ޚަބަރު

ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ އައިޖީއެމްއެޗަށް ޒިޔާރަތްނުކުރުމަށް އިލްތިމާސްކޮށްފި


  • މިގޮތަށް އިލްތިމާސްކޮށްފައިވަނީ ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުގެ އަދަދު އިތުރުވެފައިވާތީ

  • ހޮސްޕިޓަލަށް ޒިޔާރަތްކުރާނަމަ މާސްކް އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައި

ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރާތްނުކުރުމަށް އައިޖީއެމްއެޗްއިން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ އައިޖީއެމްއެޗްގެ ޙައްޖު ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. މިކަމާގުޅިގެން ބަލިމީހުންނާއި މުވައްޒަފުންނާއި، މުޖުތުމަޢުގެ ރައްކާތެރިކަމަށްޓަކާ މުހިންމު ފިޔަވަޅުތަކެއް އައިޖީއެމްއެޗްއިން ވަނީ އަޅާފައެވެ.

އެގޮތުން ކޮންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ބޭނުމެއްގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރާނަމަ ވީހާވެސް އަވަހަކަށް އެނބުރި ގެއަށް ދިއުމާއި، ހޮސްޕިޓަލް ތެރޭގައި އެއްވެއުޅުން ފަދަ ކަންކަމުން ދުރުހެލިވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަމައެހެންމެ ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައި މާސްކް އެޅުމާއި، ޚާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އައިޖީއެމްއެޗްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ، ޙައްޖު މޫސުމަށްފަހު އެކި ރޯގާތައް ފެތުރޭއިރު، އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ރޯގާތަކުގެ އަދަދުވެސް އިތުރުވެފައިވާއިރު، ރޯގާ ފެތުރޭ މިންވަރު ވީހާވެސް ދަށްކުރެވޭނީ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބިގެންކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ހުޅުވާފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ. މި ކްލިނިކް ހުޅުވާފައިވަނީ އެ ހޮސްޕިޓަލުގެ ތެރޭގައި ހުންނަ ލުއިބުއިން ޓޭކްއަވޭ ކައިރީގައި ޤާއިމުކޮށްފައިވާ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް 10 އެއްގައެވެ.

މި ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 8 އަށް ލިބޭނެކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.

ޙައްޖުވެރިންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކްލިނިކެއް ޤާއިމްކުރިއިރު އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާ ގުޅިގެން، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ބޭސް ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިމަހުގެ 25 ވަނަ ދުވަހު ވަނީ ހާމަކޮށްފައެވެ.

މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު 1150 މީހުންވަނީ ގޮސްފައެވެ. އޭގެ ތެރެއިން 1149 މީހަކުވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.