ޚަބަރު

ހަންގޭރީއަށްވުރެ ސްކޮޓްލަންޑުން އުނދަގޫތައް ކުރިމަތިކުރުވި: ޔަކީން


ޔޫރޯ 2024 ގެ ގްރޫޕް އޭ ގައި ރޭ ސްކޮޓްލެންޑްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްވިޓްޒަލޭންޑްގެ ކޯޗު، މުރާތު ޔަކީން ބުނީ، ހަންގޭރީ އަށް ވުރެ ސްކޮޓްލެންޑުން އޭނާގެ ޓީމަށް ގިނަ މައްސަލަތައް ކުރިމަތިކުރުވިކަމަށެވެ.

އެގޮތުން، ކޯޗު ޔަކީން ބުނީ، ފުރަތަމަ ހާފުގައި ވެސް ސްކޮޓްލެންޑުން ވަނީ އޭނާގެ ޓީމަށް އުނދަގޫތައް ކުރިމަތިކޮށްފައި ކަމަށެވެ. އެހެންކަމުން، އެ ދެ ޓީމު ބައްދަލުކުރާ މެޗު ވެގެންދާނީ ވަރުގަދަ ކުރިމަތިލުމެއް ކަމަށް ވެސް ޔަކީން ބުންޏެވެ.

މެޗަށްފަހު ދެއްކި ވާހަކައިގައި ޔަކީން ވަނީ، އެ ޓީމުގެ ފޯވާޑްލައިންގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމަށްވާ، ޒެރްދާން ޝަކީރީ އަކީ މެޗުގައި ފެނިގެންދިޔަ ފަދަ ދަނޑިވަޅުތަކުގައި އެ ކަހަލަ ލަނޑުޖެހުމަށް ހާއްސަ ކުޅުންތެރިއެއް ކަމަށް ބުނެފައެވެ. އެ ގޯލަކީ ވަރަށް ރީތި ގޯލެއް ކަމަށާއި، އެ ދަނޑިވަޅުގައި އެހެން ގޮތަކަށް އޭނާ އަށް ކަން ނުކުރެވޭނެ ކަމަށް ވެސް ޔަކީން ބުންޏެވެ.

ސްވިޓްޒަލޭންޑުން އެއްވަރުކުރި ލަނޑުޖެހި ޒެރްދާން ޝަކީރީ ބުނީ، މެޗުން މޮޅުނުވުމުން މާޔޫސްވެފައިވާ ކަމަށެވެ. އެކަމަކު، 1-1 ގެ ނަތީޖާ ގޯހެއް ނޫން ކަމަށެވެ. ސްކޮޓްލެންޑުން ފަހުވަގުތުކޮޅުގެ ތެރޭގައި ވެސް ލަނޑެއްޖެހުމަށް މަސައްކަތްކުރިކަމަށާއި، މުޅި މެޗަށް ބަލާއިރު މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ސްވިޓްޒަލޭންޑުން ކަމަށް ޝަކީރީ ބުންޏެވެ.

އަދި އޭނާ ބުނީ، ކުރިއަށް އޮތް މެޗަށްދާއިރު މި މެޗުން ގިނަ ކަންތައްތަކެއް ދަސްކުރަންޖެހޭ ކަމަށާއި، އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ލިބޭ ފުރުޞަތުތަކުގެ ބޭނުންހިފައި ލަނޑެއްޖެހުމަށް ކަމަށް ވެސް ޝަކީރީ ފާހަގަކުރިއެވެ.

މުބާރާތުގައި ސްވިޓްޒަލޭންޑަށް ދެން އޮތީ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.