ޚަބަރު

ފަހު މެޗުގެ ކުރިން އިންގްލަންޑާއި، ނެދަލަންޑްސް އަދި ފްރާންސަށް ދެވަނަ ބުރު ޔަގީންވެއްޖެ


ފަހު މެޗުގެ ކުރިން އިންގްލެންޑާއި، ނެދަލެންޑްސްއާއި ފްރާންސަށް ގަދަ 16 ޔަގީން ވެއްޖެ އެވެ. ތިން ޓީމަށްވެސް ގަދަ 16 ޔަގީންވީ ސްޕެއިން އަތުން އަލްބޭނިޔާ ބަލިވުމާއެކު، ތިންވަނަ އަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމްގެ ތެރޭގައި ހިމެނޭނެކަން ކަށަވަރު ވުމުންނެވެ.

ފްރާންސް ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިރޭ ނިކުންނާނީ ގްރޫޕް ސްޓޭޖުން ކެޓި ހަމައެކަނި ޓީމް ޕޮލެންޑާ ދެކޮޅަށެވެ. މިގްރޫޕްގެ އެއްވަނަ އާއި ދެވަނައިގައި އޮތީ 4 ޕޮއިންޓާއެކު ނެދަލެންޑްސްއާއި ފްރާންސެވެ. ނެދަލެންޑްސް ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިރޭ ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.

އިންގްލެންޑް ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިރޭ ދަންވަރު ސްލޮވީނިޔާއާ ދެކޮޅަށް ނިކުންނައިރު ގަދަ 16 ޔަގީންވުމުން ޕްރެޝަރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އިންގްލެންޑް އޮތީ 4 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައިގަ އެވެ. ސްލޮވީނިޔާ ބަލިކޮށްފި ނަމަ އިންގްލެންޑަށް ގްރޫޕްގެ އެއްވަނަ ލިބޭނެ އެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނިކުއިންއިރު ވެސް ގަދަ 16 ޔަގީންވެފައި އޮތް ސްޕެއިން އިން އަލްބޭނިޔާ ބަލިކުރީ 1-0 ނެވެ. މެޗަށް ސްޕެއިން އިން ނެރުނީ ފުރަތަމަ ދެމެޗަށް ނެރުނި ޓީމް މުޅިން ބަދަލުކޮށް އާ ކުޅުންތެރިންގެ މައްޗަށް ހިމެނޭ ޓީމެކެވެ.
މިހާތަނަށް ދެވަނަ ބުރު ޔަގީން ކޮށްފައިވާ އެހެން ޓީމްތަކަކީ ޖަރުމަނު، ޕޯޗްގަލް، އިޓަލީ، އަދި ސްވިޒަރލެންޑް އެވެ.