ކުޅިވަރު

ޔޫކްރެއިނަށް އެއްވެސް ފުރުސަތެއް ނުދިން، ރޮމޭނިއާއަށް ފުރިހަމަ މޮޅެއް!


ހަނގުރާމައިގެ ހާލަތުގައި އޮތް ޔުކްރެއިން އަށް އެއްވެސް ފުރުޞަތެއް ނުދީ ރޮމޭނިޔާއިން ފުރިހަމަ މޮޅެއް ހޯދައިފި އެވެ. ގްރޫޕް އީގެ ފުރަތަމަ މެޗުގައި ރޮމޭނިޔާއިން ޔުކްރެއިން ބަލިކޮށް ބަރާބަރު ފެށުމެއް ހޯދީ 3-0 ން މެޗު ކާމިޔާބުކޮށްގެންނެވެ.

ކޮލިފައިންގައި ވެސް ރަނގަޅު ނަތީޖާތަކަކާއެކު ސައްތައިން ސައްތަ ރެކޯޑެއް ހެދި ރޮމޭނިޔާ ފެނުނީ މެޗު ފަށައިގެން ނިމެންދެންވެސް އެއް ފެންވަރެއްގައި މޮޅަށް ކުޅެ، އެޓޭކް ކުރި ތަނެވެ. މެޗުގައި ރޮމޭނިޔާއަށް ލީޑް ނަގައިދިނީ 29 ވަނަ މިނިޓްގައި ކެޕްޓަން ނިކޯލައެ ސްޓަންޗޫ އެވެ. ޔުކްރެއިން ކުޅުންތެރިން ފަހަތަށް ކުޅުނު ބޯޅައެއް ހޯދައިގެން ތަނަވަސްކުރި ފުރުޞަތުގައި ސްޓަންކިއު ޑީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ހުއްޓުވަން ޔުކްރެއިންގެ ރެއާލް މެޑްރިޑް ކީޕަރު ލުނިންއަށް އެއްވެސް ކަމެއް ނުކުރެވުނެވެ.

38 ވަނަ މިނިޓްގައި ރުމޭނިޔާގެ ޑެނިސް މޭން އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ މިނިޓެއް ފަހުން ނެގި ކޯނަރު ބޭރުވީ ހުރަސް ދަނޑި ކައިރިން ނެވެ. ރޮމޭނިޔާއިން ދެވަނަ ލަނޑު ޖެހީ ކައުންޓަރ އެޓޭކެއްގައި ގުޅިގެން ކުރިއަށް އަރާ ތަނަވަސްކުރި ފުރުޞަތެއްގައެވެ. އޭރިޔާގެ މާ ބޭރުން ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ދެވަނަ ލަނޑު ޖެހީ ރަޒްވާން މަރިން އެވެ.

56 ވަނަ މިނިޓްގައި ރޮމޭނިޔާ ޑިފެންޑަރ އަންދްރީ ރާޓިއު ގޯލް އޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބާރު ބޯޅަ މަތަކުރީ ކީޕަރެވެ. އެކަމަކު އޭގެ ސިކުންތް ކޮޅެއް ފަހުން ރޮމޭނިޔާއިން ތިންވަނަ ލަނޑު ޖެހިއެވެ. ޑެނިސް މޭން މުޅިން ހުސްކޮށްލާފަ ގޯލް އޭރުޔާ ތެރޭގައި ހުރި ޑެނިސް ޑްރަގޫސް އަށް ޖައްސާލުމުން އޭނާ ވަނީ ގޯހެެއް ނަހަދާ އެއްފަހަރުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.

މެޗުގެ ފަހު ބައިގަ ޔުކްރެއިންވެސް ލަނޑު ޖަހަން ފުރުޞަތުތަކެއް ހޯދިއެވެ. އެގޮތުން 64 ވަނަ މިނިޓްގައި ކެޕްޓަން ޔާމޮލެންކޯ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މިއީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން ތަނަވަސްވި ފުރުޞަތެއްގައި އޭނާ ފޮނުވާލި ބާރު ބޯޅަ އެކެވެ. ސުޑަކޯވް 25 ޔާޑުން ފޮނުވާލި ބާރު ބޯޅަ ރޮމޭނިޔާގެ ކީޕަރު ފްލޮރިން ނީޓާ އަތުގައި ޖެހިފައި ވެއްޓުމުން ދެވަނަ ފަހަރަށް ބޯޅަ ހޯދި އެވެ. މިއީ މެޗުގައި ޔުކްރެއިންގެ އެންމެ ރަނގަޅު އެއް އެޓޭކެވެ. 79 ވަނަ މިނިޓްގައި މުޑްރީކް ފޮނުވާލި ބޯޅަ ރޮމޭނިޔާ ކުޅުންތެރިއެއް ގައިގަ ޖެހިފަ ގޯލުގެ ކަނަށް ދަނިކޮށް ސަލާމަތްކުރީވެސް ކީޕަރެވެ.

ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު ފެނުނީ ރޮމޭނިޔާއިން އިތުބާރާްއެކު އެމީހުންގެ ގޭމް ކުޅެލި ތަނެވެ. މިއީ 24 އަހަރުގެ ތެރޭގައި ރޮމޭނިޔާއިން ޔޫރޯގައި ހޯދި ފުރަތަމަ މޮޅެވެ. މިގްރޫޕްގައި ކުރިއަށް އޮތީ ބެލްޖިއަމްއާއި ސްލޮވޭކިޔާ ވާދަކުރާ މެޗެވެ.