ކުޅިވަރު

އަހަރެމެންނަށް ހެދުނު ގޯސްތައް ރަނގަޅުކުރަން އުނދަގޫވާނެ: ރޮސީ


"
އަހަރެމެން ތިބީ ނެގި މަޑުވެފަ.
މާކޯ ރޮސީ

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ސްވިޓްޒަލޭންޑް އަތުން 3-1 އިން ބަލިވި މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން އުނދަގޫވާނެ ކަމަށް ހަންގޭރީގެ ކޯޗު، މާކޯ ރޮސީ ބުނެފިއެވެ.

ކޯޗު ރޮސީ މިހެން ބުނީ، އިއްޔެގެ މެޗަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ރޮސީ ބުނީ، ހަންގޭރީގެ ކުޅުންތެރިންނަށް އެފަދަ ގޯސްތައް ކޮންމެ، ކޮންމެ ދުވަހަކު ނުހެދޭ ކަމަށެވެ. ފުޓްބޯޅައިގައި ގޯސްތައް ހެދޭނެ ކަމަށާއި، އެއީ ކުޅިވަރުގައި ހިމެނޭ ބައެއް ކަމަށް ބުނެ ރޮސީ ވަނީ، އެންމެ މޮޅު ކުޅުންތެރިންނަށް ވެސް މަދުން ނަމަވެސް ގޯސް ހެދޭ ކަމަށް ބުނެފައެވެ.

"ފުރަތަމަ ހާފު ދިޔައީ ވަރަށް ގޯސްކޮށް، އެކަމަކު ފެށިގެން ފުރަތަމަ 7-8 މިނެޓު ރަނގަޅަށް ފެނިގެންދިޔައީ،"

ރޮސީ ބުނީ، ވަކި ވަކި ކުޅުންތެރިންނަށް ހެދޭ ގޯސްތައް ހުއްޓުވަން ކުރެވޭނެ މާގިނަ ކަންތަކެއް ނުހުންނަ ކަމަށެވެ. އަދި، ޓެކްޓިކްސްގެ ސަބަބުން ވެސް އެކަމަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށާއި، އިއްޔެގެ މެޗުގައި ދަނޑުމަތީގައި އޭނާގެ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ގޮތަށް މުއާމަލާތްނުކުރެވުނީ ސްވިޓްޒަލޭންޑްގެ އެޓޭކުގައި ހިމެނޭ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމުގެ ސަބަބުން ކަމަށް ވެސް ރޮސީ ބުންޏެވެ.

ރޮސީ އިތުރަށް ބުނީ، ފުރަތަމަ ހާފުގައި ހެދުނު ގޯސްތައް އޭނާގެ ޓީމުން ފަހު ހާފުގައި ހައްލުކުރިކަމަށާއި، ނަމަވެސް އޭރު ސްވިޓްޒަލޭންޑުން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައި ކަމަށެވެ. އަދި، އެ މެޗު ކާމިޔާބުކުރުމުގައި ސްވިޓްޒަލޭންޑްގެ ތަޖުރިބާ ވަރަށް ބޮޑު ދައުރެއް ކުޅުނު ކަމަށާއި، މެޗުގެ ކުޅުމާއި ޓެމްޕޯ ލަސްކޮށްލުމަށް އެހީވީ އެހެންވެގެން ކަމަށް ރޮސީ ފާހަގަކުރިއެވެ.

ރޮސީގެ ވާހަކައިގައި ވަނީ، ވަކި މީހަކަށް އިނގިލި ދިއްކުރަން ބޭނުމެއް ނެތް ކަމަށާއި، ކޯޗަކީ އޭނާ އަށް ވުމުން ހުރިހާ ޒިންމާއެއް ނަގާނީ އޭނާ ކަމަށް ބުނެފައެވެ.

މި މުބާރާތުގައި ހަންގޭރީ އަށް ދެން އޮތީ އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖޭގަޑިން 9 ޖަހާއިރު ޖަރުމަނާ ބައްދަލުކުރާ މެޗެވެ.