ޚަބަރު

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި


  • މި މާރާމާރީ ހިނގާފައިވަނީ ގއ. ވިލިނގިލީގައި

  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެއް

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ގއ. ވިލިނގިލީގައި ކަމަށެވެ. އެގޮތުން އެރަށުގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރީ ހިންގި މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި އަނިޔާވި 46 އަހަރުގެ އަންހެން މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާއާބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.