ޚަބަރު

ޗެމްޕިއަން އިޓަލީ އަށް ފުރުޞަތެއް ނުދީ މޮޅުވެ، ސްވިޒަރލެންޑް ކްއާޓާ ފައިނަލަށް


  • []

ޗެމްޕިއަން އިޓަލީ އަށް ފުރުޞަތެއް ނުދީ މޮޅުވެ، ސްވިޒަރލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސްވިޒަރލެންޑް ކްއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ގަދަ 16 ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ މެޗުގައި މޮޅަށް ކުޅެ އިޓަލީ 2-0 ން ބަލިކޮށްގެން ނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ސްވިޒަރލެންޑުން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ރެމޯ ފްރެއުލާ ޖެހި މޮޅު ގޯލުންނެވެ. ރުބެން ވާގަސް އޭރިޔާ ތެރެއިން ރެމޯ ފްރެއުލާ އަށް ދިނުމުން, މެއިން ޖައްސާލުމަށްފަހު ތިރިން ފޮނުވާލީ ބާރު ބޯޅަ ގޯލްގެ އަރި މަތީ ކަނަށް ވަނީ ކީޕަރު ޑޮންނަރުމާ ފައިގަވެސް ޖެހިފައެވެ.

ލަނޑުގެ ކުރިންވެސް ފުރަތަމަ ހާފްގައި އިޓަލީ އަށް ފުރުޞަތު ނުދީ ކުޅުނީ ސްވިޒަރލެންޑުން ނެވެ. 23 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން އެމްބޯލޯ ދިން ރީތި ޕާސް ގޯލްގެ ދުރު ކަނަށް ފޮނުވާލުމުން ކީޕަރު ދިފާއު ކުރިއެވެ. އޭގެ މިނިޓެއް ފަހުން ފުރަތަމަ ހާފްގައި އިޓަލީއަށް ލިބުނު ހަަމައެކަނި ފުރުޞަތުގައި ފެޑެރީކޯ ޗިއޭސާ އޭރިޔާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާފަ ފޮނުވާލުމުން ދިފާއުކުރީ މެންޗެސްޓަރ ސިޓީއަށް ކުޅޭ ސްވިޒަރލެންޑް ޑިފެންޑަރ އަކަންޖީ އެވެ. އެބޯޅަ އަކަންޖީ ކޯނަރަކަށް ބޭރުކޮށްލިއެވެ.

ފުރަތަމަ ހާފްގެ ފަހު 15 މިނިޓްގައި ސްވިޒަރލެންޑްގެ ރޮޑްރިގޭޒް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން މާ ބޭރަށެވެ. ލަނޑަށްފަހު ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އޭރިޔާ ބޭރުން އަރިމަތިން ލިބުނު ހިލޭ ޖެހުން ފަބިއަން ރިއެޑާ ފޮނުވާލުމުން ސީދާ ގޯލްގެ ތިރީ ކަނަށް ވަންނަން ދަނިކޮށް ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ ކީޕަރު ޑޮންނަރުމާ އެވެ.

ސްވިޒަރލެންޑުން ދެވަނަ ލަނޑެއް ޖަހާ ކްއާޓާ ފައިނަލްގެ ޔަގީންކަން ހޯދީ ދެވަނަ ހާފް ފަށައިގެން މިނިޓެއްވެސް ނުވަނީހެވެ. އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްލުމަށްފަހު ރުބެން ވާގަސް ބޯޅަ އޮއްސާލީ ގޯލްގެ މަތީ ކަނަށެވެ. ސްވިޒަރލެންޑުން ދެ ލަނޑުގެ ލީޑެއް ނެގިފަހުން ދެވަނަ ހާފްގައި އިޓަލީން ދެ ފުރުޞަތެއް ހޯދިއެވެ. އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ 77 ވަނަ މިނިޓްގައި ސްކަމާކާ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. އޭގެ ކުރިން ގޯލް އޭރިޔާ ތެރެއިން އިޓަލީގެ ކަމްބިއާސޯ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑި އަށެވެ. ނިކޯލޯ ފަގިއޯލީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގައި މޮޅަށް ކުޅެ، ސްވިޒަރލެންޑަށް ކޮންޓްރޯލް ހޯދައިދިން ކެޕްޓަން ޒަހާ ޖައްސާލި ބޯޅަ، ބަދަލަކަށް ނިކުއިން ސްޓީވަން ޒޫބާ ފޮނުވާލުމުން ދިޔައީ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ. ސްވިޒަރލެންޑް މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެއެވެ. 2020 ވަނަ އަހަރު ވެސް ސްވިޒަރލެންޑް ވަނީ ޔޫރޯގެ ކްއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.