ކުޅިވަރު

ސްވިޓްޒަލަންޑާއި ސްކޮޓްލަންޑް އެއްވަރު


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ސްވިޓްޒަލަންޑާއި ސްކޮޓްލަންޑް އެއްވަރުވެ، ދެވަނަ ބުރުގެ ޖާގައަކަށް ދެ ޓީމުންވެސް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މެޗުން މޮޅުވެގެން ސްވިޒަރލެންޑަށް ދެވަނަ ބުރު ޔަގީން ކުރެވެން އޮތް މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ސްކޮޓްލެންޑުންނެވެ. އެޓީމަށް ލީޑް ނަގައިދިނީ 13 ވަނަ މިނިޓްގައި މެކްޓޮމިނޭ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސްވިޒަރލެންޑް ޑިފެންޑަރު ފަބިއަން ޝެއާ ފައިގަވެސް ޖެހިފައެވެ. 26 ވަނަ މިނިޓްގައި ސްވިޒަރލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޝަޤީރީ އެވެ. އޭނާ ލަނޑު ޖެހީ ސްކޮޑްލެންޑް ކުޅުންތެރިން ފަހަތަށް ދިން ބޯޅައެއް ހޯދައިގެން އޭރިޔާ ބޭރުން އެއްފަހަރުން ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވާން ދެޓީމަށްވެސް ފުރުޞަތު ލިބުނެވެ. އަދި ގިނަ އެޓޭކްތަކެއް ކުރިއެވެ. އެގޮތުން މެޗު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ސްކޮޓްލެންޑުންނެވެ. ކޯނަރެއްގައި ހުރަސްވި ބޯޅަ ހަންލޭ ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވިއެވެ. އޭރިޔާ ތެރޭގައި ހުހަށް ހުރެ ކޮންޓްރޯލް ކޮށްލާފަ ސްވިޒަރލެންޑްގެ ސިލްވަން ވިޑްމާ އަށްވެސް ފޮނުވާލެވުނީ މާމަތިންނެވެ.

ގޯލް އޭރިޔާ ކަނާ ދިމާލުން ސްވިޒަރލެންޑްގެ ޑޭން އެންޑޯއި ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި އެވެ. އޭގެ ސިކުންތުކޮޅެއް ފަހުން ކޯނަރަކުން ތަނަވަސްވި ފުރުޞަތަކުން ސްވިޒަރލެންޑުން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. 41 ވަނަ މިނިޓްގައި ސްވިޒަރލެންޑްގެ ޒަހާ އޭރިޔާ ބޭރުން ފޮނުވާލިބޯޅަ ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. 58 ވަނަ މިނިޓްގައި އެންޑޯއި އޭރިޔާ ރޮނގުމަތިން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

66 ވަނަ މިނިޓްގައި އޭރިޔާ ބޭރުން އަރިމަތިން ލިބުނު ހިލޭ ޖެހުން ގޯލް އޭރިޔާ ތެރެއިން ސްކޮޓްލެންޑް ކުޅުންތެރިން ފޮނުވާލުމުން ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ދެވަނަ ފަހަރަށް އެބޯޅަ ފޮނުވާލި ނަމަވެސް ގޯލަށް ވަނުމުގެ ކުރިން ސްވިޒަރލެންޑް ޑިފެންޑަރުން ބޯޅަ ސާފްކޮށްލިއެވެ. 81 ވަނަ މިނިޓްގައި ސްވިޒަރލެންޑްގެ އެމްބޯލޯ ބޯޅަ ހިފައިގެން އަރާ ގޯލަށް ފޮނުވާލި ނަމަވެސް ސްކޮޓްލެންޑް ހާފްގެ މެދަކާ ހިސާބުން އޭނާއަށް ބޯޅަ ލިބުނުއިރުވެސް އޮފްސައިޑްގައި ހުރުމުން ލަނޑު ބަލައެއް ނުގަތެވެ.

89 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ސްވިޒަރލެންޑްގެ ޝަގީރީ އަށް ފޮނުވާލެވުނީ އަރިމަތިން ބޭރަށެވެ. މިނަތީޖާއާއެކު ފުރުޞަތު ބޮޑީ ސްވިޒަރލެންޑަށެވެ. އެއީ އެމީހުން ފުރަތަމަ މެޗު ކާމިޔާބުކޮށްފައި ވާތީއެވެ. ދެ މެޗުން ސްވިޒަރލެންދް ވަނީ ހަތަރު ޕޮއިންޓް ހޯދާފައެވެ. ސްކޮޓްލެންޑަށް ދެ މެޗުން ލިބެނީ އެއް ޕޮއިންޓެވެ.

ސްކޮޓްލެންޑަށް ކުރިއަށް އޮތް ހަންގޭރީއާ ވާދަކުރާ މެޗެވެ. ސްވިޒަރލެންޑް ވަދަކުރަން ޖެހޭނީ ޖަރުމަނާ އެވެ.