ޚަބަރު

މުޅި މެޗުގައިވެސް އަހަރެމެންގެ ނަސީބު ފެނުނީ ދެރަކޮށް: ރޮސީ


ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި ރޭ ޖަރުމަނު އަތުން 2-0 އިން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަންގޭރީގެ ކޯޗު، މާކޯ ރޮސީ ބުނީ، މުޅި މެޗުގައިވެސް އޭނާގެ ޓީމު ފެނުނީ ވަރަށް ނަސީބު ދެރަކޮށް ކަމަށެވެ.

އެގޮތުން، ރޮސީ ބުނީ، އޭނާގެ ޓީމުން ފުދޭވަރަކަށް ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސްކުރި ކަމަށެވެ. އެކަމަކު، އޭގެތެރެއިން ގިނަ ދަނޑިވަޅުތަކުގައި ފެނުނީ ނަސީބުދެރަކޮށް ކަމަށް ރޮސީ ފާހަގަކުރިއެވެ.

ރޮސީ ވަނީ، ފަހު މެޗުގައި (ސްކޮޓްލެންޑާ) ދެކޮޅަށް އެންމެ މުހިއްމު ކަމެއް ދޭނީ ސަޕޯޓަރުންނަށްޓަކައި އެމީހުން ބޭނުންވާފަދަ ކަންތައްތަކެއް ދަނޑުމަތިން ދައްކައިދިނުމަށް ކަމަށް ބުނެފައެވެ.

ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯޒްލާއީ ބުނީ، ނަތީޖާ ފެނިގެންދިޔައީ އެމީހުން ތަސައްވަރުކުރި ގޮތަށް ނޫން ކަމަށެވެ. ޖުމްލަކޮށް ބަލާއިރު އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ރަނގަޅު ކުޅުމެއް ކަމަށާއި، ލަނޑުޖަހާނެ ފުރުޞަތުތައްލިބި ރަނގަޅު ޑިފެންސެއްވެސް ކޮށްފައިވާ ކަމަށް ފާހަގަކޮށް އޭނާ ބުނީ، ޖަރުމަނާ ދެކޮޅަށް ކުޅުމަކީ ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ. އޭނާގެ ޓީމުން ވަރަށް ރަނގަޅަށް މަސައްކުރިނަމަވެސް، މެޗު ކާމިޔާބުކުރުމަށް އެވަރުން ނުފުނު ކަމަށް ވެސް ސޮބޯޒްލާއީ ބުންޏެވެ.

މުބާރާތުގައި ސްކޮޓްލެންޑަށް ދެން އޮތީ ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.