ކުޅިވަރު

ސްލޮވާކިއާއިން ކުޅުނީ މާ މޮޅު ޓީމަކާ ދެކޮޅަށް: ކަލްޒޯނާ


"
އަހަރެމެން ކުޅުނީ ވަރަށް މޮޅު ޓީމަކާ ދެކޮޅަށް، ފީފާ ރޭންކިންގެ އަށް ބެލިޔަސް ދެ ޓީމުގެ ފަރަގު ފެނިގެންދާނެ.
ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ

ޔޫރޯ 2024 ގެ ގްރޫޕް އީ ގައި ރޭ ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ސްލޮވާކިއާގެ ކޯޗު، ފްރާންޗެސްކޯ ކަލްޒޯނާ ބުނީ، އޭނާގެ ޓީމުން ކުޅެން ޖެހުނީ ހުރިހާ ގޮތަކުންވެސް މާ ވަރުގަދަ ޓީމަކާ ދެކޮޅަށް ކަމަށެވެ.

ކަލްޒޯނާ ބުނީ، ޔޫކްރޭނާ ދެކޮޅަށް ކުޅުނީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، އެ މެޗުގައި ހިނގައިދިޔަ ބައެއް ކަންކަމާ ހިތްހަމަޖެހުނަސް، ހިތްހަމަނުޖެހޭ ކަންތައް ވެސް ފެނިގެންގޮސްފައިވާ ކަމަށެވެ.

އޭނާގެ ޓީމާ މެދު ހިތްހަމަޖެހޭ ކަމަށާއި، ހާއްސަކޮށް ފުރަތަމަ ހާފުގައި ފެނުނު ރަނގަޅު ކުޅުން ފާހަގަކޮށްލަންޖެހޭ ކަމަށެވެ. އަދި ފުރަތަމަ ހާފުގައި ވެސް އޭނާގެ ޓީމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ކަލްޒޯނާ ބުންޏެވެ.

ކަލްޒޯނާ ވަނީ، އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވަރުގަދަ ޓީމަކާ ދެކޮޅަށް ފެނިގެންދިޔައީ ރަނގަޅު ކުޅުމެއް ކަމަށާއި، އެ މީހުން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށް ބުނެފައެވެ. އަދި އޭނާގެ ޓީމަށް ހެދުނުހާ ވެސް ގޯހަކީ އިދިކޮޅު ޓީމަށް 30 ވަރަކަށް މިނެޓު ކުޅެލުމުގެ ފުރުޞަތުކަމަށާއި، ލިބުނީ އެކަމުގެ އަދަބު ކަމަށް ވެސް ކަލްޒޯނާ ބުނެފައިވެއެވެ.

ކަލްޒޯނާ ނިންމާލަމުން ބުނީ، އޭނާގެ ޓީމުން ދެން ނިކުންނަންޖެހޭ ރުމޭނިއާ އާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަމަށާއި، ޔޫކްރޭން އަތުން ހޯދީ މޮޅާއެކު އެމީހުން ތިބޭނީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެމީހުންނަކީ ކޮލިޓީ ޓީމަކަށްވުމުން، އުނދަގޫނަމަވެސް ސްލޮވާކިއާ އިން ނިކުންނާނީ އެ ޓީމުގެ ބަލިކޮށް ގަދަ 16 ގެ ބުރަށް ދަތުރުކުރުމުގެ އަޒުމުގައި ކަމަށް ވެސް ކަލްޒޯނާ ވަނީ ބުނެފައެވެ.

ސްލޮވާކިއާގެ ކެޕްޓަން، މިލާން ޝްކްރިނިއާރް ބުނީ، ފުރަތަމަ ހާފުގައި ފެނުނީ ރަނގަޅު ކުޅުމެއް ކަމަށާއި، އެކަމަކު ފަހު ހާފުގައި ކުޅުނު ގޮތައް ކުޅެގެން ނުވާނެ ކަމަށެވެ. ޝްކްރިނިއާރް ވަނީ، ޓީމުގެ ކުޅުންތެރިން ކޯޗުގެ އިރުޝާދުތަކަށް ތަބާނުވުމުގެ ސަބަބުން އިދިކޮޅު ޓީމަށް މެޗުގެ ނަތީޖާ އަނބުރާލުމަށް ފަސޭހަވެގެންދިޔައީ ކަމަށް ފާހަގަކޮށްފައެވެ.

ޝްކްރިނިއާރް ބުނީ، މެޗުގައި ކަން ހިނގައިދިޔަ ގޮތުން މާޔޫސްވެފައިވާ ކަމަށާއި، އެކަމަކު އަދިވެސް ޓީމަށް ފުރުޞަތު ނުގެއްލޭ ކަމަށެވެ.