ކުޅިވަރު

ޔުކްރެއިނުން ދުނިޔެއަށް ދޭނީ ހަނގުރާމައިގެ މެސެޖެއްތަ؟ ހަމްދަރުދީގެ މެސެޖެއްތަ؟


ރޫމޭނިއާއާ ދެކޮޅަށް މިރޭ ޔުކްރޭން ނުކުންނާނީ ހުރިހާ ގޮތަކުން ވެސް ދުނިޔެ އަށް މެސެޖްތަކެއް ދެމުންނެވެ. ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންގެ އަމުރަށް 2022 ވަނަ އަހަރު ރޫސީ ސިފައިން ޔުކްރޭނަށް އަރައި ފެށި ހަނގުރާމައިގައި ކުށެއްނެތް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އަދަދު ނޭނގޭހާ ގިނަ ބައެއްގެ ގެދޮރު ނެތިވެ، ސްކޫލްތަކާއި ހަސްފަތާލުތައް ވަނީ ބަންދު ކޮށްފަ އެވެ. ޔުކްރޭނުގެ ފުޓްބޯޅަ ކުޅުންތެރިން ވެސް ލީގު ހުއްޓިފައިވާތީވެ ކައިރި ގައުމުތަކަށް ކުޅެން ދަނީ ފިލައިގެންނާއި އެތައް މަސައްކަތަކުން ބޯޑަރު ހުރަސްކޮށްގެންނެވެ. ގައުމުގެ ގިނަ ބަޔަކަށް ކާންބޯން އަދި ދިރިތިބުމަށްޓަކައި ކުރަންޖެހޭ ހަމައެކަނި ކަމަކީ ހަނގުރާމަކުރުން ކަމުގައި ވެއްޖެތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ޔުކްރޭނުގެ ޝަކުވާ އަކީ މި މަންޒަރު ދެކި، މިވޭނީ އަޑު އަހާނެ ބަޔަކު ނެތުމެވެ. އދ. އާއި ބާރުގަދަ ގައުމުތަކުން ޔުކްރާން ހަނގުރާމައަށް ކަނު ލޮލަކާއި ބީރު ކަންފަތެއް ދެމުންދިއުން ދިއުމެވެ.

މިހެންވެ މިރޭގެ މެޗު ވެގެންދާނީ ޔުކްރޭންކުގެ ސަޕޯޓަރުން ރަޝިޔާގެ އުދުވާނީ ހަމަލާތަކާމެދު ދެކޮޅު ހެދުމުގެ ޝުއޫރު ފާޅު ކުރާނެ މައިދާނަކަށެވެ. މެޗުގެ ކުރިން ޔުކްރޭނުގެ 13 ކުޅުންތެރިއަކު ބައިވެރިގެން ދުނިޔެއަށް އިއްވި 90 ސިކުންތުގެ ވީޑިއޯ މެސެޖަކީ ފަހަތުގައި ފޮރުވިފައިވަނީ ވެސް މި ސަބަބުތަކެވެ. ވީޑިއޯ މެސެޖްގައި ކުޅުންތެރިން ބުނެފައިވަނީ މައިގަނގުގޮތެއްގައި އިސްވެދިޔަ ވާހަކަތަކެވެ. ދުނިޔެ އަށް އެމީހުން ދައްކަމުން ބޭނުންވަނީ ހަނގުރާމައިގެ ސަބަބުން ގައުމު އޮތް ހާލަތެވެ. ރަހުމަތްތެރިންނާއި އަވަށްޓެރިންނާއި ގާތްތިމާގެ މީހުން އުޅެމުންދާ ދަތި ހާލަތުން މިންޖުކޮށްދޭނެ އަތްތަކަށް ބޭނުންވެފައިވާކަމެވެ.

ޔުކްރޭނުގެ މަޝްހޫރު މިޑްފީލްޑަރު އެލެގެޒެންޑާ ޒިންޗެންކޯ ބުނީ މެޗަށް ނުކުންނައިރު އެމީހުންނަށް ހެޔޮ އެދުމުގެ މެސެޖްތައް ލިބެމުންދަނީ އާއްމުންގެ ފަރާތުން އެކަނި ނޫން ކަމަށެވެ. ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޔުކްރޭނު ސިފައިންގެ، އެތައް މެސެޖެއް ޓީމުގެ ކުޅުންތެރިން ލިބެމުންދާ ކަމަށާއި މިއިން ކޮންމެ މެސެޖަކުން ކުޅުންތެރިންގެ ހިތުގައި އުތުރު އަރަމުންދަނީ ގައުމީ ލޯތްބާއި ޖޯޝް ކަމަށެވެ. އިތުރު ހިތްވަރެއް ކަމަށެވެ.

މިރޭގެ މެޗަކީ 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައިނުވެ ފެއިލްވި ރޫމޭނިޔާގެ ޒުވާން ޖީލުގެ ފުރަތަމަ ބޮޑު މުބާރާތެވެ. ކުރީގެ ތަރި ޖިއޯޖީ ހާޖީގެ އެކަޑަމީން ތަމްރީނުވި ކުޅުންތެރިންތަކަކާއި އޭނާގެ ދަރިފުޅު ވެސް ހިމެނޭ ރޫމޭނިޔާގެ މިހާރުގެ ޓީމަކީ ހުނަރުން ފުރިގެންވާ ޓީމެކެވެ. މިހެންވެ ޔުކްރޭނުން، މެޗުގައި ސިޔާސީ ކުލަ ޖައްސަން މަސައްކަތް ކުރި ނަމަވެސް ރޫމޭނިޔާއިން މިއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދޭނެ އެވެ. ކޯޗު އެޑްވަޑް އިއޮޑެނެސްކޫ ބުނީ މެޗުން މޮޅުވުމަށް އޭނާގެ ކުޅުންތެރިން ކަވަރު ނުކުރާނެ އެންމެ އިންޗި ވެސް ދަނޑުގައި ނޯންނާނެ ކަމަށެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ އައުމުން ޔުކްރޭނުގެ ނޫސްވެރިން އޭނާ އަށް ސުވާލު އަމާޒުކުރީ ލަވަކިޔައި ނަގައި އޭނާގެ އުފަންދުވަސް ނިކަން ރަނގަޅަށް ފާހަގަކޮށްދީފަ އެވެ. ކުރިމަތިކުރި ސުވާލުތަކުގެ ޖަވާބުގައި ކޯޗު ބުނީ ކޮލިފައިންގައި ގްރޫޕުގެ އެއްވަނަ ހޯދި ފަދައިން މި މުބާރާތް ވެސް އޭނާގެ ޓީމު ފަށާނީ ރަނގަޅު ވިސްނުމާއި ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. ހަނގުރާމައަކުން މޮޅުވާން އުޅޭ ބައެއް ފަދައިން ޔުކްރޭނުން މެޗާ ކުރުމަތިލުމަކީ އުނދަގޫތަކެއް ދިމާވާނެ ކަމެއް ކަމަށް ގަބޫލުކޮށްގެން ހުރި ކޯޗު ބުނީ ޔުކްރޭން ފަދަ ގަދަފަދަ އަޒުމެއްގައި ކުޅޭ ޓީމެއް ބަލިކުރަން އޭނާގެ ޓީމުން ރަނގަޅު އަހުލާގެއްގެ މަތީގައި ދެމިތިބެ، އެއްބައިވަންތަކަމާއެކު ގަދަ އަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

މިރޭގެ މެޗަކީ ބައިނަލް އަގްވާމީ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް ރަހުމަތްތެރިކަމުގެ މެޗުތަކުގައި ބައްދަލުކުރި ހަ ފަހަރުގެ ތެރެއިން ރޫމޭނިޔާ އަށް އެންމެ މެޗަކުން ވެސް މޮޅެއް ނުވެވުނެވެ. ނަމަވެސް ކޯޗު އިއޮޑެނެސްކޫ ބޭނުންވަނީ ކޯޗެއްގެ ގޮތުން އޭނާގެ ބައްޕައަށް ނުކުރެވުނު ކަންކަމަށް މިރޭ އޭނާގެ މޭސްތިރިކަމުގައި ނިމުން ގެނައުމަށެވެ. ނަމަވަސް ވަޒަނެއްގެ މަތީގައި ތިބި ޔުކްރޭނުން ހިތްވަރު ބަލިކުރުމަކީ އާދައިގެ ޓާސްކެއްނޫނެވެ.