ޚަބަރު

ކޮންމެ ކުޅުންތެރިއެއްގެ ދައުރު ފުރިހަމައަށް އަދާކުރަންޖެހޭނެ: ރެބްރޯވް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ޔޫކްރޭންގެ ކޯޗު، ސަރްހެއި ރެބްރޯވް ވަނީ، ކޮންމެ ކުޅުންތެރިއަކަށް ވެސް އެނގެންޖެހޭނެ ކަމަކީ ތިބެންޖެހޭނީ ހަމައެކަނި ޑިފެންސްކުރަން ނުވަތަ އެޓޭކަށް ހާއްސަ ކުޅުންތެރިން ނޫންކަމަށާއި، ކޮންމެ ކުޅުންތެރިއަކުވެސް އެ ކުޅުންތެރިއަކަށް ހަވާލުކުރެވޭ ޒިންމާ އާއި ރޯލް ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށް ބުނެފައެވެ.

ރެބްރޯވް މިހެން ބުނީ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން، ރެބްރޯވް ބުނީ ޔޫކްރޭނުން އެންމެ ފަހުން ސްލޮވާކިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ނަތީޖާ އަނބުރާލުމަށްޓަކައި ގެންގުޅުނު ވިސްނުމާއެކު ބެލްޖިއަމްއާ ދެކޮޅަށް ނިކުންނަންޖެހޭ ކަމަށެވެ.

ރެބްރޯވް ބުނީ، ބެލްޖިއަމް އަކީ ވަރުގަދަ ޓީމެއް ކަމަށާއި، މުބާރާތުގެ ގުރުއަތުލުން ބޭއްވި ހިސާބުން ވެސް ގިނަ ބަޔަކު ބުނަމުންދިޔަ އެ ގްރޫޕުގެ ފޭވަރިޓަކީ ބެލްޖިއަމް ކަމަށެވެ.

މި މުބާރާތުގައި ކޮންމެ ފަދަ ނަތީޖާއެއް ވެސް ނިކުމެދާނެ ކަމަށާއި، އެމީހުންނާ ދެކޮޅަށް ކުޅޭނެ ގޮތަކާ މެދު ވިސްނަންޖެހޭނެ ކަމަށާއި، ފޯކަސް ކުރަންވާނީ މެޗުން މޮޅުވާން ކަމަށް ވެސް ރެބްރޯވް ބުންޏެވެ.

އަދި، ޔޫކްރޭނުން މެޗަށް ނިކުތުމުގެ ކުރިން، ޓީމަށް އެންމެ ރަނގަޅު ބެލެންސް ހޯދާނެ ކަމަށް ވެސް ރެބްރޯވް ވަނީ ބުނެފައެވެ.

ޔޫކްރޭންގެ މިޑްފީލްޑަރު، ސަރްހެއި ސިޑޮރްޗުކް ބުނީ، މުބާރާތުގެ އަނެއް ބުރަށް އެ ޓީމު ދަތުރުކުރެވިއްޖެނަމަ މިޝަން ކާމިޔާބުކުރެވުނު ކަމުގެ އިހުސާސްކުރެވޭނެ ކަމަށެވެ. އެކަންތައް ހާސިލްކުރެވިއްޖެނަމަ އެ ގައުމަށް ވަރަށް ހާއްސަ ކާމިޔާބީއަކަށް ވެގެންދާނެ ކަމަށް ވެސް ސިޑޮރްޗުކް ބުންޏެވެ. އަދި ޔޫކްރޭންގެ ކޮންމެ މީހަކަށް ވެސް ހުރިހާ މެޗެއް މުހިއްމުކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޔޫކްރޭނާ ބެލްޖިއަމް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.