ކުޅިވަރު

ތުރުކީއަށް ޕްރެޝަރު އޮތުމަކީ މައްސަލައެއް ނޫން: މޮންޓެލާ


"
މަގާމާ ހަވާލުވި ހިސާބުން އަމާޒަކަށްވީ ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުން އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ކޮލިފައިވުން،
ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ

ޔޫރޯ 2024 ގެ ގްރޫޕް އެފް ގައި މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ނިކުތުމުގެ ކުރީން ތުރުކީގެ ކޯޗު، ވިންޗެންޒޯ މޮންޓެލާ ވަނީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭނާގެ ޓީމަށް ބޮޑު ޕްރެޝަރެއް އޮތުމަކީ މައްސަލައެއް ނޫން ކަމަށް ބުނެފައެވެ.

މޮންޓެލާ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިހާތަނަށް ކެރިއަރުގައި މިދިޔަ 30 ވަރަކަށް އަހަރު ޕްރެޝަރާ ކުރިމަތިލާފައިވާ ކަމަށާއި، ކުރާ މަސައްކަތުގެ ގޮތުން އެއީ ކުރިމަތިލާންޖެހޭނެ ކަމެއް ކަމުގައި މޮންޓެލާ ބުންޏެވެ.

2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހުން ނޮކްއައުޓް ބުރަށް ދެވިފައިނުވުމުން އޭނާގެ ޓީމުން ނިކުންނާނީ އެކަމަށް އަޒުމު ކަނޑައަޅައިގެން ކަމަށް މޮންޓެލާ ވަނީ ބުނެފައެވެ. އެކަންތައް ހާސިލްކުރުމަށްޓަކައި ތުރުކީގެ ހުރިހާ ސަޕޯޓަރުންގެ ފަރާތުން މެޗު ފެށިގެން ނިމެންދެން ފުރިހަމަ ތަރުހީބެއް ބޭނުންވާނެ ކަމަށް މޮންޓެލާ ބުންޏެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ހިނގައިދިޔަ ގޮތާ ބެހޭގޮތުން ބުނީ، ޕޯޗުގަލް މެޗުގައި ދެވަނަ ގޯލަށްފަހު ހުރިހާ ކަމެއް އުނދަގޫވެގެންދިޔަ ކަމަށާއި، އެ ހިސާބުން މޯޓިވޭޝަން ވެސް ދަށަށް ދިޔަ ކަމަށް މޮންޓެލާ ބުންޏެވެ. އެ މެޗުގެ ތަފާތަކަށްވީ، އެ މީހުންނަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފުން ކަމަށެވެ.

ފޯވާޑެއް ނުލައި ކުޅެން ޖެހުނަސް އެންމެ މުހިއްމީ ރަނގަޅު ސްޓްރަކްޗަރ އާއި ބެލެންސް ހިފެހެއްޓުން ކަމަށް މޮންޓެލާގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި އޭނާގެ ޓީމަކީ މުބާރާތުގައި ފެނިގެންދާ އެންމެ އެޓޭކިންގ އެއް ޓީމު ކަމަށްވުމާއެކު ބެލެންސް އަކީ މުހިއްމު އެއްޗެއް ކަމަށް ވެސް މޮންޓެލާ ބުނެފައިވެއެވެ.

މުބާރާތުގައި ތުރުކީއާ ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.