މިއަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރުު 10.5 އިންސައްތަ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކޮންމެ ހަފްތާއަކު އާއްމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައެވެ.
ފިނޭންސް މިނިސްްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 15.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ޓެކްސް އާމްދަނީ ހިއްސާކުރާއިރު، މިދިޔަ އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރު މިހާތަނަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.5 އިންސައްތަ އިތުރުވެ، 12.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، އިމްޕޯޓު ޑިއުޓީ، ފިޔަވައި އެހެން ހުރިހާ ދާއިރާއަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީޕީޓީ ނުވަތަ ވިޔަފާރި ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 2.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މުއްދަތުގައި ލިބުނު 2.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.
ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު 6.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ލިބިފަައިވާ އާމްދަނީ ވަނީ 7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ޓީޖީއެސްޓީގެ ގޮތުގައި މިއަހަރު 4.5 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާއިރު މިދިޔައަހަރު ލިބިފައިވަނީ 5 ބިލިއަން ރުފިޔާއެވެ.
ގްރީން ޓެކްސްގެ ގޮތުގައި މިއަހަރު 510.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބިފަައިވާ 479.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.
އެއަރޕޯޓް ސަރވިސް ޗާޖު އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 464.6 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ މިހާތަނަށް ލިބިފަައިވާ އާމްދަނީ ވަނީ 507.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމަކީ އިގްތިސާދީ ޙަރަކާތްތައް އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެއްކަމަށް އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެއިތުރުން މިއީ ޓެކްސްއާ ގުޅޭ ޤާނޫނުތައް ހަރުދަނާ ގޮތެއްގައި ތަންފީޒުވަމުންދާކަމުގެ ހެއްކެއްކަމަށްވެސް އިޤްތިޞާދީ މާހިރުން ބުނެއެވެ.