ޚަބަރު

އައްޔާމުއްތަޝްރީޤުގެ ދުވަސްތަކަކީ ކޮބާ؟


  • މިއީ ޙައްޖުވެރީން ޖަމުރާތަކަށް ހިލައުކާ ދުވަސްތައް

  • މިދުވަސްތަކުގައި ޙައްޖުވެރިން މިނާގައި މަޑުކޮށްގެން ތިބޭނެ

އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ނަޙްރުގެ ދުވަސް ނުވަތަ ކަތިލުމުގެ ދުވަސް ނުވަތަ ޢީދު ދުވަހަށްފަހުގައި އަންނަ ތިން ދުވަހެވެ. އެއީ ޛުލްޙިއްޖާ މަހުގެ އެގާރަ، ބާރަ އަދި ތޭރަވަނަ ދުވަހެވެ. މި ދުވަސްތަކަށް މިނާގެ ދުވަސްތަކޭވެސް ކިޔައެވެ. އެއީ މިދުވަސްތަކުގައި ޙައްޖުވެރިން މިނާގައި މަޑުކޮށްގެން ތިބޭތީއެވެ. މިއީ ޖަމްރާތަކަށް ހިލައުކުމުގެ ދުވަސްތަކެވެ.

މި ދުވަސްތަކަށް އައްޔާމުއް ތަޝްރީޤުއޭ ކިޔުނީ ހަދްޔުގެ ގޮތުގައި ކަތިލާތަކެއްޗާއި އުޟްޙިޔާގެ ގޮތުގައި ކަތިލާ ތަކެތީގެ މަސް މި ދުވަސްތަކުގައި އަވީލާކަމަށްޓަކައެވެ. މަސްތައް ކޮށާފައި ހިއްކުމަށްޓަކައި އަވީލައެވެ. އަދި މި ދުވަހަށް އައްޔާމުއް ތަޝްރީޤޭ ކިޔުނީ އެދުވަހުގައި ކަތިލާ ހަދްޔާއި އުޟްޙިޔާ ކަތިލަނީ އިރުގެ އަލިކަން ފާޅުވުމަށްފަހުގައި އެއީ އިރު އެރުމަށްފަހުގައި ކަމަށްވާތީއޭވެސް ބުނެވެއެވެ.

އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ޙައްޖުވެރީން ޖަމުރާތަކަށް ހިލައުކާ ދުވަސްތަކެވެ. އެއީ ކުޑަޖަމުރާއާއި މެދު ޖަމުރާއާއި ބޮޑު ޖަމުރާއެވެ. ކޮންމެ ޖަމުރާއަކަށްވެސް ހަތް ހިލަކޮޅު އުކައެވެ. ކޮންމެ ހިލަކޮޅެއް އެއްލާލުމާއެކު ތަކްބީރު ކިޔުން ސުންނަތްވެގެންވެއެވެ. ކޮންމެ ދުވަހެއްގައިވެސް ހިލައުކާނީ އިރު މެދުން ފިލުމަށްފަހުގައެވެ.

ހިލައުކުމުގެ ވަގުތު މެންދުރުން ފެށިގެން ފަތިސް ވަގުތާ ހަމައަށް ދެމިގެންދެއެވެ. އައްޔާމުއް ތަޝްރީޤުގެ ފުރަތަމަ ދުވަހުއާއި ދެވަނަ ދުވަހު ހިލަ އުކުމުން ޙައްޖުގެ ވާޖިބުތައް ނިމުނީއެވެ. ހިލައުކަން ތިންވަނަ ދުވަހަކަށް މަޑުކުރުން މޮޅުއިތުރު ވެގެންވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަޞައްލަމަ ވަނީ އެގޮތަށް ކަންތައް ކުރައްވާފައެވެ.

ޙައްޖުމަހުގެ އެގާރަ އަދި ބާރާގައި ޙައްޖުވެރިން މިނާގައި ރޭކުރުމަކީ ޙައްޖުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބަކަށް ވާއިރު ތޭރަވަނަ ދުވަހުވެސް މިނާގައި މަޑުކުރުމަކީ މޮޅު އިތުރުގޮތެކެވެ. ނަމަވެސް އަވަހަށް ދާން ބޭނުންވާ މީހަކަށް މިރޭ މިނާގައި ރޭކުރުން ދޫކޮށްލާފައި ދިޔުން ހުއްދައެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ އެއީ ކީރިތި ޤުރުއާނުގައިވާ ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެވެ. އެއީ އެ ދުވަސްތަކެއްގައި ޛިކްރުކުރުމަށް މާތް ﷲ އަމުރުކުރައްވާފައިވާ ދުވަސްތަކެވެ.

އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ އައްޔާމުއް ތަޝްރީޤުގެ ފުރަތަމަ ދުވަހެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ޢީދު ދުވަސްތަކެކެވެ. އެއީ ކެއުމާއި ބުއިމާއި ﷲއަށް ޛިކްރުކުރުމުގެ ދުވަސްތަކެކެވެ. އުފާވެރިކަން ފާޅުކޮށް ރަޙިމުގެ ގުޅުން ބަދަހިކުރުމުގެ ދުވަސްތަކެކެވެ.