ޚަބަރު

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ، ކުންފުނީގެ ތާރީޚުގައި ބަހާނެ އެންމެ ބޮޑު ޢަދަދު


  • މިއީ ރެކޯޑު ޢަދަދެއް

  • 2022 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 77 ރުފިޔާ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެކުންފުނީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ހުށަހަޅަން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު މިއީ އެ ކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އަދަދު ފާސްކުރާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ހިއްސާއަކަށް 77 ރުފިޔާއެވެ.

އެސްޓީއޯގެ މާލީ ރިޕޯޓުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ހިންގުމުގެ ފައިދާ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން 994 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ އެސްޓީއޯއަށް ވަނީ ލިބިފައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ޖުމްލަ ފައިދާ އިތުރުވީ ކުންފުނިން ވިއްކި ތެލުގެ ޢަދަދު އިތުރުވުމާއި، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅުވުމުން ކަމަށެވެ.

އެސްޓީއޯގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބޭއްވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.