ކުޅިވަރު

ތުރުކީއާ ދެކޮޅަށް ނިކުތުމަކީ ބޮޑު ޗެލެންޖެއް: ޖޯޖިއާ ކޯޗު


ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފް ގައި މިރޭ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯޖިއާގެ ކޯޗު، ވިލީ ސެންޔޯލް ވަނީ، ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފްރާންސް ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ސެންޔޯލް ބުނީ، ތުރުކީގެ ކޮލިޓީއާ މެދު ކިތަންމެ އިރެއްވަންދެން ވާހަކަދެއްކިދާނެ ކަމަށެވެ. އެ ޓީމަކީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ތިބި، ޓެކްނިކަލް ގޮތުން ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. އެހެންކަމުން، މިރޭގެ މެޗަކީ އޭނާގެ ޓީމަށް ފަސޭހަ މެޗަކަށް ނުވާނެ ކަމަށް ސެންޔޯލް ބުންޏެވެ.

ސެންޔޯލް ބުނީ، މިރޭގެ މެޗަކީ ދެ ޓީމުގެ ވެސް ފުރަތަމަ މެޗު ކަމަށާއި، އެހެން ނަމަވެސް ބޮޑަށް ޕްރެޝަރު އޮތީ ތުރުކީ އަށް ކަމަށެވެ. އެ ޓީމުން މުބާރާތަށް އައުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި، ޕްލޭއޮފް ފައިނަލަށްފަހު ކުޅުންތެރިން ހުވަފެނީ ދުނިޔެއެއްގައި ތިބިކަމަށް ހީވިނަމަވެސް މިހާރު އަނބުރައި ހަގީގީ ދުނިޔެއަށް އަންނަން ޖެހިފައިވާ ކަމަށް ސެންޔޯލް ބުންޏެވެ.

ޖޯޖިއާގެ ކެޕްޓަން، ގުރަމް ކާޝިއާ ބުނީ، ގައުމެއް ފަޚުރުވެރިކޮށްދެވުމަކީ ވަރަށް ހާއްސަ އުފަލެއް ލިބޭކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެމީހުން މުބާރާތަށް ކޮލިފައިވުމަކީ ވަރަށް ހާއްސަ އުފަލެއް ލިބުނު ކަމެއް ކަމަށެވެ.

ކާޝިއާ ބުނީ، އޭނާގެ ޓީމުން މުބާރާތަށް އައުން ހައްގުކަން ސާބިތުކޮށްދިނުމަށް ދަނޑުމަތީގައި އެކަން ދައްކައިދޭން ބޭނުންވާ ކަމަށެވެ.

މުބާރާތުގެ ގްރޫޕް އެފް ގައި މިރޭ ތުރުކީއާ ދެކޮޅަށް ޖޯޖިއާ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 8 ޖަހާއިރު އެވެ.