ކުޅިވަރު

ސްލޮވާކިއާ ނޮކްއައުޓް ބުރަށް ދިއުން ހައްގު: ކަލްޒޯނާ


"
ރުމޭނިއާ އަކީ މޮޅަށް ކުޅޭ، ފިޒިކަލް ޓީމެއް.
ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ

ޔޫރޯ 2024 ގެ ގްރޫޕް އީ ގައި މިރޭ ރުމޭނިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރީން، ދެއްކި ވާހަކައިގައި ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ ވަނީ، މުބާރާތުގެ ގަދަ 16 ގެ ބުރަށް ދެވިއްޖެނަމަ އެއީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި، ސްލޮވާކިއާ އަށް ހައްގު ކަމަށް ބުނެފައެވެ.

ކަލްޒޯނާ މިހެން ބުނީ، މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިހާތަނަށް މުބާރާތުގައި ވެސް ރަނގަޅު ފުޓްބޯޅައެއް ކުޅެފައިވާ ކަމަށާއި، ކޮލިފައިންގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށް ވެސް ކަލްޒޯނާގެ ވާހަކައިގައި ފާހަގަކުރިއެވެ.

އަދި، ރުމޭނިއާ އާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށާއި، އެކަމަކުވެސް އޭނާގެ ޓީމުން ކުޅެމުން އަންނަ ސްޓައިލް ބަދަލުނުކުރާނެ ކަމަށް ކަލްޒޯނާ ވަނީ ބުނެފައެވެ.

އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިންނަށް އަނިޔާ އާއި ފިޓްނަސްގެ މައްސަލަތައް ދިމާވެފައިވީނަމަވެސް މެޗަށް ނިކުންނައިރު ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ކަލްޒޯނާ ބުނެފައިވެއެވެ. އަދި އޭނާގެ ހުރިހާ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އޮންނާނެ ކަމަށާއި، ރަނގަޅު މެޗެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ކަލްޒޯނާ ބުންޏެވެ.

ސްލޮވާކިއާގެ މިޑްފީލްޑަރު، ޖުރާޖް ކުޗްކާ ބުނީ، މެޗަށް ތައްޔާރުވުމަށް ބޭނުންވާ ހުރިހާ އިރުޝާދެއް ކޯޗު ދީފައިވާ ކަމަށާއި، ރުމޭނިއާ އާ ދެކޮޅަށް ކުޅެން ފަސޭނުވާނެކަން އެނގޭ ކަމަށާއި، އެކަމަކުވެސް ބޭނުންވަނީ އުފަލާއި، ހިތްހަމަޖެހުމާއެކު މެޗު ނިންމާލަން ކަމަށެވެ.

އޭނާގެ ޓީމުގެ އެންމެ މުހިއްމު ކަމަކީ، ޓީމެއްގެ ގޮތުގައި ކުޅެވުން ކަމަށާއި، އެ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ވެސް ވަރަށް ރަނގަޅު، ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ބައެއް ކަމަށް ވެސް ކުޗްކާ ވަނީ ބުނެފައެވެ. އަދި މެޗުން މޮޅުވުން ނޫން ނަތީޖާއެއް ބޭނުންނުވާ ކަމަށް ވެސް ކުޗްކާ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރުމޭނިއާ އާ ދެކޮޅަށް ސްލޮވާކިއާ ނިކުންނަ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.