ކުޅިވަރު

އިޓަލީ ކުޅުންތެރިން ރޭ ކެއީ ކޯއްޗެއް؟


ބޮޑެތި ފުޓްބޯޅަ މުބާރާތްތަކަށް ޓީމުތަކުން ތައްޔާރުވާއިރު ސަމާލުކަން ދެނީ ހަމައެކަނި މެޗަކަށް އެންޏެއްނޫނެވެ. ލައިގެންތިބޭ ޖާޒީއިން ފެށިގެންގޮސް ކެއިންބުއިމާ ހަމައަށް ވެސް ސަމާލުކަންދެ އެވެ. ހާއްސަކޮށް އޓަލީ އަކީ ނިކަން ރީތިކޮށް ނަލަކޮށް ހެދުން އެޅުމުގައި މަޝްހޫރު ބައެކެވެ. ގަޔަށް ބާރު ޖާޒީ ލައިގެން ތިބޭއިރު އެމީހުންގެ ހަށިގަނޑުގެ ވަނާތައް ފާޅުކޮށްފައި ބެހެއްޓުމަކީ ވެސް އިޓަލީގެ އާދައެކެވެ. މީގެ އިތުރުން ކޮންމެ ޓީމަކުން ވެސް އެބަޔަކު ބޭނުންވާ ކެއުން ތައްޔާރުކުރުމަށް ކުރީބައިގައި މެނޫ ހަވާލުކުރެ އެވެ.

ޖަރުމަނުގައި މިހާރު ހިނގަމުންދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ ކުޅުންތެރިންނަށް ކެއިން ބުއިމުގެ ނަސީބު ލިބިފައިވަނީ އެމީހުން އެންމެ ބޭނުންވާ ގޮތަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅެން ޖަރުމަނުގެ ލައިޕްޒިގުގައި އިޓަލީ ކުޅުންތެރިން ތިބި ހޮޓަލުގެ ބަދިގޭގައި އިޓަލީގެ ޗީފް ޝެފުން ތިއްބެވެ.

އިޓަލީ ޓީމުގެ ބޮޑު ކައްކާ ކްލައުޑިއޯ އެހީތެރިކަމާއި އިސްނެގުމާއެކު ރޭ އޮތް ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްދީފައިވަނީ 2006 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދިއިރު އިޓަލީގެ ކުޅުންތެރިން ކައި އުޅުނު މެނޫގައި ހުރި ކެއުމެވެ. މަޝްހޫރު ސްކައުޑްރާ އަޒޫރާ އެވެ. މީގެ އިތުރުން ޕާސްތާ އާއި ބަތާއި ތަރުކާރީގެ އިތުރުން ވާޖިން އޮލިވް އޮއިލް އާއި ބީފް އަދި އިޓަލީގައި މަޝްހޫރު ޕްރޮޝިއުޓޯ އާއި ޗީޒް އާއި ގެރިކުރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕާމަޒާން ވެސް ހުއްޓެވެ. މިތަކެތި ތައްޔާރު ކުރުމަށް ސާމާނު ގެނައީ އިޓަލީންނެވެ.

ކްލައުޑިއޯ ބުނީ ހޮޓަކުގެ ބަދިގޭގައި އިޓަލީގެ ޝެފުން ތިބުމުން ވަރަށް ހިތްހަމަޖެހުނު ކަމަށާއި އެންމެ އުފާވީ މިއިން އެއްވެސް ބާވަތެއް ކައިގެން ކުޅުންތެރިއަކަށް މިހާތަނަށް އެއްވެސް ސިއްހީ މައްސަލައެއް ދިމާވެފައިނުވާތީ ކަމަށެވެ. އަދި ޖިސްމާނީ ގޮތުން ވެސް މުޅި ޓީމު އޮތީ ފިޓްކޮށް ތިބުން ކަމަށެވެ.

ކްރޮއޭޝިޔާ މެޗަށް ހާއްސަކޮށް ކްލައުޑިއޯ ކެއުން ތައްޔާރުކުރި މައިގަނޑު ސަބަބަކީ މިރޭގެ މެޗަކީ މުބާރާތުގައި އިޓަލީ މިހާތަނަށް ކުޅެން ޖެހޭ އެންމެ މުހިންމު މެޗު ކަމަށްވާތީ އެވެ. އަލްބޭނިއާ އަތުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓް އޮތަސް ސްޕޭން މެޗުން ބަލިވެފައިވާތީވެ މިރޭ އަލްބޭނިއާ އަތުން ބަލިވެއްޖެނަމަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބަންދުވެދާނެ އެވެ. މިހެންވެ އެމީހުން ނުކުންނަނީ ކްރޮއޭޝިޔާ ބަލިކޮށް ހަ ޕޮއިންޓާއެކު ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރުމަށެވެ. ޝެފް ދެކޭ ގޮތުގައި ރަނގަޅަށް ކައިގެން ތިބުމަކީ މުހިންމު ކަމެކެވެ.