ޚަބަރު

ފޯސީޒަންސްގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމް 49 ބައިވެރިއަކު ފުރިހަމަކޮށްފި


  • މި ޕްރޮގްރާމް ކުރިއަށްގެންދާތާ 23 އަހަރުވެއްޖެ

  • މިހާތަނަށް ޖުމްލަ 1000 އަށްވުރެ ގިނަ ބައިވެރިން ޕްރޮގްރާމް ފުރިހަމަކޮށްފައިވޭ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފެންވަރުގައި ރިސޯޓުތައް ހިންގާ ފޯސީޒަންސް އިން ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި މުވައްޒިފުން ތަމްރީނުކުރުމަށް ކޮންމެ އަހަރަކު ހިންގާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުން ބާއްވައި، އައު ބެޗެއް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައި ކެމްޕަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އަހަރުގެ ޕްރޮގްރާމްގައި ގައި 49 ފަރާތަކުން ބައިވެރިވެ، ޕްރޮގްރާމް ކާމިޔާބުކޮށް ވަނީ ސެޓުފިކެޓް ޙާޞިލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި މަސައްކަތްތެރިން މަދުކަން ފާހަގަކުރައްވާ، ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ފޯސީޒަންސް އިން އިސްނަގައިގެން މި ދާއިރާގެ ކުރިމަގަށްޓަކައި ލީޑަރުން ބިނާކުރުމަށް، މިފަދަ ޕްރޮގްރާމެއް ހިންގާތީ، ދިވެހި އެންމެހާ ޒުވާނުންނާއި އަމިއްލަ ނަންފުޅުގައިވެސް ފޯސީޒަންސް އަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މިކަމުގައި އެވުޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ސްޓޭޓް މިނިސްޓަރ ދެއްވިއެވެ.

ފާއިތުވި 23 އަހަރު ފޯސީޒަންސްއިން ކުރިއަށް ގެންގޮސްފައިވާ މި އެޕެރެންޓިސްޝިޕް ޕްރޮގްރާމުގައި މިހާތަނަށް 1000 އަށްވުރެ ގިނަ ބައިވެރިން ވަނީ ތަމްރީނުކޮށްފައެވެ.

އޭގެތެރޭގައި ސޭފް މެރިޓައިމް ޓްރާންސްޕޯޓުގެ ދާއިރާއާއި، ހައުސްކީޕިންގެ ދާއިރާއާއި ވޯޓަރ ސްޕޯޓްސް އެޓެންޑެންޓުންނާއި، ޑައިވް މާސްޓަރުން ހިމެނެއެވެ. އަދި މެރީން ބަޔޮލޮޖީ، އިންޖިނިއަރިންއިން، ފްރަންޓު އޮފީސް، ފުޑް ޕްރިޕަރޭޝަން، އަދި ރިސޯޓް ފޮޓޯގްރަފީ ފަދަ ދާއިރާތަކުން މީހުން ތަމްރީނުކޮށްފައިވެއެވެ.

ފޯސީޒަންސް މޯލްޑިވްސްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަދި ފޯސީޒަން ލަނޑާގިރާވަރުގެ ޖެނެރަލް މެނޭޖަރ އަރމާންޑޯ ކްރެންޒްލިން އިސްވެ ހުންނަވައި 2000ގެ ކުރީކޮޅު ފެށި މި ޕްރޮގްރާމަކީ ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ އެޕެރެންޓިސްޝިޕް ޕްރޮގްރާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަރމާންޑޯ ވިދާޅުވީ، މިހާ ކާމިޔާބުކަމާއެކު އެހާ ދިގު މުއްތަކަށް މި ޕްރޮގްރާމް ހިންގިފައިވީނަމަވެސް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އެގޮތުން، ބައިވެރިން ހޯދުމުގެ ދަތިކަން އޭނާ ފާހަގަކުރެއްވިއެވެ.

"20 އަހަރަށްފަހު ވެސް އަޅުގަނޑުމެންނަށް ފެންނަނީ މި ޕްރޮގްރާމާއި މެދު ހޭލުންތެރިކަން ކުޑަކަން. ކަމާބެހޭ އިދާރާތަކުން، ސްކޫލުތަކުގެ ވެރިންނާއި ބެލެނިވެރިނަށް މި މަޢުލޫމާތު ދެއްވާ.. ރަށްރަށުގެ މީހުން މިކަމަށް ހޭލުންތެރި ކުރެވިއްޖެނަމަ ގިނަ ބައިވެރިންނަށް ފުރުޞަތު ލިބޭނެ." އަރމާންޑޯ ވިދާޅުވިއެވެ.

49 ބައިވެރިއަކު މި ޕްރޮގްރާމް ފުރިހަމަކޮށް މިއަދު ދަސްވެނިވެފައިވާއިރު، 73 ބައިވެރިންނާއެކު މި ޕްރޮގްރާމުގެ އައު ބެޗެއްވެސް ފޯސީޒަނުން ވަނީ ފަށާފައެވެ.

ފޯސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް އެ ކުންފުނީގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދެއެވެ.