ކުޅިވަރު

އެރިކްސަންގެ ހުވަފެނީ އެނބުރި އައުން!


މީގެ 1100 ދުވަސް ކުރީގެ ފުޓްބޯޅައިގެ އަދި ކުޅިވަރުގެ ވެސް އެންމެ ބޮޑު ހަބަރަކީ ޑެންމާކްގެ މިޑްފީލްޑަރ އެރިކްސަންއަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދޭން ޖެހުމެވެ. ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ގައުމީ ޖަރޒީގައި ގައުމީ ޓީމް ތަމްސީލް ކުރަން ނިކުމެ ދަނޑު މަތީގައި ހުއްޓާ ޖެހުނު ހާޓް އެޓޭކްގެ ވާހަކައެވެ. ފިންލެންޑާ ދެކޮޅަށް ޑެންމާކު 2021 ވަނަ އަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ކުރިމަތިވި މާޔޫސްކަމުގެ ވާހަކައެވެ.

އެރިކްސަން އެނބުރި ފުޓްބޯޅަ ދަނޑަށް އަންނާނެ ކަމާމެދު އެތައް ބަޔަކު ހަގީގަތުގައި ޝައްކު ކުރިއެވެ. އެކަމަކު އޭނާއަށް ދަނޑުމަތީގައާއި ދަނޑު ބޭރުގައި ލިބުނު އަވަސް ރަނގަޅު ފަރުވާގެ ނަތީޖާއަކީ ގަދަ ހިތްވަރާއެކު އެނބުރި އައުމެވެ. އެނބުރި އައީއެއް ނޫނެވެ. ޖެހިގެން އައި ޔޫރޯގައި ގައުމީ ޖަރޒީގައި އެނބުރި އައިސް ޑެންމާކަށް ފުރަތަމަ ގޯލް ވެސް ޖަހައިދިނީ އެވެ. ސްލޮވީނިޔާ ކޮޅަށް އެރިކްސަން ޖެހި ލަނޑު ވެގެން ދިޔައީ ސްޓޭޑިއަމްއަށް ވަދެ ތިބި އެތައްހާސް ސަޕޯޓަރުންނަށް އާދަޔާ ހިލާފް އުފާވެރި ކަމެއް ގެނެސްދިން ގޯލަކަށެވެ. ޓީވީން އެމަންޒަރު ބަލަމުން ދިޔަ އެތައް ލައްކަ ބަޔަކަށް 2021 ވަނަ އަހަރުގެ ޔޫރޯގެ އެންމެ ކަޅު ސަފްހާ ހަނދާނަށް ގެނެސްދިން ކަމަކަށެވެ. މެޗުގައި ޖެހި ގޯލްގެ އިތުރުން މުޅި މެޗުގައި އެރިކްސަން މޮޅަށް ކުޅުނެވެ. ލަނޑު ޖަހަން ފުރުޞަތުތައް ތަނަވަސްކޮށްދިނެވެ. ހަގީގަތުގައި 2021 ގައި ދިމާވި ހިތާމަވެރި ކަންތައް ހަނދާނުގައިވެސް ނެތް ފަދައެވެ.

އެކަމަކު އެނބުރި އަންނަން އެރިކްސަން ކުރި ދަތުރަކީ ހަގީގަތުގައި އުނދަގޫ ދަތުރެކެވެ. އެހާދިސާ ހިނގިއިރު އެރިކްސަން ކުޅެމުން ދިޔައީ އިޓަލީގެ އިންޓަރ މިލާނަށެވެ. އެހާދިސާ ވެގެން ދިޔައީ އެރިކްސަން އަށް އިޓަލީގައި ފުޓްބޯޅަ ކުޅުން ނިމުމަކަށް ގެންނަން ޖެހުނު ސަބަބަށެވެ. ހާޓް އެޓޭކަށްފަހު އެރިކްސަން އެނބުރި އައީ ހިތަށް އައިސީޑީ ލައްވައިގެންނެވެ. އެހާލަތުގައި އިޓަލީ ލީގުގައި ކުޅެން ހުއްދަ އެއް ނުދެެއެވެ. ނަތީޖާއަކީ ކްލަބް ދޫކޮށްލަން ޖެހުމެވެ. އިޓަލީވެސް ދޫކޮށްލަން ޖެހުމެވެ.

އެނބުރި އައުމުގެ ދަތުރުގައި އެރިކްސަން ފުރަތަމަ ކުޅުނީ ބްރެންޓްފޯޑަށެވެ. އެކްލަބްގައި މޮޅަށް ކުޅުމުގެ ނަތީޖާ އަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ޝައުގުވެރިކަން ލިބި، އެކްލަބްގެ ހުށަހެޅުން ލިބުމެވެ. ފާއިތުވި ދެ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑްގައި ކުޅެ އެރިކްސަން ސާބިތު ކޮށްދިނީ އެނބުރި އާދެވިދާނެ ކަމެވެ. ފުޓްބޯޅަ ކުޅުންތެރިންނަށް، ފުޓްބޯޅަ އާއިލާއަށް ދިނީ ބޮޑު ހިތްވަރެކެވެ.

"
މިދިޔަ ޔޫރޯގެ ވާހަކައާއި، އަހަރެންގެ މިފަހަރުގެ ޔޫރޯގެ ވާހަކަ މުޅިން ތަފާތު. އަހަރެން މެޗަށް ނިކުތީ އިތުބާރާއެކު، ޔޫރޯގައި ކުޅުމަކީ އަބަދުވެސް ޚާއްޞަ އުފަލެއް.
އެރިކްސަން/ ޑެންމާކް މިޑްފީލްޑަރ

ޔޫރޯގައި އަލުން ކުޅުމުގެ އުއްމީދު އޮތަސް، ހަގީގަތުގައި ޔޫރޯގައި ލަނޑު ޖެހުމަކީ އެރިކްސަންގެ އޮތް އުއްމީދެއް ނޫނެވެ. އެކަމަކު އަބަދުވެސް ސިކުނޑީގައި ދައުރުވަމުން ދިޔަ ފުޓްބޯޅައިގެ ހިޔާލުތަކާއެކު އޭނާގެ ގޯލުން ފުރަތަމަ މެޗުގައި ޓީމަށް އެހީތެރި ވެދެވުމުހެ ހިތްހަމަ ޖެހުމާއި އުފާވެރިކަން ބޮޑެވެ. އެރިކްސަންގެ އެނބުރި އައުމާއި، މެޗުގައި ލަނޑު ޖެހުމުން ޑެންމާކް ސަޕޯޓަރުންގެ ފަރާތުން ލިބިގެން ދިޔައީ އާދަޔާ ހިލާފް ބޮޑު ތަރުހީބެކެވެ. ޑެންމާކް މީޑިޔާގެ ފަލަ ސުރުހީއަކީވެސް އެރިކްސަން އެވެ. އެނބުރި އައިސް މިހާރު ކުޅެމުންދާ ލެވެލްގައި އެރިކްސަން ކުޅުމަކީ އާދަޔާ ހިލާފް އުފަލެކެވެ. އަދިވެސް އެތައް ބަޔަކަށް ގަބޫލުކުރަން ދަތި ކަމެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އެރިކްސަން އެވެ.