ޚަބަރު

އދ.ގެ ޓޫރިޒަމް ކޮމިޝަންގެ ބައްދަލުވުމުގެ ކޯ-ޗެއަރއެއްގެ ގޮތުގައި ރާއްޖޭން ބައިވެރިވެއްޖެ


  • މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަޝްވަރާކުރެވުނު

  • ފަތުރުވެރިކަމުގެ ދައިރާގެ މުވައްޒަފުން ތަމްރީނު ކުރުމަށްވެސް މަޝްވަރާކުރެވުނު

އދ.ގެ ޓޫރިޒަމްގެ ކޮމިޝަން ފޯ އީސްޓް އޭޝިއާ އެންޑް ޕެސިފިކް އަދި ކޮމިޝަން ފޯ ސައުތު އޭޝިއާ (ސީއޭޕީ-ސީއެސްއޭ) ގެ 36 ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ކޯ-ޗެއަރގެ ގޮތުގައި ދިވެހިރާއްޖޭން ބައިވެރިވެއްޖެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ފިލިޕީންސްގެ ސެބޫގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވީ ދެކުނު އޭޝިއާ ކޮމިޝަންގެ ޗެއާރގެ ހައިސީއްޔަތުންނެވެ. މި ބައްދަލުވުމުގައި އދ.ގެ ފަތުރުވެރިކަމުގެ މެންބަރު ޤައުމުތަކާއި، އެފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ މަންދޫބުން ބައިވެރިވިއެވެ.

ސީއޭޕީ-ސީއެސްއޭ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވާ ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރަމުންދާއިރު މި ސިނާޢަތަކީ ދެމެހެއްޓެނިވި ސިޔާސަތުތަކެއްގެ މައްޗަށް ބައްޓަންކޮށްފައިވާ ސިނާޢަތަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މިހާރު ތަރައްޤީކުރަމުންދަނީ ހަމައެކަނި ލަގްޒަރީ މާކެޓެއްގެ ގޮތުގައި ނޫންކަމަށް ފާހަގަކުރައްވާ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިސްނުމަކީ މިހާރު މި ސިނާޢަތް ތަރައްޤީކުރުމުގައި ދިވެހިރާއްޖޭން ބޭނުންކުރާ މައިގަނޑު އެއް އަސާސްކަމަށް ނިޔާޒް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ގިނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިއެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިނާޢަތުގައި ތިމާވެށްޓާ ރައްޓެހި ސިޔާސަތުތައް ގެންގުޅުމަށާއި، ގްރީން ޓްރާންސްފޯމޭޝަން ފަދަ އުކުޅުތައް މެދުވެރިކޮށް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އިތުރުކުރުން މަޝްވަރާކުރެވުނެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކޮށް އީޖާދީ އަދި ވިލުންވެރިކަން ކުރިއެރުވުމުގެ މަޤްސަދުގައި ކުރެވުނު މަޝްވަރާތަކެކެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދައިރާއިން އެކި ފަރާތްތައް ތަމްރީނުކުރުމާއި މަސައްކަތްތެރިންގެ ހުނަރު ތަރައްގީކުރުމުގެ ގެންގުޅޭ ސިޔާސަތުތައް ދިރާސާކޮށް މަޝްވަރާކޮށްފައިވެއެވެ.

ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ބައްދަލުވުންތައް މެދުވެރިކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އެކި ޤައުމުތަކާ ދިވެހިރާއްޖެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރާނެ ކަމަށެވެ.