ޚަބަރު

އެމްއޭސީއެލްގެ ޚަރަދު 10 ދާއިރާއަކުން ކުޑަކުރަނީ


  • ކުންފުނީގެ ޖުމްލަ ޚަރަދު %10 އާއި %20އާ ދޭތެރޭ ކުޑަވާނެ

  • އަމާޒަކީ 1 އަހަރު ތެރޭ ކުންފުނި ޕޭޕަލެސް ކުރުން

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް)ގެ ޚަރަދު 10 ދާއިރާއަކުން ކުޑަކުރުމަށް ނިންމައިފިއެވެ.

އެމްއޭސީއެލްއިން މިކަން ހާމަކޮށްފައިވަނީ މިކަމުގެ މައުލޫމާތު ހިއްސާކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ އެކުންފުނީގެ ޚަރަދުތައް ކުޑަކުރަން ނިންމީ ސަރުކާރުގެ ޚަރަދު ކުޑަކުރެއްވުމަށް ރައީސް އެޅުއްވި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ޚަރަދު ކުޑަކުރުމަށް އެކުންފުނިން 10 ވަރަކަށް ދާއިރާ ކަނޑައަޅުއްވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ތެލަށް ކުރާ ޚަރަދު، ކޮންސިއުމަބަލްސަށް ދާ ޚަރަދު، ފެނާއި ކަރަންޓާއި ދަތުރުފަތުރާއި ކުންފުނީގެ އެތެރޭގައި ކުރާ ޚަރަދުގެ އިތުރުން ކޮމިއުނިކޭޝަނާއި އިންވެންޓްރީ އާއި އެތެރޭގެ އިންވެންޓްރީތަކަށް ކުރާ ޚަރަދެވެ. މީގެ އިތުރުން އެކި ހަރަކާތްތައް ބޭއްވުމަށް ކުރާ ޚަރަދުގެ އިތުރުން ބޭންކް ޗާޖަށް ކުރާ ޚަރަދު ވެސް ކުޑަ ކުރަން ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ދާއިރާތަކުން ޚަރަދު ކުޑަކުރުމުން ކުންފުނީގެ ޖުމްލަ ޚަރަދު 10 އިންސައްތަ އާއި 20 އިންސައްތައާ ދޭތެރޭގެ އަދަދަކަށް ކުޑަކުރެވޭނެކަމަށެވެ.

" އަޅުގަނޑުމެން މިކުރާ މަސައްކަތަށް ސާރވިސް ޑެލިވަރީއަކަށް ކުޑަވެސް އަސަރެއް ނުކުރާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މަސައްކަތް އެފިޝަންޓްވެފައި ޒިންމާދާރު ކަމާއެކު ކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހޯދާ އާމްދަނީ މީގެ ސަބަބުން ވާނީ އިތުރު، އެކަށީގެންވާ ކަމަކަށް ޚަރަދު ކުރުމުން ފައިދާ ހޯދުމަށްޓަކައި ކުރަން ޖެހޭ ތަންތަނުން އިތުރު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑު ދިވެހި ރައްޔިތުންނަށްވެސް ދައުލަތުގެ ފަރާތްތަކަށްވެސް ޔަގީންކޮން އަރުވަން މިމަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ސަރވިސްވެސް ރަނގަޅުވާނެ" ޝަރީފް ވިދާޅުވިއެވެ.

އެމްއޭސީއެލްއަކީ މިސަރަހައްދުގެ ކަރަންޓް ޚަރަދު އެންމެ ބޮޑު އެއް ކުންފުންޏެވެ. އެގޮތުން މިކަމަކީވެސް ބޮޑު ޚަރަދެއް ހިނގާކަމަކަށްވުމުން ކުރިއަށް އޮތް 15 ދުވަސްތެރޭގައި ކުންފުނިން އައު ޖެންސެޓް ބޭނުންކުރަން ފަށާނެ ކަމަށާއި އޭރުން ޑީސަލަށް ކުރާ ޚަރަދު 20 އިންސައްތަ ދަށްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ދަތުރުފަތުރަށް ކުރާ ޚަރަދު ކުޑަކުރުމަށް އޮންލައިންކޮށް ތަމްރީނުތައް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ރާއްޖެއިން ބޭރުން މީހުން ތަމްރީން ކުރަން ޖެހިއްޖެނަމަ ޓްރެއިނަރުން ބޭރުން ރާއްޖެ ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ބޭރަށް ފޮނުވާ ފައިސާއަކީ ބޮޑު އަދަދެއް ކަމަށާއި އެއިން ނަގާ ބޭންކް ޗާޖު ބޮޑު ކަމުން ޚަރަދު ކުޑަކުރުމަށް ބޭންކްތަކާއި ބައްދަލުކޮށް އެއަދަދު ބަދަލު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއޭސީއެލްއިން ބާއްވާ އިވެންޓުތަކަށް ކުރާ ޚަރަދު ކުޑަކުރަންވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން މީގެ ފަހުން ކުންފުނިން އިވެންޓުތައް ބާއްވާނީ 1 ލައްކަ ރުފިޔާއަށްވުރެ އިތުރު ނުވާނެ ގޮތަށް ކަމަށެވެ. އަދި ކުންފުނީގެ ތަންތަން ފިނިކުރަނީ ފެން ބޭނުންކޮށްގެން ކަމަށްވުމުން ފެން ބޭނުންކުރާ މިންވަރު ނިސްބަތުން ބޮޑުކަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ އެތެރޭގެ ހުރިހާ ޑިޕާޓްމަންޓްތަކުގައި މީޓަރު ހަރުކޮށް އެކަމަށް ވަކި ޓީމެއް ނަގައި ފެން އިސްރާފުވާ ދިމާލެއް ހުރިތޯ ބައްލަވާނެ ކަމަށެވެ.

މީގެ އިތުރުން ޚަރަދު ކުޑަގޮތަކަށް ކޮމިއުނިކޭޝަން ވެސް ހިންގިދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ އެތެރޭގައި އިންވެސްޓްކޮށްފައި ހުރި ޓެކްނޮލޮޖީގެ ބޭނުން ރަނގަޅު ގޮތުގައި ހިފިއްޖެނަމަ. ފޯނު ލައިންތަކަށް ކުރާ ޚަރަދު 60 އިންސައްތަ ދަށް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ އެކުންފުންޏަކީ އެހެން ކުންފުނިތަކާއި އަޅާބަލާއިރު މުވައްޒަފުން ގިނަ ކުންފުންޏެއްކަމަށެވެ. އެގޮތުން، ޚަރަދު ކުޑަކުރުމަށް ކުރެވޭ ކޮންމެ ކަމަކީ ކިތަންމެ ކުޑަކަމެއް ނަމަވެސް، ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަށް ބަލާއިރު ކަރުދާހަށް ބޮޑު ހޭދައެއް ހިނގާ ކަމަށެވެ. އެހެންކަމުން އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި އެމްއޭސީއެލްއަކީ ޕޭޕާރލެސް ކުންފުންޏަކަށް ހެދުންކަމަށެވެ.