ޚަބަރު

ޚާރިޖީ ވަޒީރު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި


  • މި ދަތުރުފުޅުގައި އެމެރިކާގެ ސެރެޓަރީ އޮފް ސްޓޭޓާއި ބައްދަލު ކުރެއްވި

  • ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމަށް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެވުނު

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ޚާރިޖީ ވަޒީރުގެ މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގަތީ މިމަހުގެ 24 ވަނަ ދުވަހުއެވެ. 4 ދުވަހުގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް މުހިންމު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންނާއި، އެމެރިކާ ސަރުކާރުގެ އެހީގެ ކަންކަން ބަލަހައްޓާ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވެލްއާއި ވޮޝިންޓަންގައި ވަނީ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި އެމެރިކާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި އެމެރިކާގެ މަޝްހޫރު ތިންކް ޓޭންކް ކައުންސިލް އޮފް ފޮރިން ރިލޭޝަންސްއާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި ސަރުކާރުން އަހަންމިއްޔަތުކަން ދޭ ކަންކަމާއި، ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ވޮޝިންޓަނު ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންނާއި ވަޒީރު ބައްދަލުކުރެއްވިއެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޮޝިންޓަންގައި ބޭއްވި ބައްދަލުވުންތަކުގެ އިތުރުން ވަޒީރު ނިއުޔޯކަށް ވަޑައިގެން އދ. ބައެއް ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ. އެގޮތުން ފަލަސްޠީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރާއި، ބައްދަލުކުރައްވާފައިވާއިރު، އދ ސެކެރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝްއާއި އދ. އަންޑަސެކްރެޓަރީ ޖެނެރަލް ފޯ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް ލީ ޖިންހުއާއާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތެރޭޝް ވަނީ ދާދިފަހުން ބޭއްވި އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ދަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، ސިޑްސްގެ ބައްދަލުވުމުގައި ރާއްޖެއިން އަމިއްލައަށް އިސްނަގައިގެންކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ޚަރިޖީ ވަޒީރު ވަނީ ނިއު ޔޯކުގައިވެސް ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ. ނިއު ޔޯކު އަދި ވޮޝިންޓަނުގައިވެސް ބޭއްވި ބައްދަލުވުމުގައި އެމެރިކާގައި ދިރިއުޅެމުންދާ ދިވެހިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރެއްވި މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސެކެޓްރީ ބައިލެޓަރަލް ޑރ. ޙާލާ ހަމީދާއި، ސީނިއަރ އަންޑަރ ސެކެޓްރީ ޙަސަން ޙުސައިން ޝިހާބްވަނީ ބައިވެރިވެވަޑައިގެންފައެވެ.