ޚަބަރު

ޗައިނާގެ ޗޮންޗިންގ އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށައިފި


  • އެ އެއާލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރާނެ

  • މި ދަތުރުތައް ކުރާނީ ޗޮންޗިންގއިން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު

  • ޗައިނާގެ އިތުރު އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަމަށް ވަނީ ލަފާކޮށްފައި

ޗައިނާގެ ޗޮންޗިންގ އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ޗައިނާގެ ޗޮންޗިންގ ސިޓީން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔުމަށްވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

82 ފަސިންޖަރުންނާއެކު ޗޮންޗިންގ އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްށް ޖައްސާފައިވަނީ އިއްޔެ ހަވީރު 0540 ގައެވެ.

ޗޮންޗިންގ އެއަރލައިންސްއިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ. ޗައިނާގެ ތިން އެއާލައިނަކުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއަރލައިންސް އަދި ޗައިނާ އީސްޓަރންއެވެ.

ޗޮންޗިންގ އެއާލައިންސްގެ ފްލައިޓަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމް.އޭ.ސީ.އެލުން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއަރލައިންތައް ގެނައުމަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އިޝާރަތްކުރައްވާ ސީ.އީ.އޯ ވިދާޅުވީ، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިޤްތިޞާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިހާރުވެސް ހަފްތާއަކުން ޗައިނާގެ އެކި ހިސާބުތަކުން 10 ދަތުރުކުރޭ. އެޤައުމުން އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުން، 2019ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރުވަނީ %87 އިތުރުވެފައި،" އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޝިންގ ވިދާޅުވީ ކުރިއަށް އޮތީ ޗައިނާގެ ހޫނު މޫސުމުގެ ޗުއްޓީއަށްވުމުން ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޗައިނާގެ އެކި ހިސާބުތަކުން ރާއްޖެއަށް ދަތުރުކުރެވޭނެ މަގުފަހިވެފައި އޮތުމުގެ މުހިންމުކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

"ޖުލައި އަދި އޮގަސްޓުގައި ގިނަ ޢަދަދެއްގެ ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަންނާނެ، މިހާރުވެސް ޗައިނާގެ އެކި ސިޓީތަކުން ރާއްޖެއަށް ދަނީ ދަތުރުތައް ކުރަމުން، އުއްމީދަކީ ކުރިމަގުގައި އިތުރު އެއަރލައިންތަކުން ދަތުރުތައް ފެށުން،" ސަފީރު ވިދާޅުވިއެވެ.


އެއަރލައިނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް، ޗޮންޗިންގ އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގޕިންގ، އެމް.އެމް.ޕީ.އާރ.ސީ އަދި މަޓާޓޯގެ އިސްވެރިންގެ އިތުރުން އެމް.އޭ.ސީ.އެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެޤައުމުން ރާއްޖެއަށް 113000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.