ފުޓްބޯޅައިގައި މިރޭ ޖޯޖިއާ މި ފަށަނީ މުޅިން އައު ދަތުރެކެވެ. އެމީހުންނަކީ މީގެ ކުރިން ބޮޑު މުބާރާތެއް ކުޅުނު ބައެއްނޫނެވެ. ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް މި ނުކުންނަނީ މީގެ ސަބަބުން ގައުމީ ކުރިއެރުމަށް އެތައް ގޮތަކުން ކުރިއެރުން ލިބިގެންދާނެ ކަމުގެ ފޮނި އުއްމީދުގަ އެވެ. 3.7 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ޖޯޖިއާ ސަރުކާރުން ދެކޭ ގޮތުގައި ޔޫރޯ އަށް ކޮލިފައިވުމުން ގައުމުގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ އެވެ. ކުރިއަށްވުރެ ބޮޑަށް ޖޯޖިއާ އަކީ ކޮން ބައެއްކަން ދުނިޔެ ދެނެގަނެ، އެ ގައުމަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ އެވެ. ދުނިޔޭގެ ކުރިމަތީގައި ޖޯޖިއާގެ ގަދަރާއި ހައިބަތު އިތުރުވެގެންދާނެ އެވެ.
ޖޯޖިއާގެ ގައުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި ޔޫރޯ އަށް ކޮލިފައިވާން ގްރީސްއާ ދެކޮޅަށް ކުޅުނު ޕްލޭއޯފް މެޗަކީ މިހާތަނަށް އެ ގައުމުގައި އެންމެ ގިނަ މީހުން ޓީވީ ޕްރޮގްރާމެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕްރީޝޯއާ އެކު ވަގުތުން ދުރަށް ދެއްކި މެޗު ގާތްގަނޑަކަށް 1.1 މީހުން ވަނީ ބަލާފަ އެވެ. މިއާއެކު ސަރުކާރުން ވިސްނަނީ ކުޅިވަރަށް ގިނަ އިންވެސްޓްމަންޓްތަކެއް ލިބިގެންދާނެ ކަމަށެވެ. ޖޯޖިއާގައި ފުޓްބޯޅަ އަކީ އެންމެ މަގުބޫލު ކުޅިވަރެއްނޫނެވެ. ކަރާޓޭ އާއި ރެސްލިން ފަދަ ޖިސްމާނީގޮތުން ގަޔާގަޔާ ވަރުގަދައަށް ޖެހިގެން ކުޅޭ ކުޅިވަރުތަކުގެ މަގުބޫލުކަން ބޮޑެވެ.
ޔޫރޯ އަށް ކޮލިފައިވި ޓީމުގެ ކޮންމެ މީހަކީ ޖޯޖިއާގައި ގައުމީ ބަތަލެކެވެ. ޖޯޖިއާ ސަރުކާރުން ގައުމުގެ އެންމެ މަތީ ޝަރަފު މި ޓީމުގެ އެންމެހާ މެމްބަރުންނަށް އަރުވާފައިވާއިރު ގައުމީ ބޭންކުން ވަނީ ކުޅުންތެރިންގެ ޝަރަފުގައި ފައިސާ ފޮއްޗެއް ވެސް ތައާރަފްކޮށްފަ އެވެ. މިވަރުގެ ބަޔަކު ބޮޑު މުބާރާތަކަށް އަލަށް ނުކުންނައިރު މިއީ ޖޯޖިއާ އަށް މުޅިން އައު މަރުހަލާއެކެވެ. އައު ބާބެއްގެ ފެށުމެކެވެ.
ނަމަވެސް މިރޭގެ މެޗުގައި ސިޔާސީ ކުލަވަރު ހުންނާނެ އެވެ. ގައުމީ ކެޕްޓަން ޖަބާ ކަންކާވާ ވެސް ވަނީ މެޗާ ދިމާކޮށް ރަޝިޔާއާ ދެކޮޅަށް އެ ގައުމުގައި ކުރިއަށްދާ އެއްވުންތަކަށް ތާއީދުކޮށް އޭނާގެ ޝުއޫރުތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. ބޭނުމަކީ ޖޯޖިއާ ސަރުކާރުން ފާސްކުރަން އުޅޭ ފޮރިން ޕޮލިސީ ބިލާ ދެކޮޅުކަން ދެއްކުމެވެ.
މިއާ ހިލާފަށް ތުރުކީއަކީ ރަނގަޅު ފެންވަރެއްގެ ލީގެއް އޮތް ބައެކެވެ. އެ ލީގުގެ މައިގަނޑު މައްސައަކީ ކުލަބުތަކުގެ ވެރިންނާއި ސަޕޯޓަރުން ބޭނުންހާ ގޮތަކަށް ނަތީޖާ ބަދަލުކުރަން ދަނޑަށް އަރައި މެޗު ހުއްޓުވާތީ އެވެ. އަނެއްކޮޅުން ޖަރުމަނުވިލާތް ބަލިކުރި ފަހުން، ކުޅުނު ފަސް މެޗުގައި ވެސް ތުރުކީ އަށް ނަތީޖާ ނުނެރެވެ އެވެ. މިއީ ގައުމީ ޓީމު ބެލެންސްނޫންކަން ދައްކުވައިދޭ ކަމެކެވެ.
ތުރުކީ އަކީ މި ފަހަރުގެ ޔޫރޯ ބާއްވަން ޖަރުމަނާއެކު ބިޑްކުރި ގައުމެވެ. އެމީހުންނަށް ބިޑް ކާމިޔާބުނުވުމަށް ދިމާވި އެއް ސަބަބަކީ ވެސް ގައުމުގެ އެތެރޭގައި ފުޓްބޯޅަގެ ހަމަޖެހުން ނެތުމެވެ.
ނަމަވެސް އިންޓަމިލާނަށް ކުޅެމުން އަންނަ ކެޕްޓަން ކަޅަނަގްލޫ އާއި ރެއާލް މެޑްރިޑަށް ކުޅޭ 19 އަހަރުގެ އަރްދާ ގުލާ ފަދަ ކުޅުންތެރިންގެ ސަބަބުން ތުރުކީގެ ސަޕޯޓަރުންގެ އުއްމީދުތައް ވަނީ ވިލާތަކާ ހަމައިގަ އެވެ. އެމީހުން އުއްމީދު ކުރަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ކުރިއަށް ދިއުމަށެވެ.
ފުޓްބޯޅައިގައި ތުރުކީން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕުގައި އެންމެ ހައިރާންކޮށްލާފައި ގޮސް ސެމީ ފައިނަލް ކުޅުނެވެ. އެފަހަރު އެމީހުންގެ ދުވެލި ހުއްޓުވީ ޗެމްޕިއަންކަން ހޯދި ބްރެޒިލުންނެވެ. ތުރުކީ މީހުން ސާފުކޮށް ނުބުނެ ތިއްބަސް އެމީހުންގެ ހަށީގައި ހިނގާ އިހުސާސަކީ މުބާރާތުގެ ފައިނަލްގައި ޖަރުމަނާ ވާދަކުރުމެވެ. ތުރުކީގައި ޖަރުމަނު ދަރިކޮޅުގެ ދޮޅު މިލިއަނެއްހާ މީހުން އެބަތިއްބެވެ. މިހެންވެ އެމީހުންގެ ނަޒަރުގައި ޖަރުމަނު ފަސްގަނޑުގައި ތުރުކީ އަށް ގުޑުން އަރުވާލުމަކީ އެއްވެސް ބަޔަކަށް މާފަސޭހައިން ކުރެވޭނެ ކަމެއްނޫނެވެ.