ޚަބަރު

ޑެންމާކުން އިންގްލަންޑް ހިފަހައްޓައިފި، އިންގްލަންޑަަށް އިތުރު އިންތިޒާރެއް!


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް މޮޅުވިޔަނުދީ ޑެންމާކުން ހިފަހައްޓައިފި އެވެ. މެޗު އެއްވަރުވުމުން ގަދަ 16 އިން ޖާގަ ހޯދުމަށް އިންގްލެންޑަށް އިތުރު އިންތިޒާރެއް ކުރަން ޖެހި، ޑެންމާކަށްވެސް ފުރުޞަތު އެބައޮތެވެ.

ފްރާންކްފާޓް އެރީނާގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހަ ލީޑް ނެގީ އިންގްލެންޑުންނެވެ. 17 ވަނަ މިނިޓްގައި ލީޑް ނަގައިދިނީ ކެޕްޓަން ހެރީ ކޭން އެވެ. އަރިމަތިން ކައިލް ވޯކާ ނަގައިދިން ހުރަސް ގޯލް އޭރިޔާ ރޮނގުމަތިން ކޭން ވަނީ ގޯލްގެ ތިރީ ކަނަށް ފޮނުވާލާފައެވެ. ކޭންއަށް ބޯޅަ ލިބުނީ ޑެންމާކް ކުޅުންތެރިއެއް ފައިގަ ޖެހިފައެވެ. ލަނޑުގައި އެންމެ ބޮޑަށް ފާހަގަވީ ފަހަތުން އައިސް ކައިލް ވޯކާ ޑެންމާކް ކުޅުންތެރިޔާ ފައިދޮށުން ބޯޅަ ހޯދައިގެން ނަގައިދިން ހުރަހެވެ.

މުޅި މެޗުގައިވެސް މޮޅަށް ކުޅެ، މެޗު ކޮންޓްރޯލްކޮށް ފުރުޞަތުތަކެއް ހޯދި ޑެންމާކުން ނަތީޖާ ހަމަހަމަ ކުރީ 34 ވަނަ މިނިޓްގައެވެ. ޔުލްމެންޑް ހާފްގެ މެދަކާ ހިސާބުން ތިރިތިރިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ އަރިމަތި ދަނޑީގައި ޖެހިފައެވެ. އިންގްލެންޑް ކީޕަރު ޕިކްފޯޑް ރަނގަޅު ފަޅިއަށް ޑައިވް ކުރި ނަމަވެސް ބޯޅަ ދިޔަ ހިސާބުން ކީޕަރަށް އެބޯޅަ ނުހުއްޓުވުނެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމަށް ކުޅެން ފެށި ޔުލްމެންޑް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗުގައި ލަނޑުޖަހަން ގިނަ ފުރުޞަތު ތަނަަވަސްކުރީ ޑެންމާކުންނެވެ. އިންގްލެންޑްގެ ފިލް ފޮޑެން ފޮނުވާލި ގިނަ ބޯޅަތައް ގޯލާ އަމާޒެއް ނުވިއެވެ. 12 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާފަ ފޮޑެން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ކަނާ ދިމާލުން މަތިން ބޭރަށެވެ. 31 ވަނަ މިނިތްގައި ޑެންމާކްގެ ޖޯނަސް ވިންޑް ފޮނުވާލި ބޯޅަވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ ޖެހިގެން އައި މިނިތްގައި އޭރިޔާ ތެރެއަށް ނަގައިދިން ކޯނަރު ޑެމްނާކް ކުޅުންތެރިން ބޮލުން ޖެހުމުންވެސް ގޯލާ އަމާޒެއް ނުވިއެވެ.

އޭރިޔާ ބޭރުން ހޮއިބިއާ 43 ވަނަ މިނިޓްގައި ފޮނުވާލި ބޯޅަ ދިފާއިކުރީ ކީޕަރު ޕިކްފޯޑެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭރިޔާ ބޭރުން ފޮޑެން ފޮނުވާލި ބޯޅަވެސް ހުރަސް ދަނޑި މަތިން ދިޔައީ ބޭރަށެވެ. 50 ވަނަ މިނިޓްގައި އިންގްލެންޑްގެ ޑެކްލަން ރައިސް ފޮނުވާލި ބޯޅަ ކީޕަރު ހުށިޔާރު ކަމާއެކު ދިފާއު ކުރިއެވެ. އޭގެ ހަތަރު މިނިޓް ފަހުން ފޮޑެން އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މިއީ އިންގްލެންޑުން މެޗުގައި ފޮނުވާލި އެންމެ ނުރައްކާތެރި ބޯޅައެވެ.

63 ވަނަ މިނިޓްގައި ޑެންމާކްގެ އެރިކްސަން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. 67 ވަނަ މިނިޓްގައި އޭރިޔާ ބޭރުން މިކެލް ޑަމްސްގާޑް ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރު ޕިކް ފޯޑެވެ. 71 ވަނަ މިނިޓްގައި މޮޅުވާން އިނގިރޭސިންނަށް ފުރުޞަތެއް ލިބުނެވެ. އޭރިޔާ ތެރެއަށް ދިން ތްރޫ ޕާސް ވަޓްކިންސް ފޮނުވާލުމުން ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.

ގްރޫޕް ސީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނު އިރު އިންގްލެންޑް އެއްވަނައިގައި އޮތީ 4 ޕޮއިންޓާ އެކުއެވެ. ޑެންމާކާއި ސްލޮވީނިޔާވެސް އޮތީ ދެ ޕޮއިންޓްގައެވެ. ފުލުގައި އޮތީ ޕޮއިންޓަކާއެކު ސާބިޔާ އެވެ.