ކުޅިވަރު

އަހަރެމެންނަށް ޖަރުމަނާ ވާދަކުރެވޭ ގޮތެއް ނުވި: ކްލާކް


"
"ޖަރުމަނަށް ހުރިހާ ކްރެޑިޓެއް ހައްގު، އެމީހުންނާމެދު މުބާރާތަށް އައިއިރު ގިނަ ބަޔަކު ސުވާލު އުފެއްދި."
ސްޓީވް ކްލާކް

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ހުޅުވި މެޗުގައި ޖަރުމަނު އަތުން 5-1 އިން ބަލިވި މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް ވަނީ މުބާރާތުގެ ހޯސްޓް، ޖަރުމަނަށް ތައުރީފުކޮށްފައެވެ.

ކްލާކް ބުނީ، ޖަރުމަނުގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި، ނަސީބުދިމާ ކުރިގޮތުން ސްކޮޓްލެންޑްގެ ކުޅުންތެރިންނަށް އެމީހުންނާ ވާދަކުރެވޭ ގޮތެއްނުވި ކަމަށެވެ. އަދި، ފުރަތަމަ ހާފުގައި ސްކޮޓްލެންޑް ޓީމު އަތުން މެޗު ގެއްލިފައިވާ ކަމަށް ކްލާކް ބުންޏެވެ.

މި މެޗުގައި މިހެން ދިމާވިނަމަވެސް ދެން ކުރަންޖެހޭ ކަންތައް ހާމައަށް ފެންނަން އެބައޮތް ކަމަށް ކްލާކް ބުންޏެވެ.

"ޓާގެޓަކީ، ބާކީ އޮތް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދުން." ކްލާކް ބުންޏެވެ.

ކްލާކް އިތުރަށް ބުނީ، ޖަރުމަނާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވި ކަމަށާއި، އެހެންވެ އޭނާގެ ޓީމަށް ހަގީގީ ކުޅުން ނުދެއްކުނު ކަމަށެވެ. އަދި މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށާއި، އުއްމީދަކީ ކުރިއަށް އޮތް ދެ މެޗުގައި އެކަންތައް ސާބިތުކޮށްދިނުން ކަމަށް ވެސް ކްލާކް ބުންޏެވެ.

ސްކޮޓްލެންޑްގެ ކެޕްޓަން، އެންޑީ ރޮބަޓްސަން ބުނީ، ޖަރުމަނު ޓީމު އަތުގައި ހުރިހާ ކަމަކަށް ޖަވާބު އޮތް ކަމަށާއި، އަދި ޖަރުމަނުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން އެމީހުންގެ 'މެކްސިމަމް' ދިން ކަމަށެވެ. އަދި އެގޮތަށް އޭނާގެ ޓީމަށް އެކަން ނުކުރެވުނު ކަމަށް ވެސް ރޮބަޓްސަން ބުންޏެވެ.

ގިނަވަގުތު ބޯޅަ ނުހިފެހެއްޓުނު ކަމަށާއި، އެންމެ ރަނގަޅަށް ޑިފެންސް ނުކުރެވުނު ކަމަށް ވެސް ރޮބަޓްސަން ބުންޏެވެ. އެހެން އެ ގޮތަށް ކަންތައް ދިމާވުމުން، ނަތީޖާ އެ ނޫން ގޮތަކަށް ނުނިކުންނާނެ ކަމަށް ވެސް ރޮބަޓްސަން ބުންޏެވެ.