ކުޅިވަރު

ޖަރުމަނާ ދެކޮޅަށް ހަންގޭރީ ނިކުންނާނީ ޕޮއިންޓެއް ހޯދުމަށް: ރޮސީ


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ޖަރުމަނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަންގޭރީގެ ކޯޗު، މާކޯ ރޮސީ ބުނީ، ހުރިހާ ގޮތަކުން ބެލިޔަސް ޖަރުމަނަކީ ވަރުގަދަ ޓީމުކަމަށާއި، އެހެންވިޔަސް އޭނާގެ ޓީމުން ނިކުންނާނީ ޕޮއިންޓެއް ހޯދުމަށް ކަމަށެވެ.

ރޮސީ ބުނީ، ޖަރުމަނު ކައިރިން ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި އޭނާގެ ހުރިހާ ކުޅުންތެރިން 100 ޕަސެންޓް ދޭން ޖެހޭނެ ކަމަށެވެ. ޖަރުމަނުގެ ފެންވަރު ފެނިގެންގޮސްފި ކަމަށާއި، މިހާތަނަށް މުޅި މެޗު އެއްކޮށް ޑޮމިނޭޓްކުރި ހަމައެކަނި ޓީމަކީ އެއީ ކަމަށް ރޮސީ ބުންޏެވެ.

އެންމެ ފަހުން ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗަށް ނިސްބަތްކޮށް ދެއްކި ވާހަކަގައިގައި ރޮސީ ބުނީ، ފުޓްބޯޅައިގައި މާޒީއަކީ މާ މުހިއްމު އެއްޗެއް ނޫން ކަމަށެވެ. އެކަން ހަނދާންކޮށްދެވިދާނެ ކަމަށާއި، އެއީ މާ މުހިއްމު ކަމެއް ނޫން ކަމަށް ރޮސީ ބުންޏެވެ.

ރޮސީ ބުނީ، ފުރަތަމަ މެޗުން ބަލިވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ. އެ މެޗުގައި އެ ޓީމު ކޮޅަށް ވަތް ތިން ގޯލްގެ ތެރެއިން ދެ ލަނޑުވަނީ އަމިއްލަ އަށް ހެދުނު ގޯސްތަކުން ކަމަށް ބުނެ، ޔޫރޯގައި އެފަދަ ގޯސްތައް ހެދުމުން އޭގެ ނަތީޖާ ރަނގަޅެއް ނޫންކަން ފެނިގެންގޮސްފައިވާ ކަމަށް ރޮސީ ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަންގޭރީއާ ޖަރުމަނު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.