ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕޭނާއި އިޓަލީ ބައްދަލުކުރާ މެޗަކީ ގަދަ 16 އަށް ދަތުރުކުރުމުގެ އެންމެ މުހިންމު ދަތުރެވެ. ދެ ބައި މީހުންނަކީ ވެސް ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަ ދެ ބާރެވެ. ސްޕޭން ވަނީ ތިން ފަހަރު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުގެ ތައްޓާއެކު އިޓަލީ އަތުގައި ދެ ތަށި އެބަހުއްޓެވެ. ދެ ބައި މީހުންގެ ފުޓްބޯޅަ އަކީ އެކައްޗެކެވެ.
ކޯޗު ލޫސިއާނޯ ސްޕަލެއްޗީ ބުނީ އަރްމާނީ ނޫ ކޯޓުގައި އިޓަލީ މިރޭގެ މެޗަށް ނުކުންނާނީ ފަހުރުވެރިކަމާއެކުގައި ކަމަށެވެ. ސްޕޭނަކީ މިވަގުތު އިޓަލީ އަށްވުރެ މޮޅު ޓީމަކަސް އަޒޫރީންގެ ފުޓްބޯޅައިގެ ތާރީހާއި ސަގަފާތާއި ތަޖުރިބާއިން ސްޕޭނުގެ މައްޗަށް ގަދަވެގެންދާނެ ގޮތް އެނގޭ ކަމަށެވެ. އޭނާ ކަންބޮޑުވުމަކީ ސްޕޭނުން ބޯޅަ ކޮންޓްރޯލް ކޮށްފާނެތީ އެވެ. މިހެންވެ ސްޕޭން މީހުން އެކަނި ކުޅެން ބޯޅަ ދޫކޮށްލުމަށް ކޯޗު ވަނީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް ނަސޭހަތްދީފަ އެވެ. މިކަމަށްޓަކައި ގަޔާގަޔާ ޖެހިގެން ޖިސްމާނީ ވަރުގަދަކަން އިޓަލީން ކުރިއަށް ނެރޭނެ އެވެ.
ސްޕޭނުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ އަށް އިޓަލީގެ މިހާރުގެ ޓީމަކީ ވެސް ފަރިތަ ބައެކެވެ. ސްޕޭނުގެ 21 އަހަރުން ދަށުގެ ޓީމާއެކު އޭނާ މަސައްކަތްކުރި ދުވަސްވަރު އިޓަލީގައި ކުޅުނު ގިނަ ކުޅުންތެރިންނަކީ މިހާރުގެ ޓީމުގެ ސީނިއާ ކުޅުންތެރިންނެވެ. މިހެންވެ އެމީހުންގެ ވައްޓަފާޅީގެ ކޮންމެވެސް މިންވަރެއް ދެނެހުރެ އޭނާ މިރޭގެ މެޗު ފަށައިގަންނަނީ އިތުބާރާއި ޔަގީން ކަމާއެކުގަ އެވެ.
ސްޕޭނުގެ ފުރަތަމަ މެޗަކީ މުޅި ޔޫރޯ އަށް ވެސް ހާއްސަ މެޗެކެވެ. ގިނަ ގޯލުތަކެއް ޖެހުމުގެ އިތުރަށް ސްޕޭނުގެ މިޑްފީލްޑަރު ލަމީން ޔަމާލް ދިޔައީ ސްކޫލް ދަރިވަރެއްގެ ގޮތުގައި ހުރެ ރެކޯޑެއް ހިފައިގެންނެވެ. އެކަމަކު ތައްޓާ ހަމައަށް ދިއުމަށް ކޯޗަށް އެ މެޗުން ފެނުނު އެންމެ ބޮޑު ޕްލަސް ޕޮއިންޓަކީ އޭނާގެ ފަހަތަށް ކުޅުނު ހަތަރު ކުޅުންތެރިންނާއި ނުކުޅެ ބެންޗުގައި ތިބި ކުޅުންތެރިންނެވެ.
އިޓަލީގެ ކުޅުމަކީ ވެސް މިހާރު ކުރިއާ އަޅާ ބަލާއިރު މާ ދިފާއީ ގޭމެއްނޫނެވެ. އެމީހުންނަކީ ވެސް ބޯޅަ ހޯދައިގެން ކުޅެ، އެޓޭކް ކުރާ ބައެކެވެ. ރީތި ޕާސްތަކަކާއެކު ކުރިއަރައި ގޯލް ޖެހުމުގެ ސިފަ އިޓަލީގެ ބޯޅައަށް ގެންނަން ކޯޗަށް އެންމެ ބޮޑަށް ބާރު އަޅަނީ އޭނާގެ އެހީތެރިންނަށް ތިބި ކުރީގެ ތަރިންނެވެ.
ޓީމުގެ މައި ބަދަ އަކީ އިންޓަމލާނުގެ ނިކޯ ބަރެއްލާ އާއި އާސެނަލްގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ބަރެއްލާ އަކީ މިވަގުތު ގައުމީ ޓީމުގައި ހުރި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ޖޯޖީނިއޯ އަކީ އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. މީގެ ތެރެއަށް ފްރެޑްރިކޯ ކިއޭޒާ އިތުރުކުރުމުން އިޓަލީގެ މެދާއި ކުރި ގެތެމުންދާލެއް ފުރިހަމަކަމުން މި ގުޅުން ރޫޅާލައިގެން މެދުނީ ސްޕޭނަށް މެޗު ފަސޭހަ ނުކުރެވޭނެ އެވެ. ރޮޑްރީ އަކީ މޮޅު ޕިވޮޓަކަށްވިޔަސް މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕޭން ޓީމުން ބަލި ފައިތަކެއް ފެނުނެވެ. ޕެޑްރީ އާއި ނިކޯ ވިލިއަމްސް އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ބަދަލުގައި ޑެނީ އޮލްމޯ ނެރުމަށް ސްޕޭނުގެ މީޑިއާތަކުން ދަނީ ޕްރެޝަރު ކުރަމުންނެވެ.
އިޓަލީގެ އެންމެ ބޮޑު މައްސަލައަކީ ފޯވަޑް ލައިނެވެ. ގޯލު ޖަހާނެ މޮޅު ކުޅުންތެރިން ނެތުމެވެ. އިހުގައި ފެނުނު ރޮބާޓޯ ބާޖިއޯ އާއި ޝަލްވަޓޯރޭ ސިލާޗީ އާއި ކްރިސްޓިއަން ވިއޭރީ އާއި އެލަސެންދްރޯ ޑެޕްލިއެރޯ ފަދަ ތޫނުފިލި ފޯވަޑުން ނެތުމަކީ އެންމެ ފަހުގެ ވޯލްކަޕުން ވެސް ފުރުސަތު ނުލިބުނު މައިގަނޑު ސަބަބެވެ. ބަރެއްލާ އަކީ މި ޓީމުގެ އެންމެ އަރަނި ރަނގަޅު ކުޅުންތެރިޔާ އަށްވީ މިކަމާހެދި އެވެ. ނަމަވެސް އިޓަލީގެ އަމާޒަކީ ރީތި މޮޅަކުން ފެށި ދަތުރު މޮޅަށް ނިންމައި އަލުން ތަށި ހިފައިގެން ރަށަށް ދިއުމެވެ. އެއީ ކުރެވިދާނެ ކަމެއްތޯ ޔަގީން ކުރެވޭނީ މިރޭ ސްޕޭން ބަލިކޮށްގެންނެވެ. އަނެއްކޮޅުން ސްޕޭނަށް ވެސް ކަމެއް ސާބިތުކޮށްދެވޭނީ އިޓަލީ ފަދަ ގަދަބާރެއްގެ މައްޗަށް ކުރި ހޯދިގެންނެވެ.