްކުރަންޖެހޭނެ ކަމަށެވެ. އަދި އޭނާގެ ޓީމުގެ އެޓޭކުގައި ހިމެނޭ ކުޅުންތެރިންނަށް ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްކުރެވޭކަން ދައްކުވައިދީފައިވާ ކަމަށާއި، ކުޅޭ ސްޓައިލްގެ ސަބަބުން އިދިކޮޅު ޓީމަށް ނުރައްކާ ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މަމަޑާޝްވިލީ ބުންޏެވެ.

މުުބާރާތުގެ ގަދަ 16 ގެ ބުރުގައި ސްޕެއިނާ ޖޯޖިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.