ޚަބަރު

އޮސްޓްރިއާ އާއި ފްރާންސްގެ ފަރަގު ބޮޑުކަން ރަންގްނިކް ނުވިސްނާނެ


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އޮސްޓްރިއާ އާއި ފްރާންސް ބައްދަލުކުރާ މެޗަކީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މި ދެ ބައި މީހުންގެ 25 ވަނަ ކުރިމަތިލުމެވެ. ފްރާންސަށް 13 މޮޅު ލިބިފައިވާއިރު އޮސްޓްރިއާ އަށް މޮޅުވެވުނީ ނުވަ ފަހަރު އެވެ. އެކަމަކު އޮސްޓްރިއާ ހިތްވަރު ހޯދަނީ މި ދެބައި މީހުން އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން އެންމެ މެޗަކުން އެމީހުން ބަލިވެފައިނުވާތީ އެވެ.

މިނޫނަސް މިރޭގެ މެޗަށް އޮސްޓްރިއާ ނުކުންނަނީ ވަރަށް އިތުބާރާއެކުގަ އެވެ. ޔޫރޯ ކޮލިފައިން އެމީހުން ނިންމާލީ ބެލްޖިއަމްގެ ފަހަތުން ދެ ވަނާގަ އެވެ. އޭގެ ފަހުން ރަހުމަތްތެރިކަމުގެ މެޗެއްގައި ޖަރުމަނު އަތުން ވަނީ މޮޅެއް ހޯދާފަ އެވެ. މިފަދަ ރަނގަޅު ނަތީޖާތަކެއް މާޒީ އަށް ދޫކޮށްލުމަށްފަހު މިރޭގެ މެޗާ ކުރިމަތިލާއިރު އޮސްޓްރިއާ ޓީމަކީ ދުވެލި ބާރު ޓީމެކެވެ. ފަހަތަށް އަންނަ ބޯޅަ ހޯދައި އަވަހަށް އެޓޭކަށް ބަދަލުކޮށްލުމުގެ ގާބިލްކަން ވަނީ ހޯދައިފަ އެވެ.

އިހުގައި ހާއްސަކޮށް 1930ގެ ތެރޭގައި އޮސްޓްރިއާ އަކީ ބަލިކުރަން އުނދަގޫ ޓީމެކެވެ. ބަލިނުވެ 14 މެޗު ހަމަކުރުމުން އޮސްޓްރިއާގެ ވަނަމަކަށް ކިޔައި އުޅުނީ ވޮންޑަޓީމް އެވެ. ޖަރުމަނުގައި ކުޅުނު 1936 އޮލިމްޕިކްސްގެ ރަނަރަބް ކަން ހޯދީ ވެސް އޮސްޓްރިއާ އެވެ. މި ގަދަ ޓީމު ހަލާކުވެދިޔައީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކުޅުންތެރިން ވިއްސިވިހާލިވުމުންނެވެ.

މިހާރުގެ ޓީމަކީ މިފަދަ ވަރުގަދަ ޓީމެއްނޫނެވެ. ޓީމުގައި ހުރި އެންމެ ނަގާކިޔާ ކުޅުންތެރިއަކީ ރެއާލް މެޑްރިޑްގެ ޑިފެންޑަރު ކެޕްޓަން އަލާބާ އެވެ. ނަސީބު ދެރަކަމުން އަނިޔާގެ، މި މުބާރާތުގައި އޭނާ ނުކުޅެވޭނެ އެވެ. އެކަމަކު ކޯޗު ރަންގްނިކް ޖަރުމަނަށް އައީ ޓީމާއެކު އަލަބާ ގޮވައިގެންނެވެ. ނުކުޅަނަސް ދަނޑުމަތީގައި ފިޔަވައި ކެޕްޓަނެއްގެ ޒިންމާގެ އަދާކުރާނީ އޭނާ އެވެ. ސަބަބަކީ އޭނާގެ ފުށުން ޓީމުގެ އެހެން ކުޅުންތެރިންގެ ކަންކަން ހަމަޖައްސަން ކޯޗަށް ބޮޑު އެހީތެރިކަމެއް ލިބޭތީ އެވެ.

މިއާ ހިލާފަށް ފްރާންސް ޓީމަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެކެވެ، ކެޕްޓަން ކީލިއަން އެމްބާޕޭ މި މެޗަށް ނުކުންނަނީ ފްރާންސްގެ ސަރުކާރުން އޭނާ ލައްވައި އޮލިމްޕިކްސްގައި ކުޅުވަން ކިތަންމެ ބޭނުންވި ނަމަވެސް އެކަން ވާން ނެތްކަން ހާމަކޮށްދެމުންނެވެ. އެމްބާޕޭ ކުޅޭނެ ކުލަބެއް ނިންމުމުގެ ތެރެއަށް ފްރާންސް ސަރުކާރުން ވަންނަންޖެހޭ ހިސާބަށް ކަންތައްތައް ދިޔަ ނަމަވެސް އޭނާ އިހްތިޔާރުކުރީ ފްރާންސްގެ ޕީއެސްޖީގެ ބަދަލުގައި ސްޕޭނުގެ ރެއާލް މެޑްރިޑެވެ. މިއީ ފްރާންސްގެ އެތެރޭގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އޮތް ކަމެކެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ހުރީ ފްރާންސްގެ ރައީސް އެދުނަސް އޮލިމްޕިކްސް ކުޅެން އެމްބާޕޭ ދޫކޮށްލާ ގޮތަކަށްނޫނެވެ. ރެއާލްގައި ތިބި ފްރާންސްގެ އެއްވެސް ކުޅުންތެރިއަކަށް އޮލިމްޕިކްސް ކުޅެން ގައުމީ ޓީމަށް ދިއުން ޕްރޭޒް ހުއްޓުވާނެ އެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯދައިދިން މިޑްފީލްޑަރު ޕައުލް ޕޮގްބާ މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ސަސްޕެންޑްކުރި ނަމަވެސް ފްރާންސްގެ މެދުތެރޭގައި ނިކަމެތިކަމެއްނެތެވެ. މިހާރުގެ ޓީމުގެ މެދު ބަލަހައްޓަން ތިބި ކޮންމެ ކުޅުންތެރިއަކީ ޕޮގްބާ އަށް ވުރެ މޮޅު ކުޅުންތެރިންނެވެ. އެޑްރިއަން ރަބިއޮޓާއި މަޓެއޯ ގުއެންޑޯޒީ އާއި އާއި އައުރެލިއެން ޗުއާމެނީ އާއި ރެއާލް އަށް ކުޅޭ އެޑުއާޑޯ ކަމަވިންގާއާއެކު ތަޖުރިބާކާރު އެންގޯލޯ ކާންޓޭ ހިމެނޭ މިޑްފީލްޑަކީ ބަދަހި ފައުޖެކެވެ.

ފަހަތުން ކަނާތު ބެކަށް ހޫލްސް ކޫންޑޭ ކުޅޭއިރު ޑަޔަޓް އުޕަމެނާކޯ އާއި ރެއާލަށް ކުޅޭ ފާލަންޑް މެންޑީ އާއި އިބްރާހީމާ ކޮނާޓޭ އާއި ވިލިއަމް ސަލީބާ އާއި އަކީ ކުލަބު ލެވެލްގައި ވެސް ވިދަމުން އަންނަ ކުޅުންތެރިންނެވެ. ވާތް ފަރާތުން ތިއޯ ހަނާންޑޭޒް އާއި ކަނާތުން ބެންޖަމިން ޕަވާޑް އަދިވެސް ތިބީ އެންމެ ޕީކްގަ އެވެ.

ގޯލްކީޕަރު މައިގްނަން މޮޅަށް ކުޅެމުންދާއިރު ފޯވަޑް ލައިނުގައި އަބަދަށްފެހި އެންޓޮއިން ގްރިއެޒްމަނާއި އޮސްމާނޭ ޑެމްބެލޭ ހިފެހެއްޓުން ވާނީ ބޮޑު ހިލަ ފަރުބަދައެއް ކެނޑުން ފަދަ މުސްތަހީލް ޓާސްކަކަށެވެ.