ޚަބަރު

މި މުބާރާތުން ގެއްލޭނެ އެއްޗެއް ނެތް: ސަންޔޯލް


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް ގައި ރޭ ޗެކް ރިޕަބްލިކާ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯޖިއާގެ ކޯޗު، ވިލީ ސަންޔޯލް ބުނީ، މި މުބާރާތުން އޭނާގެ ޓީމަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި، އެންމެ ބޮޑު އަމާޒަކީ ތަޖުރިބާ ހޯދުން ކަމަށެވެ.

ސަންޔޯލް ބުނީ، ޖޯޖިއާ ދެކެ އިންތިހާ އަށް ލޯބިވާކަމަށާއި، އެކަމަކުވެސް މި ފަހަރުގެ މުބާރާތަށް އެ ޓީމު އައީ ބޮޑު ކާމިޔާބީއެއް ހާސިލްކުރުމުގެ އަމާޒުގައި ނޫން ކަމަށެވެ.

އެގޮތުން، އޭނާ ބުނީ، މި މުބާރާތުން އޭނާގެ ކުޅުންތެރިންނަށް އެންމެ މުހިއްމުވެގެންދާނީ އެންމެ މަތީ ލެވެލްގެ ތަޖުރިބާ ކަމަށާއި، ގިނަ ކަންތައްތަކެއް ދަސްވެ މުސްތަގުބަލުގައި މިކަމުގެ ސަބަބުން ޖޯޖިއާ އަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖޯޖިއާގެ ފޯވާޑް، ކްވިޗާ ވަރަޓްސްކޭލިއާ ބުނީ، ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި، ފުރަތަމަ ޕޮއިންޓް ލިބުނުއިރު މެޗުނިމެންދިޔަ ވަގުތު ލިބުނު ފުރުޞަތުގެ ބޭނުން ނުހިފުމުން މާޔޫސްވާ ކަމަށެވެ.

އޭނާގެ ޓީމުން ކޮންމެ ޓީމަކަށް ވެސް އިހުތިރާމް ކުރާނެ ކަމަށާއި، މުބާރާތުގައި ކުރިއަށްދާން ބޭނުންވާތީވެ ކުރިއަށް އޮތް މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށް ވެސް ވަރަޓްސްކޭލިއާ ބުންޏެވެ.

މުބާރާތުގައި ޖޯޖިއާ ދެން ކުޅޭ މެޗުގައި މި މަހުގެ 26 ވާ ބުދަ ދުވަހުގެ ރޭ ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.