ޚަބަރު

އެމްޑީޕީ އޮތީ ތަފާތު ވިސްނުންތަކާއެކުވެސް ކުރިއަށްދާން ތައްޔާރަށް!


  • އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ

  • އެމްޑީޕީއަކީ މިހާރު އެންމެ މެންބަރުން ގިނަ ޕާޓީ

  • އެޕާޓީން ކޮންމެ މީހަކަށްވެސް ޖާގަ އޮންނާނެކަމަށް ބުނި

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ސިޔާސީ މަސައްކަތް ކުރަން ޖާގަ ދިނުމާއެކު އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީއަށްވާއިރު ތަފާތު ޚިޔާލުތަކާއި ތަފާތު ވިސްނުމުގެ މީހުންނަށްވެސް އެޕާޓީގައި ޖާގަ އޮންނާނެކަމަށް އެމްޑީޕީން އަބަދުވެސް ބުނެއެވެ.

އެމްޑީޕީ އުފެދުނުތާ އޮނަވިހި އަހަރު މިމަހުގެ 26 ވަނަ ދުވަހަށް ވަނީ ފުރިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް ފައްޔާޟް އިސްމާޢީލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ތަފާތު ޚިޔާލުތަކާއި ފިކުރުތަކާއި ވިސްނުންތަކަށް ޖާގަ އޮތް ޕާޓީއެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އަދި އެންމެ ގިނަ ދުވަހު ސިޔާސީ މަސައްކަތުގައި ދެމި އޮތް ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު، ޕާޓީގެ ފެށުން އައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންނެވެ. އެގޮތުން މިހާރު މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީއަށް ތާއިދު ކުރާ 80 ވަރަކަށް މެންބަރުން ތިބިއިރު އެ މެންބަރުންނަށް އެފަދަ އުއްމީދެއް ކުރުމުގެ ފުރުސަތު ދިނީ، އެމްޑީޕީންކަމަށް ފައްޔާޟް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޚިޔާލު ތަފާތުވުންތައް ހުންނާނެކަމީ އެމްޑީޕީ ޕާޓީއެއްގެ ގޮތުގައި ޤަބޫލުކުރާ ފަލްސަފާއެއް ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި އެކަމަށް ވަރަށް ބޮޑަށް ޖާގަ ދީފައިވާ ކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ. އަދި މިވީ 19 އަހަރު ޕާޓީގެ އިސްވެރިން ވަކިވެގެން ދިޔަނަމަވެސް، ޕާޓީ ދެމި އޮތީވެސް އެ ފަލްސަފާތައް އެޕާޓީން ޤަބޫލުކުރާތީކަމަށް ޗެއަރޕާސަން ވިދާޅުވިއެވެ.

އެކެއްގެ ފިކުރަށް ޕާޓީ ބައްޓަންނުވާނެ


އެމްޑީޕީ އިންސްޓިޓިއުޝަނަލައިޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ފާހަގަކޮށް ފައްޔާޟް ވިދާޅުވީ، ޕާޓީގެ ކުރިމަގު މިހާރު އޮތް ގޮތުން ވަކި އެކެއްގެ ފިކުރަކަށް ޕާޓީ ބައްޓަންވެގެން ދާނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

އެމްޑީޕީން އެއްވެސް މީހަކާއެކު މަސައްކަތް ނުކުރާނެ ކަމަށް ނުބުނާނެކަމަށާއި، ޕާޓީގެ ސިޔާސަތުތަކާއި އެއްގޮތަށް މަސައްކަތް ކުރަންތިބި އެންމެންނާއެކު އެޕާޓީން މަސައްކަތް ކުރައްވާނެ ކަމަށްވެސް ފައްޔާޟް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް ޕާޓީއާއި ގުޅޭފަރާތްތަކުންވެސް އެ ވިސްނުމުގައި މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވަނީ އެމްޑީޕީއަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށެވެ.

ޢާންމު ރައްޔިތުންގެ ހަމާގައި، ހަމަހަމަ ފުރުޞަތު އޮންނަ ނޫ އިޤްތިޞާދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ޙިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ރާއްޖެއެއްގެ އަސާސްކަމަށް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އަދި އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ މި ޕާޓީގެ އަމާޒެއް ކަމަށް ޕާޓީގެ ރައީސް ވިދާޅުވިއެވެ.

ޝާހިދު ޕާޓީ ސިފަކުރެއްވީ ދިވެހި ރައްޔިތުންގެ އުންމީދުގެ ގޮތުގައެވެ. ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރުގެ ގޮތުގައި ސިފަކުރައްވާ ޝާހިދު ވަނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާނަށް އެޕާޓީވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީގެ ހައިސިއްޔަތުން ޕާޓީއަށް މިދިޔަ ދެ އިންތިހާބުގައި ކުރިމަތިވި ނާކަމިޔާބީ ޒިންމާ ލީޑާޝިޕުން ނަގަން ޖެހޭ ކަމަށް ޕާޓީގެ ލީޑަޝިޕުން ޤަބޫލުކުރެއެވެ. ނަމަވެސް އެ ޒިންމާ ނެގުމަކީ އެކަން ދޫކޮށްލުން ނޫންކަން އެޕާޓީން ވަނީ ބުނެފައެވެ.