ކުޅިވަރު

ނުކުންނާނީ ރޮނާލްޑޯ ހުއްޓުވައި، ޕޯޗުގަލް ބަލިކުރަން: ޗެކް ރިޕަބްލިކުގެ ކޯޗު


"
ކްރިސްޓިއާނޯ އަށް ފުރުޞަތެއްލިބިއްޖެނަމަ އޭނާ ލަނޑުޖަހާނެކަން އަހަރެމެންނަށް އެނގޭ،
ޗެކް ރިޕަބްލިކްގެ ކެޕްޓަން، ތޯމަސް ސޫޗެކް

މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗެކް ރިޕަބްލިކްގެ ކޯޗު އިވާން ހަސެކް ބުނީ، ޕޯޗުގަލްގެ ތަރި އަދި ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވުމުގައި ގިނަ ޓީމުތަކަށް ނާކާމިޔާބުވެފައިވީނަމަވެސް އޭނާގެ ޓީމުން ނިކުންނާނީ އެކަން ކުރުމަށްފަހު ޕޯޗުގަލް ބަލިކުރުމަށް ކަމަށެވެ.

އެގޮތުން، މެޗަށްފަހު އޭނާ ބުނަން ބޭނުންވަނީ ހަމައެކަނި ރޮނާލްޑޯއާ ދެކޮޅަށް ކުޅުނު ވާހަކަ އެކަނި ނޫން ކަމަށާއި، އެކަމަކު ރޮނާލްޑޯގެ ޓީމު ބަލިކުރި ވާހަކަ ކަމަށް ހަސެކް ބުންޏެވެ. ހަސެކް ބުނީ، ޕޯޗުގަލްގެ ހަމައެކަނި ވިސްނަންޖެހެނީ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭސްއާ މެދު އެކަނި ނޫން ކަމަށާއި، އެ ޓީމުގައި ބެނާޑޯ ސިލްވާ އާއި ރަފައެލް ލެއާއޯގެ އިތުރުން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.

އެ ޓީމުގެ ފޯވާޑްލައިންގެ އިތުރުން މެދުތެރޭގައި އާއި ފަހަތުގައި ވެސް ތިބީ ކޮލިޓީ ކުޅުންތެރިން ކަމަށް ހަސެކް ބުންޏެވެ. އެހެންކަމުން، ޕޯޗުގަލް އަންޑައެސްޓިމޭޓް ނުކުރާނެ ކަމަށާއި، އޭނާގެ ޓީމަށް ކުރެވިދާނެ ކަންތައްތަކާ މެދު ފޯކަސް ކުރާނެ ކަމަށް ވެސް ހަސެކް ވަނީ ބުނެފައެވެ.

ހަސެކް އިތުރަށް ބުނީ، ގިނަ ތަރިންތަކެއްގެ މައްޗަށް ބިނާވެފައިވާ ޕޯޗުގަލް ހުއްޓުވުމަށްޓަކައި އޭނާގެ ޓީމުގެ ޓީމްވޯކް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ. އެގޮތުން، ހުރިހާ ކުޅުންތެރިންގެ އެންމެ ބެސްޓް ދޭން ޖެހޭނެ ކަމަށް ހަސެކް ބުންޏެވެ.

އަދި، މުބާރާތުގެ ފުރަތަމަ މެޗުތަކުގައި ނަތީޖާ ނިކުތް ގޮތުން އޭނާ ދެކޭ ގޮތް ބަދަލުނުވާނެ ކަމަށް ބުނަމުން ހަސެކް ވަނީ، އެޓޭކިންގ ފުޓްބޯޅަ ނުކުޅެ، ހަމައެކަނި ޑިފެންސްކޮށްގެން މަޑުކޮށްލައިގެން ތިބުމަކުން ބޭނުންވާ ކަންތައް ހާސިލްނުކުރެވޭނެކަން އެނގޭ ކަމަށް ބުނެފައެވެ.

ޗެކް ރިޕަބްލިކްގެ ކެޕްޓަން އަދި މިޑްފީލްޑަރު، ތޯމަސް ސޫޗެކް ވަނީ، ގްރޫޕް އެފްގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް އެ ޓީމުން ނިކުންނަ މެޗަކީ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ބޮޑު އެއްމެޗުގެ ގޮތުގައި ސިފަކޮށްފައެވެ. ސޫޗެކް ބުނީ، ޕޯޗުގަލްގެ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެ ޓީމަކީ ގްރޫޕް އެފްގެ ފޭވަރިޓެއްގެ އިތުރުން މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރެއިން އެ ޓީމު ކަމަށެވެ. އެ ޓީމު ހުއްޓުވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، މެޗު ފެށިގެން އެންމެ ފަހު މިނެޓާ ހަމައަށް މަސައްކަތްކޮށްގެން މެނުވީ އެކަން ކާމިޔާބުނުވާނެ ކަމަށް ވެސް ސޫޗެކް ބުންޏެވެ.

ސޫޗެކް ބުނީ، ޗެކް ރިޕަބްލިކުން ކުޅޭއިރު ރޮނާލްޑޯ އަށް ހުސްޖާގަ ދީގެން ނުވާނެ ކަމަށާއި، އެކަމަކު ހަމައެކަނި ރޮނާލްޑޯ ހުއްޓުވިޔަސް އެކަން ކާމިޔާބުނުވާނެ ކަމަށެވެ. ޔޫރަޕްގެ ވަރުގަދަ ޓީމުތަކަށް ކުޅޭ 25 ވަރަކަށް ކުޅުންތެރިން އެ ޓީމުގައި ހިމެނޭތީވެ، ފަސޭހަނުވާނެ ކަމަށް ސޫޗެޒް ފާހަގަކުރިއެވެ.

މުބާރާތުގެ ގްރޫޕް އެފް ގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ޗެކް ރިޕަބްލިކް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.