ޚަބަރު

މާލީ ގޮންޖެހުންތައް ހުރިނަމަވެސް، ކުންފުނި ހިންގުމުގެ ޤާބިލުކަން އެބަހުރި: މިފްކޯ


  • ނަގާފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިޔަން ރުފިޔާއަށް އަރާ

  • ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިޔަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން މާފްކޮށްދީފައިވޭ

  • މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ރާވާފައިވޭ

ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތަޔާއި ޤާބިލުކަން އެބަހުރިކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ މާލީ ހާލަތާއި ގުޅޭ ބައެއް މައުލޫމާތު ހިއްސާކުރަމުންނެވެ.

މިފްކޯއިން ބުނީ ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތަޔާއި ޤާބިލުކަން ހުރި ނަމަވެސް ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައިކަމަށެވެ.

ގެއްލުން ފޫބެއްދުމަށްޓަކައި 2015ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯއަށް ސަރުކާރުގެ ބަޖެޓުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިޔަން ރުފިޔާއަށް އަރާކަމަށެވެ.

މިފްކޯއިން ބުނީ މި މުއްދަތުގެ ކުރިން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިޔަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން މަޢާފްކޮށްދީފައިވާކަމަށެވެ.

މިފްކޯއިން ނަގާފައިވާ ލޯނުތަކަކީ އިންވެސްޓު ކުރުމުގެ ބޭނުމަށް ނެގިފައިވާ ފައިސާއަކަށް ނުވާތީ، މި ފައިސާއިން ކުންފުންޏަށް ފައިދާއެއް ނުލިބުމުގެ އިތުރުން، މީގެތެރެއިން ބައެއް ފައިސާގެ އިންޓަރެސްޓުގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް އަހަރަކު 56 މިލިޔަން ރުފިޔާ ހޭދަވެއެވެ.

މިފްކޯއިން ބުނީ 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށެވެ. އަދި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިޔަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވާކަމަށެވެ.

މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައި ނުވާއިރު، 2020 ވަނަ އަހަރުން 2022 ގެ ނިޔަލަށް ފަށައިގެން ކޭޝް ފްލޯ ސަޕޯޓު ދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވަރކިންގ ކެޕިޓަލްއަށް ހަމަޖެއްސިފައިވާ ފެސިލިޓީތަކުގެ އަދަދު 645 މިލިޔަން ރުފިޔާއަށް އަރާކަމަށް މިފްކޯއިން ހާމަކުރެއެވެ.

މި ފެސިލިޓީތަކުގެ އިންޓަރެސްޓަށް އަހަރަކު 40 މިލިޔަން ރުފިޔާ ހޭދަވާކަމަށާއި، ކުންފުނި ދަރަނީގައި ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ހިންގަމުން ދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަން މިފްކޯއިން ފާހަގަކުރެއެވެ. އަދި އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށެވެ.

އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަން މިފްކޯއިން ފާހަގަކުރެއެވެ.

މިފްކޯއިން ބުނީ ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮށް، އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުންދާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.