ކުޅިވަރު

އެއްވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލްބޭނިއާ 1-0 އިން ބަލިކޮށް ގްރޫޕް ބީގެ އެއްވަނަ ހޯދައި ސްޕެއިން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި މެޗުގައި ސްޕޭނުގެ ހަމައެކަނި ގޯލު ޖަހީ ޑެނީ އޮލްމޯ ދިން ޕާހަކުން ބާސެލޯނާގެ ފޯވަޑް ފެރަން ޓޮރޭޒެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނިޓްގަ އެވެ.

މެޗުގެ ކުރިން ވެސް ދެ ވަނަ ބުރަށް ދަތުރުކޮށްފައި އޮތުމުން މި މެޗުގައި ސްޕޭން ކުޅުނީ މުޅި ބަދަލުކޮށް، މީގެ ކުރިން ބެންޗުގައި ތިބި ކުޅުންތެރިންނާއެކުގަ އެވެ. މެޗުގައި ސްޕޭނުން ޖުމުލަ 12 ހަމަލާ ފޮނުވާލިއިރު އަލްބޭނިއާގެ ކީޕަރު ތޯމަސް ސްޓަރަކޯޝާ ނުރައްކާތެރި ދެ ބޯޅައެއް ދިފާއުކުރި އެވެ. އަދި ސްޕޭނުގެ ކީޕަރަކަށް މި މެޗުގައި ނުކުތް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވެސް ނުރައްކާތެރި ދެ ބޯޅަ ދިފާއުކުރި އެވެ.

ގިނަ ހަމަލާތަކެއް އުފައްދައި ގޯލު ނުޖެހިދާން ފެށުމުން ސްޕޭނުން ވަނީ ފެރަން ޓޮރޭޒް އާއި ޓީމުގެ އެންމެ ކުރިއަށް ކުޅުނު ރެއާލް މެޑްރިޑްގެ ހޮސެލޫ ފަހުހާފުގެ މެދުތެރޭގައި ބާލައި، ކެޕްޓަން އަދި ފޯވަޑް އަލްވާރޯ މޮރާޓާ އާއި ލަމީން ޔަމާލް އަދި ފާމިން ލޮޕޭޒްފަދަ ކުޅުންތެރިން ނެރެ އިތުރަށް ނުރައްކާކުރި އެވެ.

މި މެޗުން މޮޅުވުމުން ސްޕޭނަށް ގްރޫޕުގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕޭން މޮޅުވީ ކްރޮއޭޝިޔާ އަތުން 3-0އިންނެވެ. އިޓަލީ އަތުން މޮޅުވީ 1-0އިންނެވެ.

ގްރޫޕުގެ އެއްވަނަ ލިބުމުން ސްޕޭން މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން މުބާރާތުގެ ދެ ވަނަ ބުރަށްދާ ޓީމަކާ އެވެ.

ސްޕޭނަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު އެއް ގައުމެވެ. ޖަރުމަނާއެކު އެ ގައުމުން ވަނީ މިހާތަނަށް ތިން ތަށި ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގެ ތަށި ލިބިއްޖެނަމަ ޔޫރޯގެ އެންމެ ކާމިޔާބު ޓީމަަކަށްވާނީ ހަތަރު ތައްޓާއެކު ސްޕޭނެވެ.