ޚަބަރު

އަހަރެމެންގެ 11 ކުޅުންތެރިންނަށް އެކަނި ނުވާނެ: ސްލޮވީނިއާ ކޯޗު


ޔޫރޯ 2024 ގެ ގްރޫޕް ސީގައި މިރޭ ސާބިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮވީނިއާގެ ކޯޗު، މަޓްޔެޒް ކެކް ބުނީ، ސާބިއާ އާ ދެކޮޅަށް ކުޅެންޖެހޭ ހައި ޓެމްޕޯ ގޭމް ކުޅުމަށްޓަކައި 11 ކުޅުންތެރިންނަށް އެކަނި ނުވާނެ ކަމަށެވެ.

އެގޮތުން، ކެކް ފާހަގަކުރި ގޮތުގައި، ސާބިއާ އާ ދެކޮޅަށް ކުޅޭ ހައި ޓެމްޕޯ، އެގްރެސިވް ގޭމަށް މުޅި މެޗުގައި ފުރިހަމަ 90 މިނެޓުގައި އެ ހައި ޓެމްޕޯ އެއްވަރެއްގައި ހިފަހައްޓަންޖެހޭނެ ކަމަށާއި، އެކަން އެގޮތަށް ކުރެވޭނީ މުޅި ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ. އެހެންކަމުން، މީގެކުރީ މެޗުތަކުގައި ނުކުޅޭ ކުޅުންތެރިންގެ މުހިއްމުކަން ސާބިއާ މެޗަށް އިތުރުވެގެންދާނެ ކަމަށް ވެސް ކެކް ފާހަގަކުރިއެވެ.

ކެކް އިތުރަށް ބުނީ، އޭނާގެ ޓީމުން ޕޮޒިޓިވް ނަތީޖާއެއް ހާސިލްކުރަން ބޭނުންވާ ކަމަށާއި، މުބާރާތަށް އައީ ކިހިނެތް، އަދި ކީއްވެކަމާއި، އައުން ހައްގުކަން ސާބިތުކޮށްދިނުމަށްޓަކައި ވެސް މި މެޗުގެ މުހިއްމުކަން އިތުރުވާ ކަމަށެވެ.

ސްލޮވީނިއާގެ ވިންގް-ބެކް، ޕީޓާ ސްޓޮޔަނޮވިޗް ބުނީ، ސާބިއާ މެޗު، ޑެންމާކާ ދެކޮޅަށް ކުޅުނު މެޗަށްވުރެ ތަފާތުވެ، އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން، ސްލޮވީނިއާ ޓީމުން އެންމެ ރަނގަޅަށް ފޯކަސްކުރަންޖެހޭނެ ކަމަށް ސްޓޮޔަނޮވިޗް ބުންޏެވެ.

މުބާރާތުގައި ސްލޮވީނިއާ އާ ސާބިއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.