ކުޅިވަރު

ސްވިޓްޒަލަންޑަކީ ވަރަށް ވަރުގަދަ ޓީމެއް، ސަމާލުވާން ޖެހޭނެ: ހަންގޭރީ ކޯޗު


މިއަހަރުގެ ޔޫރޯގައި ގްރޫޕް އޭ ގައި މިރޭ ސްވިޓްޒަލޭންޑާ ދެކޮޅަށް ހަންގޭރީ ކުޅުމުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ކޯޗު، މާކް ރޮސީ ވަނީ، ސްވިޓްޒަލޭންޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އެމީހުންގެ ޑިފެންސް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށް ބުނެ އެ ޓީމަށް ތައުރީފުކޮށްފައެވެ.

ސްވިޓްޒަލޭންޑްގެ މިޑްފީލްޑް ވެސް ވަރުގަދަ ކަމަށާއި، އެޓޭކުގައި ވެސް ކޮލިޓީ ކުޅުންތެރިން ހިމެނޭ ކަމަށް ރޮސީގެ ވާހަކައިގައި ފާހަގަކުރިއެވެ.

ހަންގޭރީން ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅެންޖެހޭ ކަމަށާއި ސްވިޓްޒަލޭންޑާ މެދު ވަރަށް ސަމާލުވާންޖެހޭނެ ކަމަށް ވެސް ރޮސީ ބުންޏެވެ.

ރޮސީ ބުނީ، ހަންގޭރީން މުބާރާތަށް ކޮލިފައިވީ އިއްތިފާގަކުން ނޫން ކަމަށާއި، ދަނޑުމަތީގައި އެކަން ސާބިތުކޮށްދީގެން ކަމަށެވެ. މި ފަހަރުގެ މުބާރާތުގައި ބޭނުންވަނީ ވަކި މަގްސަދެއްގައި ކުޅެ، ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭން ކަމަށް ވެސް ރޮސީ ބުންޏެވެ.

ރޮސީ އިތުރަށް ބުނީ، އޭނާގެ ޓީމަށް ޕްރެޝަރު އެބައޮތް ކަމަށެވެ. ހުރިހާ ފޯކަސްއެއް އޮތީ ދަނޑުމަތީގައި ކުރަންޖެހޭ ކަންތައްތަކަށް ކަމަށާއި، އެ ކަމުގައި އެމީހުންގެ ސަތޭކަ ޕަސެންޓް ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިއްޔެގެ ޕްރެސްގައި ހަންގޭރީގެ ޑިފެންޑަރު، ލޮއިކް ނެގޯ ބުނީ، ޔޫރޯ ފަދަ މުބާރާތެއްގައި އެންމެ ފުރަތަމަ މެޗުގެ މުހިއްމު ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

ނެގޯ ނިންމާލަމުން ބުނީ، ސްވިޓްޒަލޭންޑުން ކޮންމެ މުބާރާތަކަށް ކޮލިފައިވެ، ރަނގަޅު ނަތީޖާތައް ހޯދަމުން އަންނަ ކަމަށާއި، އެހެންކަމުން އެ މެޗުގައި ހަންގޭރީން ކުރަންޖެހެނީ ކޮން ކަމެއްކަން ރަނގަޅަށް އެނގޭކަމަށެވެ.

ގްރޫޕް އޭގައި ހަންގޭރީ އާއި ސްވިޓްޒަލޭންޑްގެ އިތުރުން ދެން ހިމެނެނީ މުބާރާތުގެ ހޯސްޓް ޖަރުމަނާއި، ސްކޮޓްލެންޑެވެ.