ކުޅިވަރު

އިޓަލީގެ ދިފާއީ ފާރުގައި ރެނދުލައިފި، ސްވިސްގެ އިތުބާރު ބޮޑު


ޔޫރޯގެ ގަދަ 16 ފަށަން މިރޭ ސްވިޒަލޭންޑާއި އިޓަލީ ނުކުންނައިރު ތާރީހު ބުރަވަނީ އިޓަލީ ކޮޅަށެވެ. 1993 ވަނަ އަހަރުގެ ފަހުން އިޓަލީ އަތުން ސްވިޒަލޭންޑަށް މޮޅުވެވިފައިނެތެވެ. ނަމަވެސް މި މުބާރާތުގައި މިހާތަނަށް ދެ ޓީމުން ކުޅެފައިވާ ތިން މެޗަށް ބަލާއިރު ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ފެވަރިޓުންނަކީ ސްވިޒަލޭންޑެވެ.

މުބާރާތުގެ އިހުގެ މާޒީ ދައްކާ ގޮތުން އެއްކޮޅުގައި އިޓަލީ އޮތުމަކީ މިރޭގެ މެޗު ޕެނަލްޓީ ޝޫޓް އައުޓަށް ހިނގައިދާނެ ކަމެކެވެ. މިހާތަނަށް އިޓަލީ އަށް ހަތް ފަހަރު ޕެނަލްޓީ ޖަހަން ޖެހުނުއިރު މަދު ފަހަރަކު މެނުވީ އެމީހުން ތިބީ ކާމިޔާބު ހޯދައިގެންނެވެ. މިހެންވެ އިއްޔެ އޮތް ޕްރެކްޓިހުގައި އެންމެ ފަހު ކަމަށް ސްވިޒަލޭންޑްގެ ކުޅުންތެރިން ވެސް ތައްޔާރުވީ ޕެނަލްޓީ ޖެހުމަށެވެ.

ގޯލްކީޕަރު ޔާން ސޯމާ ބުނީ އިޓަލީ ޓީމުގައި އޭނާއާ އެކު އިންޓަމިލާނަށް ކުޅުނު ކުޅުންތެރިން ތިބުމުން ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ އޭނާ އަށް ވެސް ފަސޭހަތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް މުބާރާތުގެ ތެރޭގައި ސޯޝަލް މީޑިއާގެ ގްރޫޕްތަކުގައި މަޖާ ވާހަކަ ދައްކައި ހީ ސަމާސާކޮށް ހެދި ނަމަވެސް ސޯމާ ބުނީ އިޓަލީއާ ވާދަކުރަން ޖެހުމުން އޭނާގެ ރަހުމަތްތެރިންނާ އޮތް ގުޅުން ވަގުތީމެދުކަނޑާލި ކަމަށެވެ.

ސްވިޒަލޭންޑަކީ ބޮޑު މުބާރާތްތަކުގައި ނަގާކިޔާ ޓީމުތަކަށް އަބަދުވެސް ބޮޑު ބިރެކެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕުން އިޓަލީ ކަޓުވާލި ބަޔަކީ ވެސް ސްވިޒަލޭންޑެވެ. އެންމެ ފަހުގެ ޔޫރޯއިން އޭރުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓުވާލީ ވެސް ސްވިޒަލޭންޑުންނެވެ. މިހެންވެ އެމީހުންނަކީ ނޮކްއައުޓް ބުރުގައި ބަޔަލަށް ލަނޑެއްދޭން ޖެހިއްޖެނަމަ އެކަމަށް ފަރިތަބައެއްކަން މިރޭ އަނެއްކާ ވެސް ސާބިތުކޮށްދިނުމަކީ އެމީހުންގެ އަމާޒެކެވެ.

ޒަމާނުއްސުރެ އިޓަލީގެ އެންމެ ވަރުގަދަ ބަޔަކީ ގިނަ ބަޔަކަށް އެމީހުންހެ ދިފާއީ ފާރެވެ. އެކަމަކު މިރޭގެ މެޗަށް ނުކުންނައިރު އިޓަލީގެ ފަހަތުގައި ވަނީ ރެނދުލާފަ އެވެ. ރިކާޑޯ ކަލަފިއޯރީ އަށް ދެ ކާޑު ހަމަވެގެން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. ދެން ތިބި ޑިފެންޑަރުންނަށް ވަނީ އެކިވަރުގެ ހާނިއްކަ އާއި ފިޓްނަސްގެ މައްސަލަ ކުރިމަތިވެފަ އެވެ. މިއީ ކޯޗު ލޫސިއާނޯ ސްޕަލެއްޗީގެ
ރޭވުންތެރިކަން ކޮންމެވެސް ވަރަކަށް ބަދަލުކުރަންޖެހިދާނެ ކަމެކެވެ.

އަނެއްކޮޅުން އޭނާގެ ރޭވުންތެރިކަން ނޫސްވެރިންނާ ހަމައަށް ފޯރާތީވެ އެންމެ ފަހުން އޮތް ޕްރެސް ކޮންފަރެންސްގައި ވެސް ސްޕަލެއްޗީ ވަނީ އޭނާގެ ޓީމު ތެރޭގައި ހިޔަޅުން ތިބި ކަމަށް ތުހުމަތުކޮށްފަ އެވެ. އާއްމުކޮށް އޭނާ ކުޅުވަނީ ފަހަތަށް ފަސް މީހުންގެ ލައިގެން ނަމަވެސް ބޯޅަ ލިބުމުން މި ފޯމޭޝަނަކީ އެޓޭކަށް އިސްކަންދީގެން ކުޅޭ ފޯމޭޝަނަކަށް ބަދަލުކޮށ،ް މެދާއި ކުރިއަށް ކުޅޭ
ކުޅުންތެރިންގެ ހަރަކާތްތައް ހުންނަންޖެހޭ ގޮތް ނޫސްވެރިން ކިޔާތީވެ އޭނާ މިހާރު ހުރީ ވަރަށް ބޮޑަށް ނުރުހިފަ އެވެ. އެކަމަކު ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނާ ކުރިމަތިލި ކޯޗު ފަހުން
ނޫސްވެރިންނަށް ގުޅައި އޭނާ އަށް ދެއްކުނު ވާހަކަތަކަށް މައާފަށް އެދުމުން އޭނާގެ ގާބިލްކަމާ މެދު ވަނީ ބަހުސްކުރެވުމުންނެވެ.

ކަންތައްތައް މިހެން ހުއްޓަސް މިރޭގެ މެޗު ކުޅޭ ސްޓޭޑިއަމަކީ އިޓަލީގެ އުފާވެރި އިހުސާސްތަކެއް ކުރެވިގެންދާނެ ހިތްގައިމު ސްޓޭޑިއަމެކެވެ. ޖަރުމަނުގެ ބާލިން އޮލިމްޕިކް ސްޓޭޑިއަމަކީ އިޓަލީ ގޮސް 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރި ދަނޑެވެ. މި އުފާވެރި އިހުސާސްތަކާއެކު އެމީހުން މިރޭ ނުކުންނާނީ ބޮޑު މުބާރާތެއްގައި ހާއްސަކޮށް އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ސަމާސާ ބައެއްނޫން ކަން ސާބިތުކޮށްދިނުމަށެވެ.