ކުޅިވަރު

އިންގްލަންޑަކީ ފޭވަރިޓަށްވިޔަސް ދޫ ނުދޭނަން: ސްލޮވީނިއާ ކޯޗު


އިންގްލެންޑަކީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމަކަށްވި ނަމަވެސް އޭނާގެ ޓީމުން ދޫ ނުދޭނެ ކަމަށާއި، އެ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭނެ ކަމަށް ސްލޮވީނިއާގެ ކޯޗު، މަޓްޔެޒް ކެކް ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގައި ރޭ ސާބިއާ އާ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ
އޭނާގެ ޓީމުން މި މުބާރާތުގައި ދެމިއޮންނަން ހައްގު ކަމަށެވެ. އޭނާގެ ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ކެކް ބުންޏެވެ.

ކެކްގެ ވާހަކައިގައި ވަނީ، މެޗުގެ ކުރިންވެސް ސެޓްޕީސްތަކުގައި ސާބިއާ ނުރައްކާތެރިވާނެކަން އެނގޭ ކަމަށެވެ. މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެގޮތަށް ލަނޑުވަނީ އެންމެ ރަނގަޅަށް ނުވިސްނާ ތިބުމުން ކަމަށްވެދާނެ ކަމަށާއި، އެކަމަކު އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ފަޚުރުވެރިވާ ކަމަށް ކެކް ބުންޏެވެ.

ސްލޮވީނިއާގެ ކެޕްޓަން، އަދި ގޯލްކީޕަރު، ޔެން އޮބްލަކް ބުނީ، އޭނާގެ ޓީމުން މޮޅެއް ހޯދުމާ ގާތަށް ޖެހިލުމަށްފަހު އެކަން ހާސިލްނުކުރެވުމުން ލަދުގަންނަ ކަމަށެވެ. އޭނާގެ ޓީމުން ވަރަށް ރަނގަޅު ލެވެލްއެއްގައި ކުޅުނު ކަމަށާއި، އެގޮތަށް ލަނޑެއްވަނީ ނަސީބު ނެތުމުން ކަމަށް ވެސް އޮބްލަކް ބުންޏެވެ.