ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްލޮވީނިއާ އާއި ސާބިއާ އިރާކޮޅު ބައްދަލުކުރަނީ ވަރަށް މުހިންމު މެޗަކަށެވެ. ފުރަތަމަ މެޗު ގެއްލިފައިވުމުން މި މެޗުން މޮޅުވެގެން އެއްވެސް ޓީމަކަށް މުބާރާތުގެ ދެ ވަނަ ބުރު ޔަގީނެއް ނުކުރެވޭނެކަން އެނގިތިބެ އެވެ.
ސާބިއާއިން މުބާރާތުގެ ފުރަތަމަ މެޗުގައި އިނގިރޭސިންނާ ދެކޮޅަށް ކުޅުނީ އެއީ މުޅިން އެހެން ދުނިޔެއަކުން އައިސްފައިތިބި ބައެއް ކަމަށް ދެކެވޭ ފަދަ މޭރުމަކުންނެވެ. އިނގިރޭސިންނަށް ނުހަނު އިހްތިރާމްކޮށްގެންނެވެ. ނަމަވެސް ސްލޮވީނިއާއާ ދެކޮޅަށް އެފަދަ ކުޅުމަކުން ފުއްދައެއްނުލެވޭނެ އެވެ. މޮޅުނުވެވިއްޖެނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޑެންމާކް ނެރޭ ނަތީޖާއަކުން ސާބިއާ އުއްމީދުތައް ފުނޑުފުނޑުވެދާނެތީ އެވެ.
މިހެންވެ ކޯޗު ސްޓޮއިކޮވިޗް ބުނީ ފުރަތަމަ ސިކުންތުން ފެށިގެން އެމީހުން ކުރިއަރައި ގޯލު ޖަހަން މަސައްކަތް ކުރާނެ ކަމަށެވެ. އިނގިރޭސިން މެޗުގައި ބޯޅަ އަތުގައި އޮތަސް ގޯލެއް ނުޖެހި ދިޔަދިއުން ނިމުމަކަށް ގެނެސް މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމަކީ ކިހާ ސީރިއަސްކަމެއްކަން އޭނާ ވަނީ ކުޅުންތެރިންގެ ސިކުނޑިތަކަށް ނުހަނު ރަނގަޅަށް ވައްދައިދީފަ އެވެ. ސާބިއާ އަކީ ޓީމުގައި ކިތަންމެ މޮޅު ކުޅުންތެރިން ތިއްބަސް ވަރަށް ގިނަ ފަހަރު އެކްސްޕްރިމެންޓް ކުރާ ޓީމެކެވެ. މާނައަކީ ނަތީޖާ ނެރެ މުބާރާތެއްގެ ފަހު ސްޓޭޖަށް ދަތުރުކުރުމަކީ އެމީހުންނަށް ކުރެވިފައިވާ ކަމަކަށްނުވާކަމެކެވެ. ނަމަވެސް މިނިވަންކަމަށް އަލިވިލުމަށްފަހު ކުޅޭ ފުރަތަމަ ޔޫރޯ އަކީ މި ފަހަރުގެ މުބާރާތް ކަމުން ގައުމުގެ ރައްޔިތުންގެ ދަނީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.
ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ޔޫރޯ އަށް އެނބުރި އައުމުގެ އުފާވެރިކަން ހާވިއާ ކޮށްލެވުނަސް، ސްލޮވީނިއާ އަކީ މިހާތަނަށް ޔޫރޯގައި މެޗެއް ކާމިޔާބު ކުރެވިފައިވާ ގައުމެއްނޫނެވެ. މިކަމަށް ނިމުން ގެނެސްގެން މެނުވީ އެމީހުންނަށް މުބާރާތުގައި ކުރިއަކަށް ނުދެވޭނެ އެވެ. މިއާއެކު ސްލޮވީނިއާ އެންމެ ބޭނުންވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެމީހުން ކޮލިފައިވީ ފެންވަރު ހުރެގެންކަން ދުނިޔެ އަށް ސާބިތުކޮށްދިނުމަށެވެ. ކޯޗު މެޖާޒް ކެކް ބުނީ އޭނާގެ ޓީމަކީ އެކުގައި ތިބެ ބޮޑެތިވި ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް ނަމަވެސް މަދުވަނީ ތަޖުރިބާ ކަމަށެވެ. މިއީ ސާބިއާ ކަހަލަ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެން މަދުވާ މުހިންމު މާއްދާއެއްކަން ފާހަގަ ކުރަމުން ކޯޗު ބުނީ ތަޖުރިބާނެތްތަން ފޫބެއްދޭނީ ކަށިން ހިތްވަރު ނެރެގެން ކަމަށެވެ. އަދި ޑެންމާކް މެޗު ފަދައިން ސަޕޯޓަރުން ޓީމަށް ސާބަސް ދިނުމުގައި ކެނޑިނޭޅި ދެމިތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކޯޗު އެ ބުނަނީ ރަނގަޅު ވާހަކައެކެވެ. ސްލޮވީނިއާ ޓީމުގައި ގޯލްކީޕަރު ޔާން އޮބްލަކް އާއި ބެންޖަމިން ސެސްކޯ ފިޔަވައި ޔޫރަޕުގެ ގަދަ ފަސް ލީގުންކުރެ ލީގެއްގައި ކުޅޭ ކުޅުންތެރިއަކު ނެތެވެ. ޑެންމާކް މެޗުގައި ޓީމުން އެންމެ ބޮޑަށް ފާހަގަވި ކުޅުންތެރިއަކީ އެރިކް ޔަންޒާ އެވެ. އެ މެޗުގައި ގޯލު ޖެހުމުގެ އިތުރަށް އޭނާ ވަނީ ގިނަ ހަމަލާތަކެއްގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެކަމަކު އެންމެ ގިނަ ބަޔަކު އަދިވެސް އެންމެ ފާހަގަކުރާ ކުޅުންތެރިއަކީ ފޯވަޑް ބެންޖަމިން ސެސްކޯ އެވެ. އޭނާ އާއި މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑަކީ އެއް ފެންވަރެއްގެ ދެ ކުޅުންތެރިން ކަމަށް ކިޔައި އުޅުނަސް ސެސްކޯ ބުނީ ހަ ފޫޓް ހަތަރު އިންޗީގެ އިސްކޮޅު ފިޔަވައި އެ ދެކުޅުންތެރިންނަކީ މުޅީން ތަފާތު ބައެއް ކަމަށާއި އަޅާ ކިއުން ހުއްޓާލުމަށެވެ.
މި ދެ ޓީމު ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މިހާތަނަށް ބައްދަލުކުރީ އަށް ފަހަރު އެވެ. މީގެ ތެރެއިން ހަ މެޗު ވީ އެއްވަރެވެ. ކޮންމެ ބަޔަކު ވެސް މޮޅުވީ އެންމެ ފަހަރަކު އެވެ. ފޯވަޑް އެލެގެޒެންޑާ މިޓްރޮވިޗް ސްލޮވީނިއާ ކޮޅަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ގޯލުޖަހާފައިވިޔަސް ޓީމު މޮޅުކޮށް ނުދެވޭނަމަ އެމީހުންގެ ވަރުގަދަ ފޯވަޑުންގެ ބޭނުމެއް ނެތެވެ. މިޓްރޮވިޗާއި ވްލަހޮވިޗް އަދި މިލިންކޮވިޗް ސަވިޗް ފަދަ ކުޅުންތެރިން ޔޫރަޕުގައި ހޯދި ތަޖުރިބާއަކީ ހަމައެކަނި ކުލަބު ލެވެލްގައި ދައްކަންޖެހޭ އެއްޗެއްނޫނެވެ.