ޚަބަރު

ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި 14 މީހުން ހައްޔަރުކޮށްފި


  • "ވެށި ރައްކަލް"ގެ ނަމުގައި މޭ މަހު އެސިޓީގައި ވަނީ އޮޕަރޭޝަނެއް ފަށާފައި

  • މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 5 މީހުން

  • ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ބަޔަކުވެސް ވަނީ ހައްޔަރުކުރި

ފުވައްމުލަކުގައި ކުރިއަށްގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 14 މީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފުވައްމުލަކު ސިޓީއަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި "ވެށި ރައްކަލް"ގެ ނަމުގައި މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާކަމަށެވެ. ފުވައްމުލަކު ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކުރި ކަމަށާއި މިވަގުތުގު ފުލުހުންގެ ބެލުމުގެ ދަށުގައި ތިވީ ފަސް މީހުން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި އޮޕަރޭޝަނުގެ ތެރެއިން 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށްވެސް ވިދާޅުވެއެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.