ޚަބަރު

ޕޮލަންޑް އަތުން މޮޅުނުވެވި، ފްރާންސަށް ގްރޫޕުގެ ދެވަނަ


މެޗަށް ނިކުއިންއިރު ވެސް މުބާރާތުން ކަޓާފައި އޮތް ޕޮލެންޑް އަތުން މޮޅުނުވެވި، ފްރާންސަށް ގްރޫޕްގެ އެއްވަނަ ގެއްލިއްޖެ އެވެ.

މެޗަށް ނިކުއިންއިރު ގަދަ 16 އިން ޖާގަ ހޯދާފައި އޮތް ގްރޫޕްގެ ފެވަރިޓް ފްރާންސަށް ޕޮލެންޑް އަތުން ހޯދުނީ ޕޮއިންޓެކެވެ. އެއީ 1-1 ން އެއްވަރު ވެގެންނެވެ. ދެޓީމުންވެސް މެޗުގައި ލަނޑު ޖެހީ ޕެނަލްޓީން ނެވެ. ޕެނަލްޓީ ދެޓީމުން ވެސް ކާމިޔާބުކުރެީ ކެޕްޓަނުންނެވެ. ފްރާންސްގެ ޕެނަލްޓީ ކާމިޔާބުކުރީ މާސްކް އަޅައިގެން ކުޅުން އެމްބާޕޭ އެވެ. ޕޮލެންޑަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ލެވަންޑޯސްކީ އެވެ. މިދެ ކުޅުންތެރިންވެސް ގްރޫޕް ސްޓޭޖްގައި ކުޅުނީ ދެ މެޗެވެ. ލެވަންޑޯސްކީ ފުރަތަމަ އެގާރައިގަ ހިމެނިގެން ނިކުތީ ފްރާންސާ ދެކޮޅަށ އެކަންޏެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ފްރާންސެވެ. އެއީ ދެވަނަ ހާފްގެ ކުރީކޮޅު ޑެމްބެލޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުންނެވެ. އޭރިޔާ ތެރެއަށް ވަދެ ކިވިއޯ ކައިރިން ނައްޓާލި ފަހުން އޭނާ ޑެމްބެލޭ އަށް ކުރި ފައުލަށް ދިން ޕެނަލްޓީ ޔަގީންކަމާއެކު ކާމިޔާބުކުރީ އެމްބާޕޭ އެވެ.
ޕޮލެންޑުން ނަތީޖާ ހަމަހަމަ ކުރީ 79 ވަނަ މިނިޓްގައެވެ. އެއީ އޭރިޔާ ތެރެއިން އުޕަމެކާނޯ އޭރިޔާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެކަމަކު ޕެނަލްޓީ ދިނީ އެއީ ފައުލެއް ނޫންކަމަށް ބަލާ ރެފްރީ ކުޅުން ކުރިއަށް ގެންދަން ފުރުޞަތު ދިނުމުން ފްރާންސުން ތަނަވަސްކުރި ރަނގަޅު ފުރުޞަތެއް ނާކާމިޔާބުވުމަށް ފަހުއެވެ. ޖިރޫޑް ތަނަވަސްކޮށްދިން ފުރުޞަތު އެމްބާޕޭ އަތުން ބޭކާރުވި ފަހުން ވީއޭއާރުން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީ ފުރަތަމަ ލެވަންޑޯސްކީ ފޮނުވާލުމުން ކީޕަރު މަތަކުރިއެވެ. އެކަމަކު ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރު ކުރިއަށް ޖެހިފައިވާތީ ދެވަނަ ފަހަރަށް ޖަހަން ރެފްރީ ފުރުޞަތު ދިނުމުން ލެވަންޑޯސްކީ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

މެޗުގައި ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ފްރާންސަށް ލިބުނެވެ. އޭގެތެރެއިން ގިނަ ފުރުޞަތުތައް ލިބުނީ އެމްބާޕޭ އަށެވެ. އެކަމަކު ފުރަތަަމ ފުރުޞަތު ހޯދީ ޕޮލެންޑުންނެވެ. ހަ ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން ޕޮލެންޑް ޒިއެލިންސްކީ ގޯލްގެ މެދަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. އޭގެ ފަސް މިނިޓް ފަހުން ފްރާންސްގެ ޑެމްބެލޭ ނަގައިދިން ހުރަސް އޭރިޔާ ތެރެއިން ތިއޯ ހެނާންޑޭޒް ތިރިން ބާރަށް ފޮނުވާލި ބޯޅަ އަރިމަތީ ދަނޑި ކައިރިން ކީޕަރު ފައިން ޖައްސާ ކޯނަރަކަށް ބޭރުކޮށްލި އެވެ.

18 ވަނަ މިނިޓްގައި ކާންޓޭ އޭރިޔާ ތެރެއަށް ވަދެ ގޯލް އޭރިޔާ ކަނާ ދިމާލުން ޑެމްބެލޭ އަށް ޖައްސާލުމުން ފޮނުވާލެވުނީ ކީޕަރާ ދިމާލަށެވެ. ފުރަތަމަ ހާފްގައި އޭރިޔާ ތެރޭން ލެވަންޑޯސްކީ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ އަރިމަތިން ބޭރަށެވެ. ޑީއޭރިޔާ ތެރެއިން 37 ވަނަ މިނިޓްގައި ޗުއަމަނީ ފޮނުވާލި ބޯޅަ ވެސް ދިޔައީ އަރިމަތިން ބޭރަށެވެ. ހާފް ނިމެން ދަނިކޮށް އެމްބާޕޭ އޭރިޔާ ތެރެއިން ޕާސްދީފަ ކުރިއަށް ޖެހި, ތިރިތިރިން ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތި ދަނޑި ކައިރިން ދިޔައި ބޭރަށެވެ. ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް އެމްބާޕޭ ހަމަ އެހިސާބުން ފޮނުވާލުމުން ކީޕަރު ކޯނަރަކަށް ބޭރުކޮށްލި އެވެ. އެބޯޅައަށް ޑެމްބެލޭ ގޯލް އޭރިޔާ ތެރެއަށް ވަދެ ހުރިނަމަވެސް އެމްބާޕޭ ގަސްތުކުރީ އަމިއްލައަށް ޖަހާށެވެ.

ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނިތްގައި އެމްބާޕޭ ގޯލްގެ ދުރުކަނަށް ތިރިން ފޮނުވާލި ބޯޅަ ވެސް ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. ހަމަ އެ މިނިޓްގައި ފޮނުވާލި ދެވަނަ ބޯޅަ އަރިމަތި ދަނޑި ކައިރިން ދިޔައީ ބޭރަށެވެ. ދެވަނަ ހާފްގައި ވެސް ލެވަންޑޮސްކީ ޑީއޭރިޔާ ބޭރުން ފޮނުވާލި ބޯޅަ އަރިމަތިން ދިޔައީ ބޭރަށެވެ.

ޕޮލެންޑް މުބާރާތް ނިންމާލީ ފްރާންސް އަތުން ލިބުނު ހަމައެކަނި ޕޮއިންޓާއެކުއެވެ. ފްރާންސް ތިން މެޗުން ފަސް ޕޮއިންޓް ހޯދި އެވެ. އެއީ ދެ މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެގެންނެވެ.