ޚަބަރު

ޤީލާ ޢަލީގެ ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި


  • ފަތްކޮޅު އެރުވުން އޮތީ ބެލްޖިއަމްގެ ރިޔާސީ ގަނޑުވަރު "ޝަތޫ ދު ލައިކިއެން" ގައި

ދިވެހިރާއްޖެއިން ކިންގްޑަމް އޮފް ބެލްޖިއަމަށް ކަނޑައެޅުއްވި އައު ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް އަށް އަރުވައިފިއެވެ.

ފަތްކޮޅު އަރުވާފައިވަނީ، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގެ ރިޔާސީ ގަނޑުވަރު "ޝަތޫ ދު ލައިކިއެން" ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެކަމަނާގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމީއްޔާތަށް ފަހު ދިވެހި ސަފީރަށް ބެލްޖިއަމްގެ ރަސްގެފާނު ވަނީ މަރުހަބާ ދަންނަވާފައެވެ.


މި ބައްދަލުވުމުގައި ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅުއްވި ސަފީރު، ޤީލާ ޢަލީ ވަނީ ބެލްޖިއަމް ސަރުކާރުން އެކަމަނާއަށް ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރަސްގެފާނަށާއި ބެލްޖިއަމްގެ ރައްޔިތުންނަށް ސަފީރު އަރިސްކުރެއްވިއެވެ.

މިރަސްމީއްޔާތުގައި ސަފީރު ޤީލާ ޢަލީ ވަނީ ދިވެހި ރާއްޖެއާއި ބެލްޖިއަމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރަސްގެފާނު ފިލިޕް އަށް އަރުވާފައެވެ. އަދި ދެ ޤައުމުގެވެސް މަސްލަހަތު ހިމެނޭ މޫސުމީ ބަދަލުތަކުގެ ދައިރާއިންނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރެއްވިއެވެ.

ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނަށް އެރުވުމާއި ގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރުވަނީ އެމަނާއަށް މަރުހަބާ ވިދާޅުވެ، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ ބެލްޖިއަމްގެ ގުޅުމަށް އިތުރަށް ކުރިއެރުތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.


ރާއްޖޭގެ ފަރާތުން ބެލްޖިއަމްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ވެވަޑައިގެންނެވި ގީލާ އަކީ، ސިއްޙީ އަދި ޚަރިޖީ ދައިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ ޚާރިޖީ ދައިރާގެ މަސައްކަތް ފެއްޓެވީ، 2015 ވަނަ އަހަރު ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުގެ މިނިސްޓަރ އެންޑް ޗާޖް އެފެއާސް މަޤާމާއެކުގައެވެ. އޭގެ ފަހުން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލާގެ މަޤާމު އަދާކުރެއްވިއެވެ. އަދި 2018 ވަނަ އަހަރު ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމާއި ކޮންސިއުލަރ ސާވިސެސްގެ ވެރިޔާގެ މަޤާމު އަދާކުރައްވާފައިވެއެވެ.

މިރަސްމިއްޔާގައި ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކެރަޓަރީ މުހައްމަދު ޝައްފާއު އިބްރާހިމް އަދި ސެކަންޑް ސެކެރެޓަރީ ހަސަން ނަވާފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.